ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 04:51
މެޗުގައި ލަނޑުޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
މެޗުގައި ލަނޑުޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
ރޮއިޓަސް
ހެރީކޭން
60 އަހަރުވީ ރެކޯޑް ކޭން މުގުރާލައިފި
އޭނާ ވަނީ މިހާތަނަށް 31 ގޯލު ޖަހާފައި

ޖަރުމަނުގެ ބުންޑަސްލީގާގައި 60 އަހަރުވީ ރެކޯޑެއް ބަޔާން މިއުނިކްގެ ފޯވަޑް ހެރީކޭން މުގުރާލައިފި އެވެ.

މި ރެކޯޑަކީ ފުރަތަމަ ސީޒަނުގައި 30 ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. މީގެ ކުރިން މިކަން ކޮށްފައިވަނީ 1963/64ގެ ސީޒަނުގައި ހަމްބާގެ ފޯވަޑް އުވީ ސީލާ އެވެ. އޭނާ ޖެހީ 30 ގޯލެވެ. ނަމަވެސް ރޭ ޓޭބަލުގެ ފުލުގައި އޮތް ޑާމްސްޓަޑް ކޮޅަށް ޖެހި ގޯލާއެކު ކޭން މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ.

އިނގިރޭސި ގައުމީ ކެޕްޓަން މި ސީޒަނުގައި ބަޔާންއަށް ބަދަލުވުމުގެ ކުރިން ވެސް އޭނާ ވަނީ އިނގިރޭސި ޕްރެމިއާ ލީގުގައި ދެ ސީޒަނެއްގައި 30 ވުރެ ގިނަ ގޯލު ޖަހައިފަ އެވެ.

ޖަރުމަނު ލީގުގައި ރޭ ޑާމްސްޓަޑް 5-2އިން ބަލިކުރުމަށްފަހު ކޭން އަށް ދެން އޮތް އެންމެ މުހިންމު ޓާސްކަކީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ލީގުގެ އާސެނަލް ބަލިކުރުމެވެ. ބަޔާން އާއި އާސެނަލް ކުޅޭ މެޗުގެ ފުރަތަމަ ލެގު އޮންނާނީ އޭޕްރީލް 9ގައި އެމިރޭޓްސް ސްޓޭޑިއަމުގަ އެވެ.

ބަޔާން މިއުނިކް މިވަގުތު އޮތީ ޖަރުމަނު ލީގުގެ ދެ ވަނާގަ އެވެ. އެއީ 60 ޕޮއިންޓާއެކުގަ އެވެ. ޓޭބަލުގެ އެއްވަނާގައިވަނީ 67 ޕޮއިންޓާއެކު ބަޔާން ލެވަކޫސަން އެވެ. އެ ޓީމަށްވުރެ ބަޔާން ވަނީ އެއް މެޗު އިތުރަށް ކުޅެފަ އެވެ.

- ކޮމެންޓް