ފަހު މިނެޓުގައި ކަސެމީރޯ ޖެހި ލަނޑުން މޮޅުވެ, އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑް ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ 1-0 ން ނޮޓިންގހަމް ފޮރެސްޓް ބަލިކޮށްގެންނެވެ. މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ބްރެޒިލްގެ ކަސެމީރޯ ޖެހީ މެޗުގެ ފަހު މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ގޯލް ބަލައިގަތީ ކަސެމީރޯ އޮފްސައިޑްތޯ ވީއޭއާރުން ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހު އެވެ. މިއީ މިސީޒަންގައި ކަސެމީރޯ ޖެހި 5 ވަނަ ލަނޑެވެ. ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ލިވަޕޫލާ އެވެ.
ޔުނައިޓެޑަށް ކުރިއަށް އޮތީ ލީގުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރަން ޖެހޭ މެޗެވެ. މިސީޒަންގައި އެއްފަހަރު ޔުނައިޓެދް ވަނީ ސިޓީ އަތުން ބަލިވެފައެވެ. އަދި މިދިޔަ އަހަރު އެފްއޭކަޕް ވެސް ސިޓީން ހޯދީ ފައިނަލްގައި ޔުނައިޓެޑް ބަލިކޮށްފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
