ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 13:52
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
ފޭސްބުކް
ގަމުގައި އަޅާ މެންޓަލް ހޮސްޕިޓަލްގެ މަސައްކަތް
ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މިހާރު އަޅަން ނިންމާފައިވަނީ މެންޓަލް ހޮސްޕިޓަލެއް: މިނިސްޓަރު
 
ގަމު ހޮސްޕިޓަލް ޖާގަ އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ
 
މާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް އަޅަނީ އައު ފަންޑަކުން

ލ.ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މިހާރު އަޅަން ނިންމާފައިވަނީ މެންޓަލް ހޮސްޕިޓަލެއް ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލެއް ނުކުރާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި އެތަނުގައި ޚިދުމަތް ދެވޭނެ ހޮސްޕިޓަލެއް އެޅުމަށް އެ ބަޖެޓުގައި މިހާރު އެރަށުގައި އެޅުމަށް ނިންމާފައިވަނީ މެންޓަލް ހޮސްޕިޓަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ އެ ހޮސްޕިޓަލް އަޅަނީ އައު ފަންޑަކުން ކަމަށެވެ. އެއީ ދުބާއީގެ ފަންޑެއްގެ ތެރެއިންނެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް މިސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން ޖާގަ އިތުރުކޮށް އަދި ޚިދުމަތް އިތުރުކުރުމަށް ހަދަންޖެހޭ ޕްލޭންތައް ހަދަމުންދާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލެއް މާލެ ސަރަހައްދަށް ބަދަލެއް ނުކުރަން. ނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި އެތަނުގައި ޚިދުމަތް ދެވޭނެ ހޮސްޕިޓަލެއް އެޅުމަށްޓަކައި އެފަންޑިން ވަނީ މެންޓަލް ހޮސްޕިޓަލެއް ބިނާ ކުރުމަށް ބަދަލު ކުރެވިގެން ގޮސްފައި. މާލޭގައި ބިނާ ކުރެވިގެންދަނީ މުޅިން އައު ފަންޑަކުން ލިބިފައިވާ ހޮސްޕިޓަލެއްކަން މިފުރުސަތުގައި އަޅުގަނޑު ފާހަގަކުރަން. ދެން ޓާޝަރީ ހޮސްޕިޓަލަކަށް ގަމު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށްވާތީ އެތަނުގައި ޖާގަ އިތުރުކޮށް އަދި ޚިދުމަތް އިތުރުކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ކުރިއަށް އެބަ ގެންދަން. އެހެންވީމަ ޖާގައިގެ އިތުރު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ގަމުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމަށް މިސަރުކާރުން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ކެންސަރު ހޮސްޕިޓަލް އެޅުމަށް ދިރާސާކޮށް ވަނީ ނިންމާފައެވެ. އަދި ގަމުން 20،000 އަކަފޫޓުގެ ބޮޑު ބިމެއް ވެސް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިސަރުކާރުގައި އެނިންމުން ބަދަލު ކޮށްފައިވާތީ އެރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކައުންސިލުން ބުނެފައިވަނީ އާބާދީ ތޮއްޖެހިފައިވާ މާލެފަދަ ސަރަހައްދަކަށް ކެންސަރު ހޮސްޕިޓަލް ބަދަލުކުރުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ކެންސަރަށް ދެވޭ ފަރުވާއަކީ ނުރައްކާތެރި ކެމިކަލް ހިމެނޭ ފަރުވާއަކަށްވާތީ އެފަދަ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅޭވޭނެ ވަސީލަތް ގާއިމްކުރުމުގައި ވެސް ލ. ގަން ފަދަ ބިންބޮޑު ރަށެއްގެ މުހިންމުކަން ބޮޑުކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް