ކ. މާލެ
|
25 މާރޗް 2024 | ހޯމަ 13:58
ތުރުކީން ގެނައި ޑްރޯންގެ ކައިރީގައި ރައީސް ޑރ މުހައްމަދު މުއިއްޒު
ތުރުކީން ގެނައި ޑްރޯންގެ ކައިރީގައި ރައީސް ޑރ މުހައްމަދު މުއިއްޒު
އެމްއެންޑީއެފް
އަސްކަރީ ޑްރޯންތަކުގެ މައްސަލަ
ޑްރޯންތަކުގެ މައުލޫމާތު ހާމަކުރެވޭނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި: މިނިސްޓަރު
 
ޔޫއޭވީތައް ހޯދާފައިވަނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން
 
ތަހުގީގީ އިދާރާއަކުން ލިޔެކިޔުންތައް ބަލަން ބޭނުންވާ ކަމަށްވާނަމަ އެފުރުސަތު ލިބޭނެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީވިލާތުން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ މައުލޫމާތު ހާމަކުރާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޑްރޯންތަކުގައި އަދަދާއި އަގު އަދި އެއްބަސްވުންތަކުގެ ތަފްސީލް ހާމަކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ފަހުން ހޯދާފައިވާ ޔޫއޭވީތައް ހޯދިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކުން އަދި ގަވާއިދުތަކުން ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެތަކެތި ހޯދާފައިވާއިރު، މިކަމުގެ ލިޔެކިއުންތައް ހުންނާނެ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަހުގީގީ އިދާރާއަކުން ލިޔެކިޔުންތައް ބަލަން ބޭނުންވާ ކަމަށްވާނަމަ އެފުރުސަތު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއުގެ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އާއްމުކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި، 241 ކޮމިޓީގަ ސިއްރު ޖަލްސާއެއްގައި އެ މައުލޫމާތު އާއްމު ކުރެވިދާނެ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

މި މަޖިލީހަށް އަޅުގަނޑު ކަށަވަރުކޮށްދޭނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ފަހުން ހޯދިފައިވާ ޔޫއޭވީތައް ހޯދިފައިއެހުރީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކުން އަދި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން. މިކަމުގެ ލިޔެކިއުންތައް ހުންނާނެ. ބައްލަވަން ބޭނުންފުޅުވާ ތަހުގީގީ އިދާރާތަކުން ބައްލަވަން ބޭނުންފުޅު ވެއްޖެއްޔާ ހުންނާނެ. އެކަން ކުރެވިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން. ނަމަވެސް މިކަހަކަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއުގެ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ކުރާ ކަމެއް ނޫން. އެހެންކަމުން އެ މައުލޫމާތު މިތާނގަ އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން، 241 ކޮމިޓީގަ ސިއްރު ޖަލްސާއެއްގަ މި މައުލޫމާތު އަޅުގަނޑުމެންނަށް އާއްމު ކުރެވިދާނެ،
ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން

ޑްރޯންތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިކަން ދޮގުކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ދެ ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުކުރި ގޮތެއް ސާފުކޮށްދިނުމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަސްކަރީ އެއްބަސްވުންތައް ހާމަނުކުރިނަމަވެސް، އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށް އެ ޕާޓީން ބުނެއެވެ.

ރާއްޖެ ގެނައި މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ޚިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ތުރުކީގެ ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް