ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 12:13
ހ.ސަންގްރޭޒްގައި ހިނގި އަލިފާނުގެ ހާދިސާ
ހ.ސަންގްރޭޒްގައި ހިނގި އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ހ.ސަންގުރޭޒްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ގެންގޮސްފި
އިތުރު ފަރާތަކުން އަމިއްލައަށް ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ބުނެފައި
ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ހަތަރު ފަރާތަކަށް
ޖުމްލަ ފަސް ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލިފައިވޭ

ހ.ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އާދީއްތަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޑިޒާސްޓާ މެނޭޖްމެންޓުން ބުނެފައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ ފަސް ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށާއި އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ހަތަރު ފަރާތަކަށް ކަމަށެވެ. އަދި ބޯހިޔާވަހިކަން ގެއްލުނު އިތުރު ފަރާތަކުން އަމިއްލައަށް ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަސް މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ތިން ދިވެހިންކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ދެ އަންހެނުންނާއި ކުޑަކުއްޖެއްގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނެވެ.

މި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 18:07 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އޭގެފަހުން އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

- ކޮމެންޓް