ނައިޖީރިޔާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖޯން އޮކަފޯ، ނުވަތަ މަޝްހޫރު ނަމުންނަމަ "މިސްޓަރ އިބޫ" އުމުރުން 62 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އެކްޓަރސް ގިލްޑް އޮފް ނަޖީރިޔާގެ ރައީސް އެމެކާ ރޮލަސް އިއުލާން ކުރެއްވި ގޮތުގައި "މިސްޓަރ އިބޫ" މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގައެވެ.
އޮކަފޯ މަޝްހޫރުވެފައި ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން އޭނާ ކުޅުނު ފިލްމް "މިސްޓަރ އިބޫ"ންނެވެ. އެ ފިލްމަށްފަހު އޭނާގެ ނަމަކަށްވެސް ވެފައިވަނީ މިސްޓަރ އިބޫއެވެ. މިއަދާ ހަމަޔަށް އައިއިރުވެސް އެފިލްމް ހިމެނިގެން ގޮސްފައިވަނީ ނައިޖީރިޔާގައި އުފެއްދި މަޖާ ފިލްމުތަކުގެ އެއްވަނަައިގައެވެ. އޭގެ ފަހުންވެސް މަޝްހޫރުވި އެތައް ފިލްމެއް މިސްޓަރ އިބޫ ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ނައިން ވައިވްސް"، "މިސްޓަރ އިބޫ އިން ލަންޑަން" އަދި "ކެޒިއާ" (Keziah) ހިމެނެއެވެ
މިސްޓަރ އިބޫގެ މަރާ ގުޅިގެން ނައިޖީރިޔާއާއި ފިލްމީ ދުނިޔޭގެ އިސް ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
ނައިޖީރިޔާގެ ލޯކަލް ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވީ ލޭގޯސްގެ އާދައިގެ ހޮސްޕިޓަލެއްގައެވެ.
މިސްޓަރ އިބޫގެ ސިއްހީ އަދި އާއިލީ މައްސަލަތަކެއް އުޅޭކަން ވަނީ މިދިޔަ އަހަރު ފެންމަތިވެފައެވެ. އޭނާގެ އެއް ފައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބުރިކޮށްލާފައި ވާއިރު، އާއިލާ ތެރޭގައިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ވަނީ ހާމަވެފައެވެ. ދެ ދަރިން ގުޅިގެން އިބޫގެ ފޯން ހެކްކޮށް 60،700 ޑޮލަރު ވަގަށް ނެގި މައްސަލައެއް އޭނާ ކޯޓަށް ހުށަހަޅާފައި ވާއިރު، މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. މިސްޓަރ އިބޫގެ ހަޔާތުގެ ފަހު އަހަރުތަކުގައި ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެތައް ފަހަރަކު އޭނާއަށް ޒަހަރު ދީގެން މަރާލަންވެސް އުޅެފައިވާކަމަށް ނައިޖީރިޔާގެ ނޫސްތައް ބުނެއެވެ.
މިސްޓަރ އިބޫ މަރުވިއިރު އޭނާގެ 13 ދަރިން ތިބޭކަމަށް ޚަބަރުތައް ބުނެއެވެ.