ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ރޮކެޓު ސްޕީޑުގައި ދިޔައީ ވަސީލަތް ގިނަވެގެންތޯ ސުވާލު އުފައްދަވައި ޖުޑިޝަރީއަށް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.
ޖަމީލު ވަނީ ޔާމީނުގެ މައްޗަށް ހުކުމް ޖަހަންވުމުން ވ. އާރަށުގެ ޝަރީއަތް ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންދެވުނީ ވަސީލަތް ގިނަވެގެންތޯ އަދި ހަމަ އެމައްސަލައިގެ އިސްތިއުނާފު މިއަދު ފިނިހަކި ސްޕީޑްގައި އަޅުވަނީ ވެސް ވަސީލަތް މަދުވެގެންތޯ ސުވާލު އުފައްދަވާފައެވެ.
ޖަމީލު ވިދާޅުވީ ޖުޑިޝަރީއަކީ މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއްކަމަށް ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ކުޅުޖަހަން އުޅުންކަހަލަ ކަމެއް ކަމަށެވެ.
ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު ޖަމީލު ވަނީ ނުކުރަންވީ ސިޔާސީވުމާއި، ވެރިންގެ ރުހުން ހޯދަން އުޅުން ކަމަށެވެ. އަދި ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއް ފަދައިން މުޅި މާހައުލު ތަޢައްރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވުމަށް ޖަމީލު ގޮވާލެއްވިއެވެ.
ޖަމީލުގެ ފާޑުކިޔުން ޖުޑިޝަރީއަށް އަމާޒުވެފައި މިވަނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭނަމަ ޝަރީއަތްތައް އަވަސް ވާނެ ކަމަށް އުއްމީދު ނުކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ވިދާޅުވެފައިވާތީއެވެ.
ސުއޫދު މިހެން ވިދާޅުވީ 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ޢިރުފާން ތަޤިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގަ އެވެ. ސުއޫދު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާ އަވަސް ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތް ކުރާނެ، އެކަން ކުރުމަށް އެކަށޭނެ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހައި އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައިދިނުމުން ކަމަށް ސުއޫދު ވިދާޅުވި އެވެ.