ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ހަ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޒިޔާރަތް ކުރައްވާ ސިޓީއާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސް މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި މީގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް ފުރަތަމަ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ފުވައްމުލައްސިޓީ ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. ގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގާތްވެފައިވަނިކޮށް އެމަނިކުފާނު އަތޮޅުތެރެއަށް ދަތުރުކުރައްވާތީ ގިނަ ބަޔަކު ދަނީ އެކަމާއި ފާޑު ކިޔަވަމުންނެވެ. އަދި ބައެއް ރަށްރަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރާތީ ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ޔާމީންނަށް ޚާއްސަކުރާ ހުސްގޮނޑިކޮޅު ބަނދަރު މަތީގައި ބަހައްޓާފައި ހުރެއެވެ. ޔާމީން މިނިވަން ކުރާނެކަމަށް ވިދާޅުވެގެން ހައްދަވަނީ އިތުރުފުޅުކަމަށާ އެއީ ހަމަ އެކަނި ޔާމީނަށް ތާއީދު ކުރާ މީހުންގެ ތާއިދު ހޯއްދެވުމަށް ކުރައްވާކަމެއް ކަމަށް އެއްބަޔަކު ބުނަމުން ދެއެވެ.
މި ދަތުރުފުޅުގައިވެސް ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.