ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތައާރަފު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދާއެކު ބޮޑު ގައުމެއްކަމަށާއި، ރާއްޖޭގެ ސަރަހައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމަށެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަކީ 9 ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިގުތިސާދީ ޚާއްސަ ސަރަހައްދެއް ހިމެނޭ ބޮޑު ގައުމެއްކަމަށާއި އަދި އެސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން މިހާރު ހުރި ގައުމެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖެއަކީ ހުރިހާ ގައުމަކާވެސް ގާތްގުޅުން އޮންނާނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތައާރަފު ކުރާނެ ކަމަށެވެ.
އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަސީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ. ކޯސްޓްގާޑުގެ ކެޕޭސިޓީވެސް މި ފަސްއަހަރު ނިމޭއިރު މިހާރަށްވުރެ ދެގުނަ އިތުރު ކުރާނެ ކަމަށާއި، އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
ގައުމު ދިފާއުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެވެސް ވާޖިބެއް ކަމަށާއި. މިނިވަންކަމާ ގައުމުގެ ސިޔާދަތީ ކަންކަމުގައި ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ގައުމުގެ ހައްގުގައި އެއްގޮތްވާން ޖެހޭނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.