ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 18:13
އިޒްރޭލުގެ ޤަތުލުޢާންމު ފެށުމާއެކުގައި ހެން ޣައްޒާ ވަނީ ބަނޑަށް ޖައްސާފައި
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
 
އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ކިޔައިދީފައި ވާ ގޮތުގައި، ޣައްޒާއިން މިހާރު ފެންނަމުން ދަނީ ހިކި، އަނަރޫފަ ވެފައި ވާ މީހުން
 
އުތުރުގެ ސަރަޙައްދަށް އެހާ ޙާލުން ފޯރާ އެހީގެ ޓްރަކްތަކުގައި ގެންދާ ތަކެތި، އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ލިބޭ ގޮތް ނުވާ ފަހަރުވެސް އާދޭ

ކަނޑުގެ ސާފު ވައި ލިބޭ ހިސާބުގައި ހިނދުކޮޅަކަށް މަޑުކޮށްލުމުންވެސް ހިތަށް އެ ލިބޭ ހަމަޖެހުމާއި މޫޑަށް އަންނަ އުފާވެރިކަމަކީ އަހަރެމެން ދިވެހިންނަށް އައު އިޙްސާސަކަށް ނުވާނެއެވެ. ގޮނޑުދޮށްތަކަކީ ހިތް އުފާކޮށްލަން ދާ މަންޒިލެއްގެ ގޮތުގައި އެތައް ބަޔަކު ސިފަ ކުރާ ތަނަކަށް ވީ ނަމަވެސް، ނިމުމުގެ ކޮޅުމަތި ފެންނަން ނެތް ޤަތުލުޢާންމެއްގައި ފަނާ ވަމުން ދާ ޣައްޒާގެ ރަށްވެހިންނަށް އެކަން އޮތީ އެހެންނެއް ނޫނެވެ.

ދުވަހަކީ ފެބުރުއަރީ މަހުން 26 ވީ ހޯމަ ދުވަހެވެ. ވަގުތަކީ، 5 މަހާ ގާތްވަމުންދާ ޤަތުލުޢާންމުގެ އެންމެ ކުރީކޮޅު، އެންމެ ވަރުގަދައަށް ޙަމަލާތައް ދެމުން ދިޔަ އުތުރު ޣައްޒާ ސިޓީގެ އައްސޭރި ފަށަށް، ޣައްޒާގެ ރަށްވެހިން ޖަމާވަމުން ދިޔަ ވަގުތެވެ. އެއީ ދިގު އިންތިޒާރެއް ކުރަމުންދާ ބައެކެވެ. އުންމީދުތައް ގުޅިފައި ވަނީ ފުށް ކޮޅެއް ލިބޭނެ ގޮތް ވުމާއެވެ. އެމީހުން އިންތިޒާރު ކުރަމުން އެ ދަނީ، ފުށް ބަރުކޮށްގެން އަންނަ ޓްރަކްތައް އެ ސަރަޙައްދަށް ވަންނާނެ ވަގުތަކަށެވެ. މިއަދު މުޅި ޣައްޒާ ބަނޑަށް ޖެހިފައި އޮތް އިރު، ފުށް ކޮޅެއްގެ މިންވަރަކީ ލައްކަ ބޮޑު ވަރެކެވެ.

ގޮނޑުދޮށަށް ޖަމާވެ ތިބި މީހުން އިރުއިރު ކޮޅާ އެހެން ދިމާއަކަށް ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކިތަންމެ ދުވަހެއް ވިޔަސް، ބަޑީގެ އަޑަށް ނުސިހޭނީ ކާކު ހެއްޔެވެ؟ ކިލޯއެއް ނުވަތަ 2 ކިލޯ ފުށް ކޮޅަކަށް، ގޮނޑުދޮށުގައި އެތައް ބަޔަކު އެ ތިބެނީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ.

އަހަރެންގެ ދަރިންނަށް ކާންދޭނެ އެއްޗެއް ނެތް. ޕާންކޮޅެއްވެސް ނެތް. ގަސްގަހުގެ ފަތް ކައިގެން މި އުޅެނީ، މި ހިމާރަށް ހަދާފަ ހުންނަ ކާ އެއްޗެހި ކައިގެން މި އުޅެނީ. އެ ޙާލަތުގަ މި ތިބީ. ކިހާ ވަރެއް ވާންތަ ކަލޭމެން ބޭނުން ވަނީ؟ ކަލޭމެން ތި އަހަނީ މިތަނަށް އަހަރެން އައީ ކީއްކުރަންހޭ؟ އަހަރެން މިތަނަށް މި އައީ ފުށްކޮޅެއް ލިބޭތޯ. ނިކަން ބަލާ، އަހަރެންގެ ފައި މި އޮތީ ހަލާކުވެފަ. އަހަރެން މި އައީ ފުށްކޮޅެއް ގެންދަން ލިބޭތޯ. ފުށްކޮޅެއް ލިބޭތޯ. ދެން ކަލޭމެން ތި އަހަނީ ހަމަ ކީއްކުރަން ހޭ މިތަނަށް އަހަރެން އައީ... އިއްޔެވެސް އަހަރެން އައިން، މީހުންތައް ދިޔައީ އަހަރެންގެ ގައިމަތިން... މަރުވިޔަސް ހެޔޮކަމަށް މިއަދު މިއައީ. ފުށް ކޮތަޅެއް ބޭނުން އަހަރެން. އަހަރެންގެ ދަރިންނަށް ކާންދޭނެ ގޮތެއް ނެތް. ދަރިންނަށް ކާންދޭނެ އެކައްޗެއްވެސް އަހަރެން އަތަކު ނެތް. މަރުވިޔަސް، އަހަރެން މިތާ މަޑުކުރާނަން.
އުއްމު އަލް-ޢަމީރު ޝަމާލަޚް؛ ފަލަސްޠީނު ރައްޔިތެއް

އިޒްރޭލުގެ ޤަތުލުޢާންމު ފެށުމާއެކުގައި ހެން ޣައްޒާ ބަނޑަށް ޖައްސައިފިއެވެ. ކާބޯތަކެތީގެ ސަޕްލައި އެތެރެ ކުރުމަށް އިޒްރޭލުން ހުރަސް އަޅާ، އެތައް ދަތިތަކެއް ކުރިމަތި ކުރަމުން ދާ އިރު، އެންމެ ނިކަމެތި ޙާލު ޖައްސާފައި އޮތީވެސް ޣައްޒާގެ އުތުރުގެ ސަރަޙައްދަށެވެ. އުތުރުގެ ސަރަޙައްދުތަކުގައި ކާބޯތަކެތި ލިބުން ދަތިވުމުގެ މައްސަލަ ގޯސް ވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ. އެހީގެ ސަޕްލައި އެ ހިސާބަށް ފޯރަނީ ހާލަކުން ފަހަރަކުއެވެ. ދެ ޑެލިވަރީއެއްގެ ދެމެދު ހޭދަވާ ވަގުތު އެހާ ދިގެވެ.

އުތުރުގެ ސަރަޙައްދަށް އެހާ ޙާލުން ފޯރާ އެހީގެ ޓްރަކްތަކުގައި ގެންދާ ތަކެތި، އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ލިބޭ ގޮތް ނުވާ ފަހަރުވެސް އާދެއެވެ. ގަދަ މީހާ ގަދަ ވަނީއެވެ. އިންތިހާއަށް ބޭނުން ޖެހިފައި އޮތުމުގެ ސަބަބުން، ލޫޓުވަނީއެވެ. ހަނގުރާމައެއްގެ ތެރޭގައި ބަނޑަށް ޖެހި، ބޯނެ ފެންފޮދެއްގެ މިންވަރުވެސް ނުލިބި އެތައް ދުވަހެއް ގުނަން ޖެހުމުން ވާނެ ގޮތް، އަހަރެމެންނަށް ވަޒަންވެސް ނުކުރެވޭނެއެވެ.

އަހަރެމެން، މަރަށް ހުށަހެޅިގެން މިތަނަށް މި އައީ ދެ ކިލޯ ނޫނީ ކިލޯއެއްހާ ފުށް ކޮޅެއްގެ ބޭނުމުގަ. އަހަރެމެންނަށް ހަމަ އެކައްޗެއްވެސް ނުލިބޭ. މާތް ﷲ އަހަރެމެންނަށް ރަޙުމަތްލައްވާށި... މީސްތަކުންނޭ، ނިކަން ރަޙުމުގެ ލޮލަކުން އަހަރެމެންނަށް ބަލައިލަބަލަ. އިސްލާމް ދީނަށްޓަކައި، ރަޙުމުގެ ނަޒަރަކުން ބަލައިލަބަލަ. މި މަންޒަރުތައް ވީޑިއޯކޮށްދީ، އޭރު މީހުންނަށް ފެންނާނެ އަހަރެމެން ބަނޑަށްޖެހިފަ ތިބި ޙާލު. ޝަހީދުން އެ އުފުލަނީ ހިމާރު ގާޑިޔާތަކުގަ، ބައިސްކަލުގަ. އަހަރެމެންގެ އަގެއް ވާ ނެތް. އަހަރެމެންގެ އެއްވެސް އަގެއް ނެތް، އަހަރެމެންނާ ދިމާއަށް ބަލައިލާނެ މީހަކު ނެތް.
އަބޫ ސަނަދު؛ ފަލަސްޠީނު ރައްޔިތެއް

އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ކިޔައިދީފައި ވާ ގޮތުގައި، ޣައްޒާއިން މިހާރު ފެންނަމުން ދަނީ ހިކި، އަނަރޫފަ ވެފައި ވާ މީހުންނެވެ. ދެ ލޯ ވަޅުވަދެ، އެ ދެ ލޮލަށް ބަލައިލުމުން އެކަނިވެސް އެ މީހެއްގެ ބަނޑުހައިހޫނުކަން އިޙްސާސް ކޮށްލެވޭ ޙާލުގައި ތިބި މީހުން ފެނެއެވެ.

ޢަރަބި ޤައުމުތަކަށް އަހަރެން ގޮވާލަން، އަހަރެމެންގެ ދިރިއުޅުން ދެކިލަން. ކާނެ، ބޯނެ އެއްޗެއް ނެތި އަހަރެމެން މި އުޅޭ ޙާލު ބަލައިލަން. ހެނދުނުން ފެށިގެން ގޮސް ދުވަސް ނިމެންދެން މި ތިބެނީ އެއްޗެއް ނުކައި، ނުބޮއި. އަހަރެމެންގެ ވަގުތާއި ޙަޔާތް ބޭކާރު ވެގެން މި ދަނީ. ދިރިއުޅުމަކީ މުސީބާތަކަށް ވެއްޖެ. ޢަރަބި ޤައުމުތަކުން އަހަރެމެންނަށް ބަލައިލާނެނަމައޭ ހިތަށް އަރާ، އެސްފިޔަ ޖަހާލާހާ ހިނދުކޮޅަކަށް ނަމަވެސް ހެޔޮ. އަހަރެމެން ބޭނުންވަނީ އެހީ ފޯރަން، އެހީ ލިބެން، ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ އެކީ އަހަރެމެންނާ ހިސާބަށް އެހީ ލިބެން ބޭނުމީ.
ޙަސަން ހުމައިދާ؛ ފަލަސްޠީނު ރައްޔިތެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތި ކުރުމުގެ ނަމުގައި ކަމަށް ބުނެ، އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި އޮވެގެން، ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 30000 އާ ގާތް ކުރެއެވެ. ޢިމާރާތްތަކުގެ ދަށުގައިވެސް އެތައް ބައެއްގެ ހަށިތައް މިހާރުވެސް އެބަ ހުރި ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، ޙަޤީޤީ ޢަދަދުތައް އިންތިހާއަށް އިތުރު ވާނެ ކަމީ ޤަބޫލު ކުރަން ޖެހިފައި އޮތް ޙަޤީޤަތެކެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުން ދިޔަ ޣައްޒާގައި، ޔަހޫދީން ހިންގަން ފެށީ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގައި މުޅި ޢާބާދީހެން މިއަދު ތިބީ ރެފިއުޖީންގެ ޙާލުގައެވެ. އުފަން ވަޒަނުގައި ގެދޮރު ގެއްލި، ބަނޑަށް ޖެހި، ބިކަވެފައެވެ. ޞިއްޙީ ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ ގޮތެއް ނެތެވެ. ތަޢުލީމީ ނިޒާމު އޮތީ ހުއްޓިފައެވެ. ބޭރު ދުނިޔެއާ ގުޅާލެވޭކަށް ނެތެވެ. އެތައް ޖީލެއް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށް ނުކުޅެދޭ ޙާލު ޖައްސާފައި ވާއިރު، އިޒްރޭލާ ދެކޮޅަށް ސާބިތު ކަމާއެކު ފިޔަވަޅެއް އަޅަން ކެރުނު ޤައުމެއް އެބަ އޮތް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް