މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެއްވަން ފަށްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ވަނީ އެއަރ އެމްބިޔުލަންސްގެ ޚިދުމަތް މަރޗް މަހުން ފެށިގެން ފެށުމަށް ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަސައްކަތް މާރިޗު މަހު ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ބޭނުން ކޮށްގެންނާއި ސީޕްލޭނެއް ބޭނުންކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެންކަމުގައެވެ. އަދި މިއީ ރާއްޖޭގައި މިދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީލަންކާއާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށް ވެސް ދަތުރުކުރުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުންވެސް ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އަމިއްލަ ޤާބިލުކަން އުފައްދައިގެން އެއަރ އެމްބިއުލާސްގެ ގެ ޚިދުމަތް ފަށާއިރު އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި އަމިއްލަ ޤާބިލުކަމާއެކު ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި މި ޤާބިލުކަންވެސް އުފެއްދުމާއި އަދި ފުރިހަމަ މާނައިގައި ދިވެހިންގެ މިނިވަންކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ރަނގަޅު ފެންވަރުގައި ފަށައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަނަދޫއަށް މަދުވެގެން 300 ހައުސިންގ ބޭނުންވާކަމަށާ އަދި ސްޕޯޓް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި މަގުހެދުމާއި އެނޫންވެސް މަނަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ކުރަން ވަޢުދުވެޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.