ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އަދި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އަށް 'ބޫ' ނުލައްވަން އެ ކުލަބުގެ ސަޕޯޓަރުން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ އެމްބާޕޭ މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާކަމަށް ވާހަކަ ދެކެމުންދިޔަ ނަމަވެސް އެކަން ޔަގީންނުވާތީ އެވެ. ޕީއެސްޖީގެ ސަޕޯޓާސް އެސޯސިއޭޝަނުން ބުނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމުގެ ފުރުސަތު އަދި އެއްކޮށް ނުގެއްލޭ ކަމަށާއި އަންނަ ސީޒަނުގައި އޭނާ ކުޅޭނެ ކުލަބެއް ކަށަވަރުވުމުގެ ކުރިން ކުޅުންތެރިޔާ އަށް މަލާމާތްކޮށް ދިމާކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ދުނިޔޭގެ އަޑުގަދަ މީޑިއާތަކުން ބުނަނީ މިކަމުގެ ސަބަބުން އެމްބާޕޭ ކުޅޭނެ ކުލަބު ސީޒަން ނިންމުމުގެ ކުރިން އިއުލާނު ނުކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެކަން ކުލަބަށް އަންގައިފަ އެވެ. އަދި އޭނާ ބަދަލުވާނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކަމަށް ވެސް ގިނަ ބަޔަކު ޔަގީންކުރެ އެވެ. މި ވާހަކައަށް ބާރު ލިބެނީ ރެއާލް އަށް ބަދަލުވުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ސީދާކޮށާއި ނުސީދާކޮށް މައުލޫމާތު ދެމުންދާތީ އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ލަލީގާ ހިމެނެ އެވެ.
ލަލީގާގެ ރައީސް ހާވިއާ ޓަބޭސް އިއްޔެ ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނޭ ކަމަށާއި އޭނާ އާއި ޖޫޑް ބެލިންހަމް ތިބީ ރެއާލް މެޑްރިޑުގައި ކަމަށެވެ. އަދި މީގެ ސަބަބުން އެ ލީގަށް ފައިދާވާނެ ކަމަށެވެ.
ޕީއެސްޖީން މަސައްކަތް ކުރަމުންދަނީ ފައިސާގެ ބޮޑެތި އޮފާތަކާއެކު އެމްބާޕޭ ކުލަބުގައި ބެހެއްޓުމަށެވެ. ނަމަވެސް ރެއާލް އަށް ކުޅުމަކީ އޭނާގެ ކުޑައިރުއްސުރެ ހުވަފެނެކެވެ.