ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ދެވަނަ ފަހަރަށް މިފަދަ ފަހި ފުރުސަތެއް ނުލިބިދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ރަމަޟާންމަހާއި ދިރިއުޅުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެއް ކަމަށާއި، ޤުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރެއް ކަމަށެވެ. އަދި ހިދާޔަތުގެ މައްސަރު ކަމަށެވެ.
ޚުތުބާގައި ބުނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާއީ ސިއްހީ ގިނަގުނަ ފައިދާތަކެއްވާ ކަމަށެވެ. ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށާއި، ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވާ ކަމަށެވެ. އެގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ. ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރޯދަވެރިޔާ އަހުލާގު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެ ކަމަށާއި، އޭނާ ވާހުށީ ގިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިހްސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށެވެ. އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށެވެ.
ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)[4] މާނައީ: "ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ اللّٰهُ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ." ވީމާ، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.ހުކުުރު ޚުތުބާ
ޚުތުބާގައި ބުނީ ރޯދައަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށާއި، މިފަދަ ފަހި ފުރުސަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ. ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވުމަށާއި، ތާރާވީޙު ނަމާދާއި ރޭއަޅުކަން ކުރުމަށް އެދިފައިވެއެވެ. އަދި ގުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަރުގައި ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މުޖްތަމައު އެއްބައިވަންތަކުރާ މުޖްތަމައުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.