ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 14:42
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް
ގޫގުލް
ބުރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައި "ނުވާނެ": ފެނާންޑޭޒް
ޔުނައިޓެޑް މިވަގުތު އޮތީ ގަދަ 4 އަށްވުރެ 11 ޕޮއިންޓް ފަހަތުގައި

މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނުގެ ޔޫރަޕިއަން ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާނެ ކަމަށް ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވެ، މި ސީޒަނުގައި 11 މެޗުން ބަލިވުމާއެކުގަ އެވެ. ކޮންމެ ޓީމަކަށް ބާކީ މިހާރު އޮތީ 11 މެޗެވެ. އެކަމަކު ޗެމްޕިއަންސް ލީގު ޖާގަ ލިބޭ ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުމަށް ޔުނައިޓެޑަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ޓޭބަލް މިހާރު އޮތުން ޔުނައިޓެޑް އޮތީ 44 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބޭ ހަތަރުވަނައިގައި މިވަގުތު އޮތީ އެސްޓަންވިލާ އެވެ. އެއީ 55 ޕޮއިންޓާއެކުގަ އެވެ. ފަސްވަނައިގައި އޮތީ 50 ޕޮއިންޓާއެކު ޓޮޓެންހަމެވެ. ޔުނައިޓެޑް ވަނީ އެމީހުންނަށް އިތުރަށް އެއް މެޗު ވެސް ކުޅެފަ އެވެ. މިހެންވެ އެސްޓަންވިލާއާ ދެމެދު 11 ޕޮއިންޓް އަދި ޓޮޓެމްހަމާ ދެމެދު މިވަގުތަށް އޮތް ހަ ޕޮއިންޓް އެމީހުން ކުރިއަށް އޮތް މެޗުން މޮޅުވެއްޖެނަމަ 9 ޕޮއިންޓަށް ފުޅާވާނެ އެވެ.

ފެނާންޑޭޒް ބުނީ ގަދަ ހަތަރަކާ ދެމެދު އޮތް ފަރަގަކީ ސީޒަނުގެ ބާކީ މެޗުތަކުގެ އަދަދާއި ލީގުގެ ވާދަވެރިކަމަށް ބަލާއިރު އަރާ ހަމަކުރަން އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. މިހެންވެ މިއީ "ނުވުންގާތް ކަމެއް،" ކަމަށެވެ.

"އެކަމަކު އަހަރުމެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރަންޖެހޭ. އެންމެ ފަހު މެޗާ ހަމައަށް އަހަރުމެން މަސައްކަތް ކުރުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ކިރިޔާ ވެސް އުއްމީދަކީ،"
ފެނާންޑޭޒް ބުންޏެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަކީ ޔުނައިޓެޑް ހިންގުމާ މިހާރު ހަވާލުވެހުރި ވިޔަފާރުވެރިޔާ ޖިމް ރަޓްކްލިފޭގެ ޝަތުރެކެވެ. އެކަން ނުވެއްނަމަ ޓީމުގެ ކޯޗާއި ކުޅުންތެރިންނަށް ވެސް ބޮޑު ބަދަލުތަކެއް އައުން ގާތެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ ރަޓްކްލިފޭ ވަނީ މިކަން ކޯޗު އެރިކް ޓެންހަގަށް ވެސް އަންގާފައި ކަމަށެވެ.

- ކޮމެންޓް