އިންޓަ ރިސޯޓް ވޮލީބޯލް މުބާރާތުގައި ފަސޭހަކަމާ އެކު ބަނޑޮސް މޯލްޑިވްސް ބަލިކޮށް ޒޯން އެކެއްގެ ޗެމްޕިއަންކަން ގްރޭންޑް ޕާކް ކޮއްދިއްޕަރު ހޯދައިފި އެވެ.
ހުކުރު ދުވަހު ހަވީރު ބަނޑޮހުގައި ކުރިޔަށްދިޔަ ފައިނަލް މެޗު ބަނޑޮހާ ވާދަކޮށް ކޮއްދިއްޕަރުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށް ފަހު 26-28 އިން ކޮއްދިއްޕަރުން ކާމިޔާބުކޮށްފައިވާއިރު، ޖެހިގެން އައި ދެ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 17-25 އަދި 21-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮއްދިއްޕަރުގެ އާދަމް ނަސީމް އެވެ.
ޒޯން އެކެއްގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަކަށް ކޮއްދިއްޕަރުގެ އާދަމް ނަސީރު ހޮވުނުއިރު، ދެވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަކަށް ހޮވުނީ ކޮއްދިއްޕަރުގެ އިބްރާހިމް ފަލާހް އަބޫބަކުރު އެވެ.
އެންމެ މޮޅު މިޑިލް ޕްލޭއާ އަކަށް ބަނޑޮހުގެ ހުސެއިން ސައީދު ހޮވުނުއިރު، ދެވަނަ އަށް އެންމެ މޮޅު މިޑިލް ޕްލޭއާ އަކަށް ހޮވުނީ ވަން އެންޑް އޮންލީ ރީތި ރަށުގެ ހުސެއިން ޔޫސުފް އެވެ.
އެންމެ މޮޅު ސެޓަރަކަށް ޝެރެޓަންގެ ހުސެއިން ވިޝާމް ހޮވުނުއިރު، އެންމެ މޮޅު އޮޕޮޒިޓް ޕްލޭއާ އަކަށް ހޮވުނީ ޝެރެޓަންގެ އަހުމަދު އަބްދުލް ކަރީމް އެވެ. އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ކޮއްދިއްޕަރުގެ އަހުމަދު ހުސެއިން އެވެ.
އެންމެ މޮޅު ކޯޗަކަށް ކޮއްދިއްޕަރުގެ ހާލިދް މުހައްމަދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮހުގެ މުހައްމަދު ރިމާޒް އެވެ. ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮހުގެ އަލީ ވަހީދެވެ.
ޒޯން ތިންވަނަ ލިބުނީ ޝެރެޓަން މޯލްޑިވްސް އަށެވެ.