ކ. މާލެ
|
22 މާރޗް 2024 | ހުކުރު 12:28
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
އަސްކަރީ ޑްރޯންތަކުގެ މައްސަލަ
އަސްކަރީ ޑްރޯންތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ: ރައީސް މުއިއްޒު
 
ގައުމުގެ މިނިވަންކަން އެންމެނަށް ވެސް މުހިންމު
 
ޑްރޯންތަކުގެ އަދަދު ހާމަނުކުރަނީ ގައުމީ ދިފާއީ ބާރުން އެގޮތަށް އެކަން ކުރުމަށް އިރުޝާދު ދީފައިވާތީ
 
މިސަރުކާރުގައި ކޮރަޕްޝަނެއް ނުހިންގާނެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީވިލާތުން ގަނެފައިވާ އަސްކަރީ ޑްރޯންތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު އޮންލައިން ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެ މައްސަލައެއް ބެލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި، މިސަރުކާރުގައި ކޮރަޕްޝަނެއް ނުހިންގާނެ ކަމަށެވެ. އެފަދަ ކަމެއް މީހަކު ކުރާކަން އެނގޭ ހިސާބުން އެމީހަކާއިމެދު ފިޔަވަޅު އަޅާނީ ވެސް ޚުދު އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ޑްރޯންތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ގައުމީ ސަލާމަތާއި ގުޅިފައިވާ ކަމަށާއި، ޑްރޯންތަކުގެ އަދަދު ހާމަނުކުރަނީ ގައުމީ ދިފާއީ ބާރުން އެގޮތަށް އެކަން ކުރުމަށް އިރުޝާދު ދީފައިވާތީ ކަމަށެވެ. އެހެންނޫން ކަންކަމުގައި އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި، ނުފޮރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އެފަދަ މައުލޫމާތުތައް އާއްމުނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަން އެންމެނަށް ވެސް މުހިންމު ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޑްރޯންތައް ގަތުމުގައި ބޮޑު ބައެއް ލިބުނީ ހިލޭ ކަމަށް ހާމަކުރެއްވި ސަބަބަކީ ވެސް އޭގެ އަގު ބޮޑު ވާހަކަ ބައެއް މީހުން ދައްކަމުންދާތީ ކަމަށެވެ.

މިހާރު ދަންނަވަންތޯ ކޮރަޕްޝަން އޮތް ކަމަށްވަންޏާ ކޮންމެ މީހަކަށް ވެސް ހައްގު އޮންނާނެ ބަލަން. މިސަރުކާރަކުން ނުހިންގާނެ ކޮރަޕްޝަންގެ އެއްވެސް އަމަލެއް. އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. އަދި އެކަހަލަ އެއްވެސް ކަމެއް މީހަކު ކުރަންޏާ އެމީހަކާއި އިސްވެ ފިޔަވަޅު އަޅާނީ އަޅުގަނޑު އެނގޭތޯ. ތި ޑްރޯންކަންތަކުގައި ވެސް އަދި އެހެން މަޝްރޫއެއްގައި ވެސް ނޯންނާނެ. މިއީ ގައުމީ ސަލާމަތަށް ސީދާ ގުޅިފައި އޮތް ކަމެއް. މީޑިއާތަކުން އެކި އަދަދު އެބަ ކިޔާ ޑްރޯންގެ އަދަދު ވެސް. އަޅުގަނޑަށް އެމްއެންޑީއެފުން ޗީފް އޮފް ޑިފެންސް، މިނިސްޓަރު، ދެން ތިއްބެވި ޖެނަރަލުން ވެސް ދެއްވި ލަފައަކީ އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވާގެން ނުވާނެއޭ. އެނގިގެން ނުވާނޭ. އެއްވެސް ގައުމެއްގެ ހުންނަ މިލިޓަރީ އަލާތްތަކުގެ އަދަދާއި ތަފްސީލު ހަގީގަތުގައި އެއްކޮށް އެނގުނަކަށް ނުދޭނެ. އެއީ ހަމަ ގައުމުގެ ސަލާމަތަށްޓަކައި. އެހެންވީމަ ގައުމީ ސަލާމާތާއި ގުޅިފައި އޮތް ކަމެއް ވީމަ އެތަފްސީލްތައް އަޅުގަނޑުމެން ހާމަނުކުރަނީ. ދެން އަޅުގަނޑުމެން ހިލޭ އެ ލިބުނު ވާހަކަ އަޅުގަނޑު ދެންނެވީ ވެސް ހަގީގަތުގައި މީގައި އަގުބޮޑު ވާހަކައާއި މިކަހަލަ ވާހަކަތައް ބައެއް މީހުން ދައްކާތީވެ ތުރުކީގެ ރައީސްއަށް ތުރުކީގެ ސަރުކާރަށް އަޅުގަނޑުމެންނަށް މިކަމުގައި ސަޕޯޓު ހާމަކުރުމަށްޓަކައި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޑްރޯންތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ދެ ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުކުރި ގޮތެއް ސާފުކޮށްދިނުމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަސްކަރީ އެއްބަސްވުންތައް ހާމަނުކުރިނަމަވެސް، އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނީ މި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް ބަލަންޖެހޭ ކަމަށާއި، އެޕާޓީން މިކަން ކުރާނެ ކަމަށެވެ.

ރާއްޖެ ގެނައި މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ޚިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ތުރުކީގެ ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް