ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމައިން ކަރެގާ އަކީ ދޮގުހަދާ މީހެއް ކަމަށް އިނގިރޭސި ގައުމީ ކެޕްޓަން ހެރީ ކޭން ސިފަކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކް 3-1 އިން ލާޒިއޯ އަތުން މޮޅުވި މެޗުގައި ކޭން ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. މެޗު ހިނގަމުންދިޔައިރު ސީބީއެސް ޓީވީގައި ވާހަކަ ދައްކަމުން ކަރެގާ ބުނީ މި މެޗުގެ ކުރިން އޭނާ ކޭން އަށް ފޯނުކޮށް އޭނާއަށް ހިތްވަރުދިން ކަމަށެވެ.
މިހެންވެ މެޗުގެ ޕޯސްޓް މެޗު ޕްރެޒެންޓަރ ކޭޓް އަބްދޯ ފެށީ މި ވާހަކައިންނެވެ. އޭނާ ކޭންގެ ކިބައިން އެދުނީ ކަރެގާ ދެއްކި ވާހަކައިގެ ތެދު ދޮގު ބުނެދިނުމަށެވެ.
އެއީ ދޮގެއް. އަހަރުމެންނަކީ ރަހުމަތްތެރިން. އެކަމަކު އަހަރެން ދޮގު ހަދާކަށް ނެތިންކޭން
މިކަމާ ގުޅިގެން އެއިންޓަވިއުގައި ކަރެގާ ވަނީ ކޭންގެ ކިބައިން ދޮގު ނުހަދައި ތެދަށް ވާހަކަ ދައްކަން އެދިފަ އެވެ. އަދި އޭނާއާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދައްކަން ވެސް ކަރެގޭ އެދުމުން ވެސް ކޭން ބުނީ އޭނާ ކިޔައިދިނީ ތެދު ހަގީގަތް ކަމަށެވެ.
މި ޝޯގެ ފަހުން ކަރެގާ ކޭން ޓެގްކޮށް އެކްސްގައި ބުނެފައިވަނީ އޭނާ މަސައްކަތް ކުރީ އެމެރިކާގައި ތިބި އޭނާގެ ސަޕޯޓަރުންނަށް މޮޅު ވާހަކައެއް ކިޔައިދޭން ކަމަށެވެ. މިކަމާ ގުޅިގެން ކޭން ވެސް ބުނެފައިވަނީ އަބަދުވެސް ކަންކަމުގެ ހަގީގަތް ހާމަވަމުންދާ ކަމަށެވެ.