ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ދިރިއުޅުމުގެ އާދަކާދައަށް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ވަކިން ޚާއްޞަކޮށް، ކެއިންބުމުގެ އާދަތަކަށް އަންނަ މި ބޮޑު ބަދަލާ ދިމާކޮށް، ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމެކެވެ. މީލާދީ ކަލަންޑަރުން، އަހަރުގެ ކޮންމެ ފަދަ ދުވަސްވަރަކާ ރަމަޟާން މަސް ދިމާވި ކަމުގައި ވީ ނަމަވެސް، އެކަން އެކަން އޮންނަނީ އެހެންނެވެ. މިފަދަ މާތް މައްސަރަކާ ދިމާކޮށް، ވިޔަފާރިވެރިންގެ ތެރެއިން ބަޔަކު ހިންގާ ޖަރީމާގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައި އޮންނަނީ ނިކަމެތީންނަށެވެ.
އަހަރެމެން ދިވެހިންގެ ތެރޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އެންމެ ބޮޑު އިންސައްތައެއް އެ ޤައުމަކަށް ނިސްބަތްވާ ބަންގްލަދޭޝްގެ ޙާލުވެސް ހުރީ ހަމަ އެ ކަހަލަ ގޮތަކަށެވެ. ރަމަޟާން މަހާ ގާތް ވަމުންދާ ވަރަކަށް، ޢާންމު ދިރިއުޅުމުގެ ޟަރޫރީ ބޭނުންތަކަށް ކޮންމެހެން ހޯދަން ޖެހޭ ސާމާނުގެ އަގުތައް އުފުލެމުން ދަނީ ފަތުއަޑުކިޔާފައެވެ. އަތް ނުފޯރާ ހިސާބަށެވެ. ބަންގްލަދޭޝްގެ ހުރިހާ ހިސާބަކަށްވެސް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. ޢާންމު، ރައްޔިތު މީހާގެ ދިރިއުޅުން އޮތީ ތަކުލީފަކަށް ވެފައެވެ.
ބަންގްލަދޭޝްގެ ވެރިކަން ކުރާ ޑާކާގެ އެންމެ ބޮޑެތި ބާޒާރުތަކުގެ ތެރޭގައި ގުނާލެވޭ ކަވްރާން ބާޒާރުގައި ވިޔަފާރި ހިންގާ މީހުންގެ ވާހަކަތަކަށް ބަލާއިރު، ޢާންމު ދިރިއުޅުމުގައި ކެއްކުމަށް ބޭނުން ކުރާ އެންމެ އަސާސީ ތަކެތީގެ އަގުތައް މިހާރުވެސް ވަނީ އުފުލިފައެވެ. އޭގެ ތެރޭގައި މުގުގެ ބާވަތްތަކާއި، ފިޔާ އަދި ކުކިންގް އޮއިލްވެސް ހިމެނެއެވެ. މި ބާވަތްބާވަތުގެ އުފެއްދުންތަކުގެ އަގު މިހާރު އުޅެނީ، މިދިޔަ ފެބުރުއަރީ މަހާ އަޅާ ބަލާއިރުވެސް 30 އާއި 40 ޕަސެންޓާ ދެމެދު މިންވަރެއް ބޮޑުކޮށެވެ. އަގުތައް އިންތިހާއަށް އުފުލިފައިވާ ބައެއް ބާވަތްތަކަށް ބަލާއިރު، ރަމަޟާން މަހާ ޚާއްޞަ ގޮތެއްގައި ގުޅިފައި އޮންނަ، މެދުއިރުމަތިން އިމްޕޯޓް ކުރާ ކަދުރުގެ އަގުތައްވެސް އިންތިހާއަށް ބޮޑުވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ރަމަޟާން މަސް ގާތް ވާ ވަރަކަށް، ކަދުރާއި، މުގާ، ފިޔާ އަދި ކައްކާ ތެލުގެ އަގު ވަނީ އުފުލިފަ. ސަނާމުގެ އަގުތަކުން 20 ޓާކާ (0.18 ޑޮލަރު) ވަނީ ބޮޑުވެފަ. ފުށުގެ އަގު އަދި ބަދަލެއް ނުވޭ.ރަޤީބުލް ޙަސަން؛ ސޭޓެއް
އުފުލެމުންދާ އަގުތަކުގެ ސަބަބުން މިހާރުވެސް ހަނާވަމުން ދާ އެކަކީ ދުވަހު އުޖޫރައަށް ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުޙައްމަދު އަބޫއެވެ.
ޢާންމު ދިރިއުޅުމަށް ދުވަހުން ދުވަހަށް ބޭނުންވާ އެންމެ ޟަރޫރީ އެއްޗެހި ހޯދުންވެސް އަހަރެމެންނަށް މި ވަނީ ތަކުލީފަކަށް ވެފަ. އަގު ބޮޑު ކަމުން. އަހަރެމެންނަށް ދުވާލެއްގެ މައްޗަށް ކިރިޔާ މި ލިބެނީ 400 ޓާކާ (3.61 ޑޮލަރު). އެޔަކުން ނުގަނެވޭ އަހަރެމެންގެ ބޭނުންޖެހިފަ އޮތް މިންވަރަށްވެސް. ގެއަށް ބޭނުންވާ އެއްޗެހި ގަންނަ ކޮންމެ ފަހަރަކު، އަހަރެމެން ހައްތަހާ ބޮޑަށް ދަރަނިވެރި މި ވަނީ.މުޙައްމަދު އަބޫ؛ ދުވަހު އުޖޫރައަށް މަސައްކަތް ކުރާ ލޭބަރެއް
ބަންގްލަދޭޝްގެ ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަހަރީ އިންފްލޭޝަން ރޭޓް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.86 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. ޑިސެމްބަރ 2023 އަށް ވުރެ މަތިވެފައި ވަނީ 9.41 ޕަސެންޓްއެވެ.
ދުވަސްވަތައް ވޭތުވަމުން ދާ ވަރަކަށް، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އެއްޗެހީގެ އަގުތައް ދަނީ އުފުލެމުން. އެކަމާ ހެދި އޮޅުންބޮޅުން އުފެދި، ޢާންމުން ރުޅިގަދަ ވާ ގޮތްވެފަ ތިބެނީ.ހާރުއްނޫރު ރާޝިދު؛ ބާޒާރުގައި ހުރި ކަސްޓަމަރެއް
ކަވްރާން ބާޒާރުގައި ވިޔަފާރި ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި، ކުއްލިއަކަށް އަގުތައް އުފުލެމުން ދަނީ ހޯލްސޭލް ސަޕްލަޔަރުންގެ ސަބަބުންނެވެ. ނަޢަމްސޫފީގެ ވިޔަފާރި ކުރާ މިންތު ބިޕާރީ އުންމީދު ކޮށްގެން ހުރީ، ރަމަޟާން މަސް ފެށެން ވާ އިރަށް، އަގުތައް ތިރި ވާނެ ކަމަށެވެ. ނަޢަމްސޫފީގެ އަގުތައް އުފުލެން ފެށިތާ މިހާރުވެސް 2 ހަފުތާވެއްޖެއެވެ.
ރަމަޟާން މަހުގެ ކުރިން މިއޮތީ ނަޢަމްސޫފީގެ އަގުތައް އުފުލިފަ. އެއީ ސަޕްލައިއަށް ވުރެ، އޯޑަރުތައް ގިނަ ވީމަ. ރަމަޟާން މަހު އަގުތައް ދަށަށް ދާނެ ކަމަށް އުންމީދު މި ކުރަނީ. އެކަމަކު، މި ދުވަސްކޮޅު އަހަރެމެން މި ވިއްކަނީ ވަރަށް ބޮޑު އަގުގަ. އެއީ ހޯލްސޭލް އަގުވެސް އެހާ ބޮޑުވީމަ.މިންތު ބިޕާރީ؛ ނަޢަމްސޫފީގެ ވިޔަފާރި ކުރާ މީހެއް
މި ކަންކަމަކީ ބަންގްލަދޭޝްގެ ޢާންމު ރައްޔިތުންނަށް ބަރުދާސްތު ކުރަން ދަތި، ޙަޖަމްވެސް ކުރަން ދަތި ޙަޤީޤަތަކަށް އޮތީ ވެފައެވެ.
އަގުތައް ކޮންޓްރޯލް ނުކުރެވުނީމަ، ސަރުކާރުން މި ބަދުނާމު ކުރަނީ ބައިނަލްއަޤުވާމީ ބާޒާރު. ކަލޭމެންނަށް ހީވޭތަ، ބައިނަލްއަޤުވާމީ ބާޒާރުގަ ވާނުވާއެއް ޢާންމުންނަށް އެނގޭނެހެން؟ ނޫނީ އެކަމަށް ފަރުވާލެއްވެސް ބަހައްޓާނެހެން؟ އަހަރެމެން ވިޔަފާރި ކުރަނީ ދޭސީ ބާޒާރުތަކުން. ޑޮލަރުގެ އަގުތަކޭ، އިންފްލޭޝަންއޭ ކިޔައިގެން އަހަރެމެންނަށް ޢަދަދުތަކެއް ދައްކާނެ ކަމެއް ނެތް. ދަށް ފަންތީގެ މީހުން ދިރިހުރުމަށްޓަކާ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ.ލިޓަން މިއާ؛ ބާޒާރުގައި ހުރި ކަސްޓަމަރެއް
170 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ބަންގްލަދޭޝްގައި ހަކަތައާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އިންފްލޭޝަން ރޭޓް އުފުލުމުގެ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާ އިރު، ބަންގްލަދޭޝް ފައިސާގެ އަގުވެސް ދަނީ ވެއްޓެމުންނެވެ. މި ކަންކަމަކީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާގެ ސަރުކާރަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް ބޮޑު ބޮލުގެ ރިހުމެކެވެ.