ކ. މާލެ
|
4 މާރޗް 2024 | ހޯމަ 10:09
ފަރާޖް ބަކްރޫން؛ ޣައްޒާ ސިޓީއިން ގެދޮރު ގެއްލިފައިވާ ފިރިހެނެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޙަމަލާ މަޑުޖައްސާ އެއްބަސްވުމާ މެދު ޣައްޒާގެ ރަށްވެހިން ދެކެނީ ކިހިނެއް؟
 
ޙަމަލާ ބަދަލު ކުރުން މަޑުޖައްސާލިއެއް ކަމަކު އިޒްރޭލުގެ އަސްކަރިއްޔާގެ ސަފުތައް އޮންނާނީ ޣައްޒާގައި މީހުން ވަޒަންވެރިވެފައިވާ ސަރަޙައްދުތަކުގެ ބޭރުގައި ރުކުރުވާލާފައި ކަމަށް މަޢުލޫމާތު ލިބޭ
 
ޙަމަލާ މަޑުޖައްސާލުމުގެ ދިގުދެމިގެންދާ އެއްބަސްވުމެއްގެ ވާހަކަތައް ބައިޑަން ހިއްސާ ކުރެއްވީ، ރެކޯޑްކޮށް ބްރޯޑްކާސްޓް ކުރި މެސެޖެއްގައި

ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމު މިއިން ދުވަހަކު ހުއްޓާލާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. މުޅިންވެސް އިވެނީ ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދާ ވާހަކައެވެ. ފާޅުގައި ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާ އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އަޅަން ކެރުނު ޤައުމެއް ނެތެވެ. ޙަމަލާ ހުއްޓުވުމަށް ގޮވާލާ، އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތް ކުރާ ޤަރާރުތަކަށް، އެމެރިކާއިން އަޅާ ހުރަހާ ހެދި ބައިނަލްއަޤުވާމީ އިމުގެ ތެރެއިންވެސް އިޒްރޭލު މަތަ ކުރެވޭނެ ގޮތެއް ނެތިފައި އޮތް އިރު، ފަލަސްޠީނުގެ ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ސުވާލުތައް، ހައްތަހާވެސް ވަނީ އިތުރެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު ދިރިއުޅެމުން ދަނީ ދެކުނުގެ ރަފަޙުގައެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ މެދު ޣައްޒާގެ ރަށްވެހިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މުސްލިމު ޢުއްމަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޣައްޒާގެ އަޚުންނާއި އުޚުތުން، ރަމަޟާން ހޭދަ ކުރާނެ ގޮތެވެ. ރަމަޟާން މަހަށް ޙަމަލާތައް ހުއްޓާލުމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، އެއީ ފަލަސްޠީނުގެ ރައްޔިތުން އެންމެ ބޭނުން ވާ ގޮތް ނޫން ކަން، ރަފަޙުގައި ތިބި ބައެއް މީހުންގެ ވާހަކަތަކުން އެނގެއެވެ.

އުންމީދަކީ ދާއިމަށް ޙަމަލާތައް ހުއްޓާލުން. ހަނގުރާމައަކަށް އަލުން އަނބުރާ ދާކަށް އަހަރެމެން ބޭނުމެއް ނޫން. ޙަމަލާ މަޑުޖައްސާފަ އޮވެފަ، އަނެއްކާ ހަނގުރާމަ ފަށައިގެން އަހަރެމެންގެ ގެދޮރު ސުންނާފަތިކޮށްލީ. ގެދޮރު ގެއްލުނުތާ މިހާރު 3 މަސް މި ވީ. އެއްތަނުން އަނެއް ތަނަށް ހިޖުރަކޮށްކޮށް ވަރުބަލިވެއްޖެ. މީ ހަމަ ހިޖުރަ ކުރުން. އަހަރެމެން މި ތިބެނީ ނައިލޯން ޓެންޓުގަ، ވިސްނޭތަ އެބަ؟ ކާ އެއްޗެއް ނެތް، ބޯނެ އެއްޗެއް ނެތް، ދިރިއުޅުމުގެ އެންމެ އަސާސީ މިންވަރުވެސް ނެތް. އަހަރެމެންގެ އުންމީދަކީ ދާއިމަށް ޙަމަލާ ހުއްޓާލުން. އަމިއްލަ ގެދޮރަށް ދެވުން. ތެދެއް، އަހަރެމެންގެ ގެތަކެއް ނެތް މިހާރު، އެ ކަމަކު އެ ބިމަށް ދެވުން އުންމީދަކީ. ގެދޮރު ގެއްލިފަ ތިބޭކަށް އަހަރެމެން ބޭނުމެއް ނޫން. އަހަރެމެން ކުރާ ހަމަ އެކަނި އުންމީދަކީ މީ.
ރީހާބް ރިދްވާން؛ ޚާން ޔޫނިސްއިން ގެދޮރު ގެއްލިފައިވާ އަންހެނެއް

އެ ބައެއްގެ ނިވަލާއި ހިމާޔަތުގައި އޮވެގެން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ރަމަޟާން މަހާ ދިމާކޮށް، ޙަމަލާ މަޑުޖައްސާލުމަށް ބާރުދޭ އެއްބަސްވުމެއް ވަރަށް އަވަހަށް އެކުލަވާލުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމަސް ޖަމާޢަތުގެ އޮފިޝަލުން ބުނާ ގޮތުގައި، ބައިޑަންގެ ވާހަކަފުޅަކީ، "ތަޞައްރަފު ނުފުދޭ"، އަވަސް އަރުވާލައިގެން ދެއްކެވި ވާހަކަފުޅެކެވެ.

ޙަމަލާ މަޑުޖައްސާލުމުގެ ދިގުދެމިގެންދާ އެއްބަސްވުމެއްގެ ވާހަކަތައް ބައިޑަން ހިއްސާ ކުރެއްވީ، ރެކޯޑްކޮށް ބްރޯޑްކާސްޓް ކުރި މެސެޖެއްގައެވެ. މެސެޖު ޢާންމު ކުރި ދަނޑިވަޅަކީ، މުޅި ޣައްޒާ ހަފުސް ކުރި ޤަތުލުޢާންމު ވަގުތީ ގޮތުން މަޑުޖައްސާލުމުގެ މަޝްވަރާތައް، މުފައްވިޟުން ނުވަތަ ނެގޯޝިއޭޓަރުންގެ މެދުގައި ކުރިއަށް ދާ ދަނޑިވަޅެކެވެ.

ޙަމާސް ޖަމާޢަތުން މިހާރު ދަނީ، ހުސްވި ހަފުތާގައި ހުށަހެޅި އެއްބަސްވުން މުރާޖަޢާ ކުރަމުންނެވެ. ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އެކުލަވާލި އެއްބަސްވުމުގެ ހުށަހެޅުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިޒްރޭލު، އެމެރިކާ އަދި މިޞްރާއި ޤަޠަރުގެ މައުފޫޤުން ނުވަތަ މީޑިއޭޓަރުންގެ މެދުގައެވެ. މީ މިދިޔަ ނޮވެމްބަރު މަހު ހަފުތާއެއްގެ ތެރޭގައި ފެއިލްވި ޙަމަލާ ބަދަލު ކުރުން މަޑުޖައްސާލުމުގެ އެއްބަސްވުމަށް ފަހު، އަނެއްކާވެސް އެފަދަ ދުވަސްތަކެއް ފެނިދާނެ ކަމުގެ ކޮޅުމަތި ދައްކާލި ފުރަތަމަ ފަހަރެވެ.

އިސް މަސްދަރަކާ ޙަވާލާދީ ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޙަމާސްއަށް ފޮނުވާފައިވާ އެއްބަސްވުމަކީ، ޙަމަލާ ބަދަލު ކުރުންތައް 40 ދުވަހަށް މެދުކަނޑާލަނިވި އެއްބަސްވުމެކެވެ. ނަމަވެސް ޝަރުތަކީ، ޙަމާސްއިން ރަހީނު ކޮށްފައިވާ އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން 40 މީހަކު މިނިވަން ކުރުމެވެ. އޭގެ ތެރޭގައި އަންހެނުންނާއި، 19 އަހަރުން ދަށް އަދި 50 އަހަރުން މަތީ ޢުމުރު ފުރާގައި ހިމެނޭ މީހުންނާއި، ބަލި މީހުންވެސް ހަމަނަން ޖެހެއެވެ. ބަދަލެއްގެ ގޮތުގައި އިޒްރޭލުންވެސް 400 އެއްހާ ޤައިދީން މިނިވަން ކުރަން ޖެހެއެވެ. އިޒްރޭލުގެ 1 އަށް، ފަލަސްޠީނުގެ 10 މީހުންގެ ނިސްބަތުންނެވެ.

ޙަމަލާ ބަދަލުކުރުން މަޑުޖައްސާ އެއްބަސްވުމަކީ ކުރިން އެކުލަވާލި ގޮތަށް، މުހުލަތު ހަމަވާއިރަށް ހަނގުރާމަ ފަށާ އެއްބަސްވުމަކަށް ވަނީވިއްޔާ، އަހަރެމެން ބޭނުމެއް ނޫން ތި ބުނާ އެއްބަސްވުމެއް. އަހަރެމެންނަށް ޣައްޒާގެ އުތުރަށް ނުދެވެންޏާވެސް ތި އެއްބަސްވުމުގެ ބޭނުމެއް ނެތް. އެކީ އެކައްޗަކަށް ނިމެންދެން ހަނގުރާމަ ކުރިޔަދީ އެހެންވެއްޖެއްޔާ. އަހަރެމެން ބޭނުމީ ދާއިމީ ސުލްޙަ. ޙަމަލާ ހުއްޓާލާފަ، މުއްދަތު ޖެހުނީމަ އަނެއްކާ ހަނގުރާމަ ފަށާ ކަހަލަ އެއްބަސްވުމެއް ބޭނުމެއް ނޫން. އެއީ ހަމަ ބޭކާރު ކަމެއް. މިހާރު އޮތް ގޮތަށް އެއްބަސްވުން އެކުލަވާލިޔަސް، ޢުމުރުފުރާތައް ކަނޑައަޅާފަ ހުރި ގޮތުން އަހަރެމެން ކިހިނެއް އަނބުރާ ދާނީވެސް؟ އަހަރެމެންގެ ދަރިންކޮޅު ގެންދާނީ ކިހިނެއް؟ ދަރިންކޮޅު ދޫކޮށްލާފައެއް އަހަރެމެންނަކަށް ނުދެވޭނެ ދޯ... އަހަރެމެންނާ އެކީ އެ ކުދިންވެސް ގެންދެވެން ޖެހޭނެ.
ފަރާޖް ބަކްރޫން؛ ޣައްޒާ ސިޓީއިން ގެދޮރު ގެއްލިފައިވާ ފިރިހެނެއް

ޙަމަލާ ބަދަލު ކުރުން މަޑުޖައްސާލިއެއް ކަމަކު އިޒްރޭލުގެ އަސްކަރިއްޔާގެ ސަފުތައް އޮންނާނީ ޣައްޒާގައި މީހުން ވަޒަންވެރިވެފައިވާ ސަރަޙައްދުތަކުގެ ބޭރުގައި ރުކުރުވާލާފައި ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ކުރިން މީހުން ހުރަސް އެންގި ސަރަޙައްދުތަކުގައި ހުރި ގެތަކަށް ބަދަލުވުމުގެ ފުރުޞަތު އޮންނާނީ، "ހަނގުރާމަ ކުރުމުގެ ޤާބިލުކަން" ހުރި ޢުމުރު ފުރާގައި ހިމެނޭ މީހުން ފިޔަވާ ދެން ތިބި ރަށްވެހިންނަށް ކަމަށް ޚަބަރު ލިބެއެވެ. އެހީގެ ސަޕްލައިގެ ދުވެލި ހަލުވި ކުރާނެ ކަމަށާ، ގެދޮރު ގެއްލިފައި ވާ މީހުންނަށް ހިޔާވަހިކަން ހޯދައިދިނުމަށް ބޭނުންވާ ޢާލާތްތައްވެސް ހަލުވި ދުވެލީގައި ޣައްޒާއަށް އެތެރެ ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެއްބަސްވުމުގެ ރޫޙު އެފަދަ ގޮތަކަށް އޮތް ނަމަވެސް، ކުރީގެ މަޝްވަރާތަކުގައި ޙަމާސްއިން ކުރި ޑިމާންޑްތަކާ ގާތަށްވެސް މި ފަހަރުގެ ދެލިކޮޕީއަށް ވާސިލުވެވިފައެއް ނެތެވެ. ޙަމާސްގެ އެންމެ ބޮޑު ޑިމާންޑަކީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާ، ޣައްޒާގެ ބިންތަކުން އިޒްރޭލުން އެކީ އެކައްޗަށް ފޭބުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް