ރަމަޟާން މަހުން ދުވަހެއްގެ އިރުއޮއްސޭ ވަގުތު ޖެހެމުން ދާ ވަރަކަށް، މަގުތައް މަތީގެ ކާރޫބާރޫ ބޮޑުވާ ފަދައިން، ގޭތެރޭގެ ހަލަބޮލިކަންވެސް އިތުރުވެއެވެ. ވަކިން ހާއްސަކޮށް ބަދިގެ ފަރާތާއި ކާގެއާ ދެމެދުގައެވެ. އަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައި ވާ ބޮޑު ބަދަލާއެކު، ބަދިގެއާއި ގާކެއާއި ފެންޑާއާއި މި ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށުގައި ހުއްޓެއް ކަމަކު، މި ދެންނެވި ވަގުތަކީ ރޯދަ ވީއްލާ ގަޑިޖެހެން ވާ އިރަށް، އެމީހަކަށް ވީ ވަރަކުން ސުފުރާ މަތި ފަޅުފިލުވަން އެންމެ އަތްމަތި އަވަސްކޮށްލާ ގަޑިއެވެ.
އެހެން އުޅޭ އުޅުމުގެ ތެރޭގައި ކަރުނަ ކީއްކުރަންހެއްޔެވެ، ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ހިނދުކޮޅެއް އާދެއެވެ. އަވަދިނެތި އުޅެމުން އެހާ ބުރަ މަސައްކަތުން ތައްޔާރުކުރި ކާ އެތިކޮޅު، ބަދިގެއިން ކާމޭޒަށް ގެންދިއުމަށް އެ ކުރާ ދަތުރަކީ ރާސްތާގެ ގޮތުން ކިތަންމެ ކުރު ދަތުރަކަށް ވީ ނަމަވެސް، ވަރަށް ހައްސާސް ދަތުރަކަށް އޮންނަނީ ވެފައެވެ. އެއީ އެންމެ 3 މީހުން ދިރިއުޅޭ ތަނަކަށް ވިއަސް، އެކަކު އަނެކަކާ މުޑިއަރާ ގޮތްވެއެވެ. އަތުގައި ހުރި އެއްޗެއް ދޫވާ ފަހަރު އާދެއެވެ. ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭނަމަ އެ ނުރައްކާ އަދި ވަކިން ބޮޑުވެއެވެ. ކާބޯތަކެތި އުފުލުމަކީ ޚާއްޞަ ހުނަރެއް ލިބިގެން ނޫނީ ނުކުރެވޭނެ ކަމެކޭ ދަންނަވަން ޖެހެނީ އެހެންވެއެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަކީ، މި ދެންނެވި ގޮތަށް، އެއްތަނުން އަނެއް ތަނަށް ކާބޯތަކެތި އުފުލުމަކީ ކިހާ ވަރެއްގެ ކަމެއްކަން އަންގައިދޭ ޒަމާންވީ ރޭހެއް ބާއްވަމުން އަންނަ ސިޓީއެކެވެ. ކެވޭ ހާލަތުގައި އެއްތަނުން އަނެއް ތަނަކަށް ކާބޯތަކެތި އުފުލުމުގެ ޒިންމާ، ދުވާލަކު އެތައް ގަޑިއިރަކަށް އުފުލަމުން ދާ ވެއިޓަރުން ބައިވެރިވާ މި ރޭހަކީ ފިސާރި ފޯރިގަދަ ރޭހެކެވެ.
މަރޗް 24 ވީ އާދީއްތަ ދުވަހަކީ ފަރަންސޭސިވިލާތުގެ މަގުތަކުގައި، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ރޭސް ކުރިއަށް ގެންދިޔަ ދުވަހެއެވެ. ކެފޭތަކުގައި މަސައްކަތް ކުރާ ވެއިޓަރުންގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
ޕެރިހުގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ 200 އެއްހާ ވެއިޓަރުން ބައިވެރިވި ރޭސް އިންތިޒާމް ކޮށްފައި ވަނީ 2 ކިލޯމީޓަރުގެ ރާސްތާއަކަށެވެ. އެ ރާސްތާ ކަޑަތު ކުރަން ޖެހެނީ ކްރޮސޯންޓްއެއްގެ އިތުރުން ކޮފީ ފުރާ ހުރި ޖޯޑަކާއި ފެން އަޅާފައިވާ ތައްޓެއް، ތަބަކަކަށް ލައިގެންނެވެ.
ނަފުސާނީ ގޮތުން އަހަރެން ވަރަށް ތައްޔާރު. ފުރަތަމަ ކަމަކަށް، މިއީ އަހަރެމެން ކޮންމެ ދުވަހަކުވެސް ކޮށް އުޅޭ މަސައްކަތް. މިކަމަށް އަހަރެމެން މި ތިބެނީ އާދަވެފަ. ޢުމުރުން އެންމެ 16 އަހަރުން ފެށިގެން ވޭޓަރުކަން ކުރާ މީހެއް އަހަންނަކީ. ކޮންމެހެން 1 ވަނައަށް އަންނާކަށް ނޫން ވިސްނައިގެން ހުރީ. އެވަރުގެ ބުންވަރެއް ނެތްވިއްޔާ. އެކަމަކު، ނިންމާ ރޮނގާ ހިސާބަށް ދާއިރު ތަބަކުގަ ހުރި އެއްޗެހި ސަލާމަތުން ހުރުން ޢަމާޒަކީ.ލޫއޭން މޮޣޭލް؛ ރޭހުގެ ބައިވެރިއެއް
ކިތަންމެ ކުޅަދާނަވިއަސް، ދުވުމަކީ ރޭހުގެ ގަވައިދާ ޚިލާފު ކަމެކެވެ. ފެން ފޮދެއްގެ މިންވަރުވެސް ތަށިން ބޭރަށް އެޅިގެން ނުވާ އިރު، ތަބަކުގައި ހިފަންޖެހެނީވެސް އެއް އަތުންނެވެ.
ޕެލެޓޯން ކުރިއަށް ދަނީ ވަރަށް އުފާވެރި ޖައްވެއްގަ. ހުރިހާ އެންމެންވެސް މި ތިބެނީ ހީނހީނ. އެކަކު އަނެކަކަށް އެބަ ހިތްވަރުދޭ. އެހެންވެ، ރޭހެއްގަ ވާދަކުރާ ވާދަވެރިންތަކަކަށް ވުރެ ބޮޑު، ފިސާރި ގިނަ ޢަދަދެއްގެ ބަޔަކާއެކީގަ މަސައްކަތު އުޅޭ ކަހަލަ އިޙްސާސެއް ކުރެވެނީ. ވަރަށް ފުރިހަމަ ކޮންމެއަކަސް.ސީލިއާ؛ ރޭހުގެ ބައިވެރިއެއް
މި ރޭސް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 1914 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު ރޭސް ހުއްޓާލީ، ސްޕޮންސަރުން ނުލިބިގެންނެވެ. ރޭހުގެ ކަންކަން އަލުން ފަށާފައި ވަނީ ޕެރިހުގެ ސިޓީ ކައުންސިލާއި، ފެން ކުންފުނި ގުޅިގެން 1 ލައްކަ ޔޫރޯގެ ބަޖެޓަކާ އެކުގައެވެ.
ވެއިޓަރުންގެ ރޭސް 2024 ކާމިޔާބު ކުރި ފަރާތްތަކަށް، އެންމެ ފެންވަރު ރަނގަޅު ތަންތަނުގެ ކެއްކުމާއި ކެއުންތައް ތަޖުރިބާ ކުރުމުގެ ވައުޗަރުތަކާއި، ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ޓިކެޓްތައް ދީފައިވެއެވެ.