ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 04:08
ވޯލްޑްކަޕް 2022 ނިންމުމުގެ ރަސްމިއްޔާތުގައި ގަތަރު އަމީރު، އެމްބާޕޭއާ ބައްދާލާއިރު މާކޮން (ކ) ބަލަހައްޓައިގެން
ވޯލްޑްކަޕް 2022 ނިންމުމުގެ ރަސްމިއްޔާތުގައި ގަތަރު އަމީރު، އެމްބާޕޭއާ ބައްދާލާއިރު މާކޮން (ކ) ބަލަހައްޓައިގެން
ގޫގުލް
އެމްބާޕޭ
އެމްބާޕޭ، ގަތަރުގެ އަމީރާއި ފްރާންސްގެ ރައީސާއެކު އެއްމޭޒަކަށް
 
ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ޚަލައިފީ ވެސް ބައިވެރިވެޑައިގެންނެވި

ފްރާންސްގެ ޕީއެސްޖީ ދޫކޮށް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ފޯވަޑް ކީލިއަން އެމްބާޕޭ ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އާއި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ތާނީއާއެކު ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި މި ތިން މީހުންގެ އިތުރުން ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ޚަލައިފީ ވެސް ބައިވެރިވެޑައިގެންނެވި އެވެ.

ގަތަރުގެ އަމީރަކީ ޕީއެސްޖީ ހިންގާ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްގެ ވެރިޔާ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ބައްދަލުވުމުގައި ޕީއެސްޖީގައި މަޑުކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކަ އެއް ނުދައްކަ އެވެ. އޭގެ ބަދަލުގައި މިއީ ގަތަރުގެ އަމީރު ފްރާންސަށް ވަޑައިގަތުމުން އޭނާގެ ޝަރަފުގައި މެކްރޮން ދެއްވި ހާއްސަ ފަރިކޮޅެއްގައި އެމްބާޕޭ ބައިވެރިކުރުމެކެވެ.

ފްރާންސްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އެމްބާޕޭ ރެއާލް މެޑްރިޑަށް ދިއުމަކީ ޕީއެސްޖީ އާއި ފްރާންސުން ވެސް ބޭނުންވާ ގޮތެއްނޫނެވެ. މީގެ ދެ އަހަރު ކުރިން އޭނާ ރެއާލް އަށް ދާން އުޅުމުން އެކަން ހުއްޓުވައި ޕީއެސްޖީގެ ކޮންޓްރެކްޓް އައުކުރުވުމުގައި މެކްރޮން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

ނަމަވެސް މި ފަހަރު މިއިން އެއްވެސް ބޭފުޅަކަށް އެކަން ކުރެވޭ ވަރަށްވުރެ ބޮޑަށް އެމްބާޕޭ ވަނީ ރެއާލްއާއެކު މުއާމަލާތްކޮށްފައި ކަމަށް ވެސް ދުނިޔޭގެ މީޑިއާތަކުން ބުނެ އެވެ. މިހެންވެ ގަތަރާއި ފްރާންސުން ކިތަންމެ ބޮޑު އޮފރއެއް ދިން ނަމަވެސް އެމްބާޕޭގެ ހިޔާލު ބަދަލުނުކުރެވޭނެ ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ.

ސްޕެނިޝް ލަލީގާގެ ރައީސް ހާވިއާ ޓަބޭސް ގެންދަވަނީ މިދިޔަ ހަފުތާއިން ފެށިގެން އެމްބާޕޭ ރެއާލް އަށް ސޮއިކޮށްފި ކަމަށް ބުނެ އިންޓަވިއުދެއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް