ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހާއި ގުޅުވައިގެން، ހަދިޔާ ދިނުމުގައި ކޭޝް ފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ ގޮތަށް އަމަލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިލްތިމާސްކޮށްފިއެވެ.
ރަމަޟާން މަހުގެ އިނާއަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭގޮތުން ހޯމަ ދުވަހު ޕީސީބީން ބުނީ ވަޒީފާއާބެހޭ ގާނޫނު އަށް ގެނެވުނު 4 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާ އަދަކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާއަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާއަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ ތަނަކުން އިނާއަތުގެ ފައިސާ ދިނުމަށާއި، އަދި އިތުރަށް ވަޒީފާ އަދާކުރާ ތަނަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ޕީސީބީން ވަނީ އަންގާފައެވެ.
ފީސީބީން ބުނީ ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭލީވް ( ސްކޯލަރޝިޕް މުވައްޒަފުން) އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުން ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެގޮތުން މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖަނަމަ އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެއަދަދަކަށް އިނާއަތުގެ ފައިސާ ދޭންޖެހޭ ކަމަށް ޕީސީބީން ބުނެއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެމުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަކަށް އިނާއަތުގެ ފައިސާ ދިނުމަށް ވެސް ޕީސީބީން ވަނީ އަންގާފައެވެ.
ޕީސީބީން ބުނީ މިއަހަރުގެ ރަމަޟާން މަހުގެ އިނާއަތުގެ ގޮތުގައި މުވައްޒަފުންނަށް އިތުރަށް ނުވަތަ މަދުން އިނާއަތުގެ ފައިސާ ދީފައިވާނަމަ މާރިޗު މަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓްކުރަންޖެހޭ ކަމަށެވެ.
ރަމަޟާން މަހާ ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ ކޭސްފުލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުމަށް ޕީސީބީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާއަތް ދިނުމުގައި ސާކިއުލަރ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެދިފައެވެ.