ބާސެލޯނާގެ ކޯޗުކަމުގައި އިތުރު އަހަރަކު މަޑުކޮށްދޭން ކޯޗު ޒަވީ ހަނާންޑޭޒްގެ ކިބައިން އެކުލަބުގެ ރައީސް ހުއާން ލަޕޯޓާ އެދިއްޖެ އެވެ.
މިކަން ޒަވީ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ބުނީ މި ސީޒަނަށް ފަހު ކޯޗުކަމުން ވަކިވާން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.
"އެއީ އެންމެ ރަނގަޅު ނިންމުން. އަހަރެން އުފާވޭ ސަޕޯޓަރުން އަހަރެންގެ ނަން ގޮވާ ހަދާތީވެ. ސަޕޯޓަރުން އަހަންނާއެކު ތިބިކަން އެނގޭތީވެ. ތެދެއް އަހަރެން އައި ފަހުން މި ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރާ ކޮންމެ ވަގުތަކު ޓީމު ވަނީ ކުރިއަރާފައި،"ޒަވީ ބުންޏެވެ.
ނަމަވެސް އޭނާގެ ނިންމުން ބަދަލުނުވާނެ ކަމަށް އިޝާރާތް ކުރަމުން ޒަވީ ބުނީ ބާސެލޯނާ ކާމިޔާބީގެ މަގަށް ގެންދިއުމަށް އޭނާގެ އިތުރުން ވެސް ހަކަތަ ބޭނުންވާ ކަމަށެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ބާސެލޯނާއިން ޒަވީ މަގާމުގައި ދެމިހުރުމަށް އެދުނު މައިގަނޑު ސަބަބަކީ އެކުލަބުގެ މާލީހާލަތު ހުރި ގޮތުން ޔޫރަޕުގެ މޮޅު ކޯޗަކު ހޯދަން ކުރިމަތިވާ ދަތިތަކުގެ ސަބަބުންނެވެ.
ޒަވީ ކޯޗުކަމާ ދުރަށްދާނެކަން އިއުލާނުކުރީ މީގެ ދެ މަސް ކުރިންނެވެ. އެއިރު ކުލަބުގެ ބޯޑުގައި ވެސް އޭނާގެ މަގާމާމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. ނަމަވެސް އޭރުވެސް ޒަވީ ކޯޗުކަމުން ވަކިކުރުމުގެ ވިސްނުމެއް ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ، ނުގެންގުޅޭކަމަށްވެ އެވެ. ނަމަވެސް ޒަވީ ވަކިކުރަން ކުރިން ބާރުއެޅި ކުލަބުގެ ނާއިބް ރައީސް ރަފާ ޔުސްޓޭގެ ހިޔާލު މިހާރު ބަދަލުވެފައިވާ ކަމަށްވެ އެވެ.
ލަޕޯޓާ މިދިޔަ ހަފުތާގައި ބުނީ އޭނާ އަކީ ކޯޗުން މަގާމުން ވަކިކުރަން ބޭނުންވާ މީހެއްނޫން ކަމަށެވެ. އަދި އޭނާގެ ރައީސްކަމުގައި ވަކިކުރީ އެންމެ ކޯޗެއް ކަމަށާއި އެއީ ޒަވީއަށްވުރެ ކުރިން ހުރި ކޯޗު ރޮނަލްޑް ކޫމަން ކަމަށާއި އެއީ ވެސް މަޖުބޫރުވެގެން ގެނައި ބަދަލެއް ކަމަށެވެ.