ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 17:40
ކްރިސްޓަފަރ ލޮކްއިޔަރ؛ އެމްއެސްފް އިންޓަރނޭޝަނަލް ސެކްރެޓަރީ ޖެނެރަލް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ޢުމުރުން އެންމެ 5 އަހަރުގެ ކުއްޖާވެސް އިޚްތިޔާރު ކުރަނީ މަރު": އެމެރިކާގެ ޟަމީރަށް އަސަރު ކުރާނީ ކިހާ ވަރަކުންބާ؟
 
އެމެރިކާގެ ޑިމާންޑަކަށް ވަނީ، އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސްއިން އިޒްރޭލަށް ދިން ޙަމަލާއާއެކު ރަހީނުކުރި އިޒްރޭލުގެ ރަށްވެހިން މިނިވަން ކުރުމަކީ، ޙަމަލާ ހުއްޓާލުމުގެ ޝަރުތަކަށް ހެދުމަށް
 
އިންސާނިއްޔަތަށްޓަކައި މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ، ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރުތައް، އެމެރިކާއިން ވަނީ 3 ފަހަރެއްގެ މަތިން ވީޓޯ ކޮށްފައި

ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމަކީ މި ފަހުގެ ތާރީޚުގައި ބަޔަކު ތަޙައްމަލު ކުރަމުންދާ އެންމެ ނާމާން ޤަތުލުޢާންމެވެ. ނަސްލެއް ދޮވެލުމެއް އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުގެ މައްސަލާގައި ބައިނަލްއަޤުވާމީ ޕޯޑިއަމްތަކުގައި އެތައް ވާހަކައެއް ދެކެވުނު ކަމުގައި ވީ ނަމަވެސް، ފަލަސްޠީނުގެ ޙައްޤުގައި ކަމެއް ކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ، މުޅި ދުނިޔެއަށް ނުފޫޒު ފޯރުވަމުން ދާ އެމެރިކާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ގޮވާލާ، އެންމެ ފަހުން އެކުލަވާލި ޤަރާރުވެސް ވީޓޯ ކުރީ އެމެރިކާއިންނެވެ.

އެމެރިކާގެ އަތުގައި އޮތް ވީޓޯ ބާރުގެ ނާޖައިޒު ފައިދާ ނަގަމުން ދިޔައެއް ކަމަކު، ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް އިއްވައިދިނުމުގައި ފަސް ނުޖެހޭ އެތައް ބަޔަކު މިއަދުވެސް އެބަ ތިއްބެވެ. އެމެރިކާވެސް މަޖިލީހެއްގައި ހިމެނޭ އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް އެންމެ ފަހުން ދިން އެކަކީ، ޑޮކްޓަރުންގެ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޑޮކްޓަރޒް ވިތައުޓް ބޯޑަރޒް (އެމްއެސްއެފް) ގެ އިންޓަރނޭޝަނަލް ސެކްރެޓަރީ ޖެނެރަލް ކްރިސްޓަފަރ ލޮކްއިޔަރއެވެ.

އެމެރިކާގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި، ފެބުރުއަރީ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޮކްއިޔަރ ވަނީ، ޣައްޒާގެ ޤަތުލުޢާންމާ ގުޅިގެން، މެޑިކަލް ޓީމުތަކުން އައު އަކުރުތަކެއް ބޭނުން ކުރަން ފަށާފައި ވާ ކަމަށެވެ. އެއީ "ޑަބްލިއު.ސީ.އެން.އެސް.އެފް" ނުވަތަ ވޫންޑަޑް ޗައިލްޑް، ނޯ ސަވައިވިންގް ފެމިލީއެވެ. ޒަޚަމްވެފައިވާ ކުއްޖެއް، ޢާއިލާގެ އިތުރު މީހަކު ދިރި ދުނިޔޭގައި ނެތް ކުއްޖެއްކަން އަންގައިދޭ އަކުރުތަކެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. 15 މެންބަރުންގެ ސަލާމަތީ މަޖިލީހާ މުޚާތަބުކޮށް ވާހަކަ ކުރިއަށް ގެންދަވަމުން ލޮކްއިޔަރ ހިއްސާ ކުރި ބައެއް ވާހަކަތަކަކީ، ހިތެއް އޮތް އިންސާނަކަށް އަޑު އަހަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

މެޑިކަލް ޓީމުތަކުން ބޭނުންކުރާ ލަފުޒު ލިސްޓަށް އިތުރު އެކްރޮނީމްއެއް ވަނީ އިތުރުކޮށްފަ. އެއީ، "ޑަބްލިއު.ސީ.އެން.އެސް.އެފް" ނުވަތަ ވޫންޑަޑް ޗައިލްޑް، ނޯ ސަވައިވިންގް ފެމިލީ. މި ހަނގުރާމައިގަ ފުރާނަ ސަލާމަތް ވާ ކުދިންގެ ހަށިގަނޑުން ފެންނަން ހުންނާނީ ހަމަ އެކަނި ޖިސްމާނީ އަނިޔާތަކެއް ނޫން. ލޮލަށް ނުފެންނަ އެތައް އަނިޔާއަކާއި ވޭނެއް އެކުދިންގެ ހަށިގަނޑުގަ އަޅަމުން ދާނީ. ތަކުރާރުކޮށް އެތައް ފަހަރަކު ގެދޮރު ގެއްލިއްޖެ، ތާ އަބަދު އެ ތިބެނީ އިންތިހާ ބިރުވެރިކަމާއި ނާމާން ކަމެއްގެ ތެރޭގަ، ޢާއިލާ މެންބަރުންގެ ހަށިގަނޑު ކުދިކުދިވެގެން އެދަނީ އެކުދިންގެ ލޯ ކުރިމަތީގަ. ނަފްސާނީ ގޮތުން ދެވޭ މިފަދަ އަނިޔާތަކާ ހެދި، ޢުމުރުން އެންމެ 5 އަހަރުގެ ކުޑަކުޑަ ކުދިންވެސް އަހަރެމެން ގާތު އެބަ ބުނޭ، އެކުދިން ޚިޔާރު ކުރާނީ މަރުވުން ކަމަށް.
ކްރިސްޓަފަރ ލޮކްއިޔަރ؛ އެމްއެސްފް އިންޓަރނޭޝަނަލް ސެކްރެޓަރީ ޖެނެރަލް

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ލޮކްއިޔަރ ވަނީ އެމެރިކާއަށް، ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވާފައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތާއި، އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު ޣައްޒާގައި ބަދަލު ކުރަމުން ދާ ޙަމަލާތައް، އިންސާނިއްޔަތަށްޓަކައި މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ޤަރާރު، އެމެރިކާއިން ތަކުރާރުކޮށް ވީޓޯ ކުރަމުންދާ މައްސަލާގައި، ލޮކްއިޔަރ ވަނީ އެމެރިކާއަށް ފާޑުވިދާޅުވެފައެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ބަދަލު ކުރަން ފެށި ޙަމަލާތައް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަރުގަދަކޮށް، ނަސްލު ދޮވެލުމުގެ ޤަތުލުޢާންމަކަށް ބަދަލުކޮށްފައި ވާ އިރު، އިންސާނިއްޔަތަށްޓަކައި މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ، ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރުތައް، އެމެރިކާއިން ވަނީ 3 ފަހަރެއްގެ މަތިން ވީޓޯ ކޮށްފައެވެ. އެންމެ ފަހުން ވީޓޯ ބާރުގެ ބޭނުން ކުރީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ. އެމެރިކާގެ ޑިމާންޑަކަށް ވަނީ، އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސްއިން އިޒްރޭލަށް ދިން ޙަމަލާއާއެކު ރަހީނުކުރި އިޒްރޭލުގެ ރަށްވެހިން މިނިވަން ކުރުމަކީ، ޙަމަލާ ހުއްޓާލުމުގެ ޝަރުތަކަށް ހެދުމެވެ.

އދގައި ޗައިނާ ތަމްސީލު ކުރައްވާ މަންދޫބު، ޝާންގް ޖުން ވިދާޅުވީ، ލޮކްއިޔަރގެ ވާހަކަތަކުން ފުން ހިތާމައެއް ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ލޮކްއިޔަރގެ ވާހަކަތަކުން އަހަރެމެންނަށް ވަރަށް ފުން އަސަރުތަކެއް ކުރުވައިފި. އުންމީދު ކުރަނީ، އަހަރެމެންނަށްޓަކައި ލޮކްއިޔަރ އެ ކުރެއްސެވި ޣައްޒާގެ ހިތާމަވެރި ތަސްވީރަކީ، މި ކައުންސިލްގެ ވަކި މެންބަރެއްގެ ޟަމީރަށް އަސަރުކުރުވާނެ ތަސްވީރަކަށް ވުން. މީގެ ދެދުވަސް ކުރިން، އެމެރިކާއިން ވީޓޯ ބާރު ބޭނުން ކުރީމަ، ޣައްޒާގައި ކުރަމުން އެދާ ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމުގެ އިތުރު ފުރުސަތެއް މި ކައުންސިލަށް ގެއްލުނު. އިތުރު އެންމެ ދުވަހަކަށް ވެސް މި ހަމަނުޖެހުން ކުރިއަށް ގެންދިއުމަކީ، އާންމުންނަށް އިތުރު ގެއްލުންތަކެއް ލިބި، ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމެއް.
ޝާންގް ޖުން؛ ޗައިނާގެ މަންދޫބު

ފެބުރުއަރީ 20 ވަނަ ދުވަހު ޤަރާރު ވީޓޯ ކުރި ކުރުން ދިފާޢު ކުރަމުން އެމެރިކާއިން ބުނީ، އެ ޤަރާރު އޮތް ގޮތަށް ފާސް ކުރުމަކީ، ޙަމަލާ ބަދަލު ކުރުން 6 ހަފުތާއަށް މަޑުޖައްސާލުމަށާއި، ރަޙީނުން މިނިވަން ކުރުމަށް މަގަފަހި ކުރުމަށް އެމެރިކާއާއި މިޞްރު އަދި އިޒްރޭލާއި ޤަޠަރު ބައިވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އިންނެވި އެމެރިކާގެ ޑެޕިއުންޓީ އެމްބެސެޑަރ، ރޮބަރޓް ވުޑް، ލޮކްއިޔަރގެ ބަޔާނަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައެއް ނުވެއެވެ.

5 މަހާ ގާތް ވަމުންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 30000 އާ ގާތް ކުރާ އިރު، އެޔެއް މިޔެއް ބެލުމެއް ނެތި ބިމާ ހަމަކޮށްފައިވާ ޢިމާރާތްތަކުގެ ދަށުގައިވެސް އަދި އިތުރު އެތައް ހާސް ބައެއްގެ ހަށިތައް ވާނެ ކަމަށް، ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައި ވާ އިރު، ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ އިނދަޖައްސާފައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު ރެފިއުޖީންގެ ގޮތުގައި "ދިރިއުޅެމުން" ދަނީ ދެކުނުގެ ރަފަޙުގައެވެ. ނަމަވެސް، އިޒްރޭލުގެ ޙަމަލާތައް، އެއްގަމާއި، ވަޔާއި، ކަނޑުމަގުންވެސް ރަފަޙަށް ދަނީ ޢަމާޒު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް