ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ދާންދޫ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ބޭނުންވާކަމަށާއި، ބޭންކެއްގެ ޚިދުމަތް ބޭނުންވާކަމަށާއި، ހޮސްޕިޓަލެއްގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެށިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމާއި، މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ހިމެނެއެވެ. މިކަންކަމުގެ އިތުރުންވެސް 50 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމަށާއި، ބިންހިއްކާފައިވާ ސަރަހައްދުގެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި އެ ރަށާ ގުޅުވާލެވޭނެ ގޮތެއްހަމަޖެއްސުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި ކައުންސިލުން ވަނީ ދާންދު އާ ބްރިޖަކުން ނިލަންދޫ ގުޅުވާލަން އެދޭކަން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ބޭތިއްބުމުގެ މުހިންމުކަމާއި ބޯހިޔާވަހިކަން ފަހިކުރުމަށް ރޯހައުސް ނުވަތަ ފްލެޓް އަޅަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވަނީ ހިއްސާކުރައްވާފައެވެ.
މީގެއިތުރުން ރައީސް ވަނީ ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ގއ. ދާންދޫ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއްގެ މުހިންމުކަމާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާއި، ސިޓީހޮޓަލެއްގެ މުހިންމުކަމާއި، އައު ބަނދަރެއް ތަރައްޤީކުރުމުގެ ބޭނުންތެރިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އ.ތ.މ ކޮމިޓީއަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކުރިމަތިވާ ދަތިކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހިއްސާކުރެއްވިއެވެ. މިކަންކަމުގެ އިތުރުން ނިލަންދޫ ކައުންސިލުން ވަނީ އެރަށާއި ދާންދުއާ ބްރިޖުން ގުޅުވާލަން އެދޭކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް ހޭންޑްބޯލްކޯޓް ފަދަ ވަސީލަތްތައް ޤާއިމުކުރުމާއި، މަޑުޖެހިފައިހުރި މަޝްރޫޢުތައް އަވަސްކުރުމަށްވެސް ކައުންސިލުން އެދިވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވަނީ ޙިއްޞާކުރައްވާފައެވެ.