ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 12:57
ޙައްމާދު ޖަރްބޫޢު؛ ޣައްޒާގެ މަސްވެރިއެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޔަހޫދީ ޤަތުލުޢާންމުގައި ޣައްޒާގެ މަސްވެރިކަމުގެ ސިނާޢަތް ހަފުސްކޮށް، އެތައް ޢާއިލާއެއް ބަނޑަށްޖައްސައިފި!
 
ޣައްޒާ ބަނދަރަކީ ޢާމްދަނީގެ މަސްދަރު ކަމަށްވައިރު، 100 އަށް ވުރެ ގިނަ މަސްބޯޓު އެ ބަނދަރުގަ އޮވޭ
 
އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާއިން ދީފާނެ ޙަމަލާއެއްގެ ބިރަށް، ޣައްޒާގެ މަސްވެރިން ދަތުރުކޮށް އުޅެނީ، 1 ނޯޓިކަލް މޭލުގެ 4 ބައިކުޅަ 1 ބައި ސަރަޙައްދެއްގައި

ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުން، މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ހިނދުކޮޅެއްގެ ތެރޭގައި ފެށި ޤަތުލުޢާންމަށް 4 މަސްވެގެން ދިޔަ އިރު، މުޅި ޣައްޒާގެ ދިރިއުޅުން އޮތީ ހުއްޓުމަކަށް އައިސްފައެވެ. ހަށީގައި ނޭވާ ހިނގާތީ، ބިންމަތީގައި އުޅޭ ފަދައެވެ. ޣައްޒާ ސަރަޙައްދުގައި އެތައް ހާސް ބަޔަކު ޢާމްދަނީ ހޯދުމަށް ބަރޯސާވެފައި އޮތް މަސްވެރިކަމުގެ ސިނާޢަތްވެސް އޮތީ އެފުށް މިފުށަށް ޖެހި، އިނދަޖެހިފައެވެ.

ނިރުބަވެރި ޔަހޫދީންގެ އަސްކަރީ ފައުޖުތަކުން ޣައްޒާއަށް އަރާ، ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ޣައްޒާގެ ހުޅަނގުގައި އޮންނަ އަލް-ރާޝިދު ސްޓްރީޓް މަގުގެ ކޮންޓްރޯލް ނެގިއެވެ. އެއީ ޣައްޒާގެ ގޮނޑުދޮށްތަކާއި ބަނދަރަށް ދެވެން އޮންނަ ހިތްގައިމު މަގެކެވެ. އިޒްރޭލުގެ އަސްކަރީ ބާރުތަކުން ވަނީ، އެ ސަރަޙައްދުގެ ޢުމްރާނީ ބިނާވެށި ހަފުސްކޮށްފައެވެ. ބަނދަރު ސުންނާފަތިކޮށް، މަސްބޯޓުފަހަރާއި، އެނޫންވެސް ކަނޑުއުޅަނދު ތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އަލް-ރާޝިދު ސްޓްރީޓް ސަރަޙައްދުން އިޒްރޭލުގެ ފައުޖުތައް ފޭބުމާއެކު، ޣައްޒާގެ އުތުރުގައި ދިރިއުޅެމުން ދިޔަ ބައެއް މަސްވެރިން، ބަނދަރު ސަރަޙައްދަށް ޖަމާވާން ފެށިއެވެ. އެމީހުންގެ ކުދި ބޯޓުފަހަރުގައި ކަނޑަށް ނުކުމެ، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވޭ ވަރަށް ފައިސާ ކޮޅެއް ހޯދުމުގެ އުންމީދުގައެވެ. މަސްވެރިކަން ކުރާނެ މާ މޮޅު ޢާލާތްތަކަކާއި ވަޞީލަތްތަކެއްވެސް މިއަދަކު ނެތެވެ. އަތުން އެއްލާ ހިފާ ޒާތުގެ ދާގަނޑުތަކާއި، ނަނުކޮޅެއްގައި ލައިގެން ބުޅިއެއް އެއްލުން ނޫން ގޮތެއް ނެތެވެ. ނުވިތާކަށް، ކަނޑުމަތީގެ މާ ދުރު ހިސާބުތަކަކަށް ދާކަށްވެސް ނުކުރެއެވެ. އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާއިން ދީފާނެ ޙަމަލާއެއްގެ ބިރަށް، ޣައްޒާގެ މަސްވެރިން ދަތުރުކޮށް އުޅެނީ، 1 ނޯޓިކަލް މޭލުގެ 4 ބައިކުޅަ 1 ބައި ސަރަޙައްދެއްގައެވެ.

ޣައްޒާ ބަނދަރަކީ އަހަރެމެންގެ ޢާމްދަނީގެ މަސްދަރު. 100 އަށް ވުރެ ގިނަ މަސްބޯޓު އޮންނާނެ ބަނދަރުގަ. ހަނގުރާމައިގަ އެ ހުރިހާ އެއްޗެއް ސުންނާފަތި ކޮށްފި. މީ އަހަރެމެން ދިރިއުޅުމަށް ކުރާ މަސައްކަތް. މިއަދު މަހަށް ހިނގައްޖެއްޔާ، މިއަދު ތިބޭނީ ކައިގެން. އެހެން ނޫނީ ތިބޭނީ ނުކައި. ހަނގުރާމައިގަ ހުރިހާ ބޯޓެއް ސުންނާފަތި ކޮށްފި، ބާކީ ނެތް ހަމަ އެކައްޗެއްވެސް.
ޙައްމާދު ޖަރްބޫޢު؛ ޣައްޒާގެ މަސްވެރިއެއް

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު އެ ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އަންނަ، ދެކުނުގެ ރަފަޙު ސަރަޙައްދަށް ބަލާއިރު ބައެއް މަސްވެރިންގެ އަތުގައި ކޮންމެވެސް ވަރަކަށް ނަޞީބު ހިފިއެވެ. ނަމަވެސް، ބޭނުނީ ހަނދިކޮޅެއް އެކަންޏެވެ. ބޭނުނު ކުޑަ މަސްކޮޅު ވިއްކޭތޯ، އެ މީހަކަށް ވީ ގޮތަކަށް މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވާލާނެއެވެ. މަގުގެ އެއް ފަރާތެއްގައި މަސްކޮޅު ވިއްކާލެވޭތޯ މަސްވެރިން މަސައްކަތް ކުރަމުން ދިޔަ އިރު، އަގުތައް ހުރީ މީހަކަށް ގަނެ ފަދަ އަގުތަކެއްގައެއް ނޫނެވެ. އެހާވެސް އަގު ބޮޑެވެ.

ޣައްޒާ ސިޓީގަ ހުރި އަހަރެމެންގެ ގެދޮރު ގެއްލުނީމަ ޚާން ޔޫނިސްއަށް ބަދަލުވީ. އެތަންވެސް ގެއްލުނީމަ ދެން ބަދަލުވީ ރަފަޙަށް. އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށް. ބާޒާރުން މަހެއް ފެނިގެން އަގު އަހާލިން. ވިއްކަން ހުރި މީހާ ކިލޯއެއް 100 ޝެކްލްސް އަށޭ.
ސަމާޙް ޢަޠާއުﷲ؛ ޣައްޒާގެ ރަށްވެއްސެއް

ޤަތުލުޢާންމުގެ ކުރިން 100 ޝެކްލްސް ނުވަތަ، ގާތްގަނޑަކަށް 27.47 ޑޮލަރަށް ވިއްކި މަސް ފޮށިގަނޑެއްގެ އަގު މިއަދު ހުރީ 700 ޝެކްލްސް ނުވަތތަ ގާތްގަނޑަކަށް 200 އެއްހާ ޑޮލަރަށް އަރާފައެވެ. އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާއިން އެއީ ކޮން ބައެއްކަން ދެނެގަނެ، ޙަމަލާ ދީފާނެ ކަމުގެ ބިރަށް، މީޑިއާއާ ވާހަކަދައްކަންވެސް ބައެއް މަސްވެރިން ފަސްޖެހެއެވެ.

ޣައްޒާގެ ބާޒާރުތަކުގައި މަހުގެ އަގު އިންތިހާއަށް އުފުލިފައި ވަނީ، މަސް ބާނަން ނުކުމެ އުޅުމުގައި މަސްވެރިންނަށް އޮންނަ ނުރައްކާތައް ބޮޑުވެފައި އިތުރުވުމާއި، މަސްބޯޓުތަކަށް އަޅާ ތެލުގެ އަގު ބޮޑު ކަމުންނެވެ. ޣައްޒާގެ ބާޒާރުތަކުގައި ކަނޑު މަހާއި އެއްގަމު މަހުގެ ސަޕްލައި ހީނަރުވެ، އަގުތައް އިންތިހާއަށް އުފުލިފައި ވާ އިރު، ޣައްޒާގެ ރަށްވެހިންނަށް މިއަދު މަޖުބޫރު ވެފައި އޮތީ ދަޅުދަޅުގައި ބަންދުކޮށްގެން ޣައްޒާއަށް އެތެރެ ކުރާ މަހާއި، އެހީގެ ޕެކޭޖުތަކަށް ބަރޯސާވުމަށެވެ. ނަމަވެސް، ޣައްޒާއަށް ބޭނުން ޖެހިފައި އޮތް މިންވަރާ ގާތަށްވެސް، އެހީގެ ސަޕްލައި އެތެރެއެއް ނުވެއެވެ.

ސަމާޙް ޢަޠާއުﷲ އަކީ މީގެ ކުރިން މަސައްކަތްކޮށް، ޢާމްދަނީ ހޯދައިގެން ދިރިއުޅުން ބިނާ ކުރަމުން އައި މީހެކެވެ. ނަމަވެސް، މިއަދު އޭނާއަށް ގަނެވޭ އަގެއްގައި އެކައްޗެއްވެސް ނެތެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި އޮވެގެން ޔަހޫދީން ހިންގަމުން ގެންދާ ޤަތުލުޢާންމު، މިއިން ދުވަހަކު ހުއްޓާލަފާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޙަމަލާ ހުއްޓާލުމަށް ބާރު ދޭ ގޮވާލުންތަކަށް އެމެރިކާއިން ދަނީ ފާޅުގައި ހުރަސް އަޅަމުންނެވެ. 5 މަހާ ގާތް ކުރަމުންދާ ޢުދުވާންތަކުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 29000 އަށް އަރައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ލައްކައަކާ ގާތް ކުރެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައި ކުޑަކުދިންނާއި އަންހެނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް