Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 16:26
ރައީސް ވާދޫ ކައުންސިލާ ބައްދަލު ކުރެއްވުން
ރައީސް ވާދޫ ކައުންސިލާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ރައީސް ގދ ށް ކުރައްވާ ދަތުރުފުޅު
ގދ ވާދޫ އަދި ފިޔޯރީ ކައުންސިލާއި ޑަބްލިޔުޑީސީ އާ ރައީސް ބައްދަލުކުރައްވައިފި
ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ސަމާލުކަން ދެއްވާނެކަމަށް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވާދޫ އަދި ފިޔޯރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހުގެ ހެނދުނު ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުޞަތު އިތުރުކުރުމާއި ރަށުގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމާއި، މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، އަދި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށުގައި ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަމާއި، އައުޓްޑޯ ޖިމް، ފަތާ ޓްރެކް އަދި އ.ތ.މ. ކޮމިޓީއަށް އިމާރާތެއްގެ ބޭނުންތެރިކަންވެސް ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް ކަމުގައި ވިދާޅުވިއެވެ.

Advertisement

އަދި ދަނޑުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާ ގުޅޭ އިންވެސްޓްމަންޓުތައް އެރަށަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގައި ނުފެށިހުރި މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ސަމާލުކަން ދެއްވާނެކަމަށާއި، އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިޔޯރީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ މުހިންމުކަމާއި، ދަނޑުތަކަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީއަށް ކުރިމަތިވާ މާލީ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އެރަށަކަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެއް އެގޮތަށް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް