މާލޭ ލީގުގެ ޗެމްޕިއަނުން ގޮތުގައި ނިކުންނާނީ ދިވެހި ޕްރިމިއާ ލީގު ދިފާއުކުރަން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފި އެވެ.
ރާއްޖެއެމްވީ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަސައްކޮ ބުނީ މާލޭ ލީގުގައި އޮތް ސްކޮޑަށްވުރެ މާޒިޔާގެ ސްކޮޑު މިހާރު މާ ވަރުގަދަވާނެ ކަމަށާއި، އެގޮތުން މާޒިޔާ ނިކުންނާނީ މާލޭ ލީގުގެ ޗެމްޕިއަނުން ގޮތުގައި ދިވެހި ޕްރިމިއާ ލީގު ދިފާއުކުރަން ކަމަށެވެ.
އަސަދުﷲ ބުނީ ދިވެހި ޕްރިމިއާ ލިގުގައި އަތޮޅު ތެރެއިން ޓީމުތަކެއް އައި ނަމަވެސް މާބޮޑު ތަފާތެއް އަންނާނެ ކަމަށް އޭނާ ނުދެކޭ ކަމަށާއި، މާލޭ ލީގަށްވުރެ ދިވެހި ޕްރިމިއާ ލީގު ފަސޭހަވާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ މި ފަހަރުގެ މާލޭ ލީގު ވަރުގެ ވަރުގަދަ ލީގެއް އޭނާ އަދި ރާއްޖެއިން ނުދެކޭ ކަމަށެވެ.
މިދިޔަ އަހަރުވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ވަނީ މި އަހަރު މާލޭ ލީގުގައި މޮޅު ކުޅުމެއް ދައްކާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެޓީމު ވަނީ މި ސީޒަނުގައި އޭއެފްސީ ކަޕްގައިވެސް ރަނގަޅު ނަތީޖާއެއް ނެރެފައެވެ.
ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ އެޓީމުގެ ސްކޮޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމުން ވަނީ ރުމޭނިޔާގެ ޑިފެންޑަރު އަންދުރޭ ކޯޑޯސް، ކީޕަރު ޕަވެލް މަޓިއެޝް އަދި ފޯވާޑް އެލެގްޒެންޑްރާ ރަކިޗް ދޫކޮށްލާފައެވެ.
މާޒިޔާ އަށް ވަނީ އޭގެ ބަދަލުގައި ބިދޭސީ ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. މާޒިޔާ އަށް އަލަށް ގެނެސްފައިވަނީ ސާބިއާގެ ޑިފެންޑަރެއް ކަމަށްވާ ބޯޖާން މިހަލޮވިޗް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ސީރިޔާގެ ކީޕަރު މަހުމޫދު އަލްޔޫސުފް އަދި ކްރޮއޭޝިއާގެ އަންދުރޭ ކެރިޗް އެވެ.
މީގެއިތުރުން މާޒިޔާ އިން ވަނީ ވިކްޓްރީ އަށް ކުޅެމުން އައި މުހައްމަދު އާރިފް (ބަކާ) އަދި އެޓީމުގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ވެސް ގެނެސްފައެވެ.