ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 09:22
ސަމާ އިސްމާޢީލު؛ ޔަޠީމު ވެފައިވާ ޣައްޒާ ކުއްޖެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިސްރާއީލުން ޔަތީމު ކުރި ޣައްޒާގެ ގިނަ ކުދިންނާ ޙަވާލުވާނެ ދުރުތާ ތިމާގެ މީހަކުވެސް ނެތް!
 
ޔުނިސެފްގެ އިބްތިދާއީ އަންދާޒާތަކަށް ބަލާއިރު ޤަތުލުޢާންމުގައި ޣައްޒާއިން 17000 ކުއްޖަކު ޔަތީމު ވެފައި ވާ އިރު، އެއީ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހުންގެ ޖުމުލަ ޢަދަދުގެ 1 ޕަސެންޓް

ހަނގުރާމައާއި ޤަތުލުޢާންމުތަކުގައި ލިބޭ ގެއްލުންތަކުގެ ޙަޤީޤީ އަގެއް ދުވަހަކުވެސް ކަނޑައެއް ނޭޅޭނެއެވެ. އެހެނީ، އެފަދަ ހައިޖާނުގަނޑެއްގެ ތެރޭގައި ގެއްލި ދަނީ ޢުމްރާނީ ބިނާވެއްޓާއި، ޢިޤްތިޞާދީ ވެއްޓާއި އެނޫންވެސް މާއްދީ ކަންކަން އެކަނި ކަމުގައި ނުވާތީއެވެ. ހަނގުރާމައާއި ޤަތުލުޢާންމުތަކުގައި މި ދުނިޔެ ދޫކޮށް ދާ މީހުންގެ ފުރާނައިގެ އަގު ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ އެމީހެއްގެ ފަރާތުން ލިބެން އޮތް ފައިދާއެއްގެ އަގު ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ ޒަޚަމްވާ މީހުންނަށް ބަލާއިރުވެސް ކަން އޮތީ އެކަހަލަ ގޮތަކަށެވެ. މިއިން ކޮންމެ ކަމެއްގައިވެސް ޢަދަދުތަކެއް ކިޔައި، ބޮޑުކުޑަ ކިޔާލެވިދާނެއެވެ. ނަމަވެސް، ހަނގުރާމައާއި ޤަތުލުޢާންމުތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭ ނަފްސާނީ އަނިޔާ މިންކޮށް، އަގު ކުރާނީ ކޮން އިންސާފަކުން ހެއްޔެވެ؟

ނިރުބަވެރި ޔަހޫދީން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވި މީހުންގެ ޢަދަދު، 4 މަސް ފާއިތުވެދިޔަ އިރު، 29000 އާ ގާތް ކުރެއެވެ. ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު ވަނީ ރެފިއުޖީންނަށް ވެފައެވެ. އެ އެންމެންގެ ތެރޭގައި، އެންމެ ހިތްދަތި ޙާލެއް ޖެހިފައި ތިބީ ކުޑަކުދިންނަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނި ގޮތުގައި، އިޒްރޭލުގެ ޢުދުވާންތަކުގައި ޣައްޒާއިން 17000 އެއްހާ ކުދިން ވަނީ ޔަޠީމުވެފައެވެ. ނުވަތަ މައިންބަފައިންނާ ވަކިކުރެވިފައެވެ. ގާތްގަނޑަކަށް އެ ހުރިހާ ކުދިންނަކީވެސް ނަފްސާނީ އަނިޔާ، އޭގެ އެންމެ އިންތިހާއަށް ތަޙައްމަލު ކުރަމުން ދާ ކުދިންނެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމުގެ ނަމުގައި އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ކުދިންނެއް ޒަޚަމްތަކާއެކު ހޮސްޕިޓަލުތަކަށް ގެންދެވެއެވެ. ގިނަ ކުދިން ތިބެނީ އެކަންޏެވެ. ޢުދުވާނީ ޙަމަލާތަކުގައި، ޢާއިލާގެ މެންބަރުން މި ދުނިޔެއާއި ވަކިވެ ދިޔައީއެވެ. ޣައްޒާގެ ހޮސްޕިޓަލުތަކުގައި މިހާރު ކުޑަކުދިން ގިންތި ކުރާ އައު ކެޓަގަރީއެއްވެސް ވަނީ އުފައްދާފައެވެ. އެއީ ވޫންޑަޑް ޗައިލްޑް ނޯ ސަވައިވިންގް ފެމިލީ (ޑަބްލިއު.ސީ.އެން.އެސް.އެފް) ނުވަތަ، "ޢާއިލާގައި ދިރިހުރި މެންބަރަކު ނެތް، ޒަޚަމްވެފައި ވާ ކުއްޖެއް" ގެ ކެޓަރީއެވެ.

ޔުނިސެފްގެ އިބްތިދާއީ އަންދާޒާތަކަށް ބަލާއިރު ޤަތުލުޢާންމުގައި ޣައްޒާއިން 17000 ކުއްޖަކު ޔަތީމު ވެފައި ވާ އިރު، އެއީ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހުންގެ ޖުމުލަ ޢަދަދުގެ 1 ޕަސެންޓްއެވެ.

އެ މީހުން ދިރިއުޅެމުން ދިޔަ ގެއަށް އިޒްރޭލުން ބޮން އެޅުމުން، ޒައިތޫނާ ޢާއިލާއިން ޣައްޒާގެ އުތުރު ދޫކޮށް، ދެކުނުގެ ރަފަޙަށް ބަދަލުވިއެވެ. ދެ ދަރިންގެ ބައްޕަ މި ދުނިޔެއާއި ވަކިވީ ބޮމުގެ ޙަމަލާގައެވެ. ޙަމަލާގައި ސަލާމަތްވި އޭނާގެ 3 ދަރިންނާއެކު ފޭލިގެއެއްގައި މަންމަ ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.

އަހަރެންގެ ބައްޕައާއި 2 އަޚެއް މި ދުނިޔެއާ ވަކިވީ. އަހަރެމެންގެ ހިޔާވަހިކަން ހޯދީ އަލް-ޝިފާ ހޮސްޕިޓަލުގަ. ދެން ޚާން ޔޫނިސްއަށް ބަދަލުވީ. ދެން އޭގެ ފަހުން ރަފަޙަށް މި އައީ. އަހަރެމެން ތިބީ ގޭ ތެރޭގަ އިށީނދެލައިގެން، ބައްޕަ ހުރީ ކުޑަދޮރު ކައިރީގަ، ފޯނަށް ސިގްނަލެއް ލިބޭތޯ، އެހީއަށް އެދެންވެގެން. ދެން، ހަމަ ކުއްލިއަކަށް ބައްޕަ ގަޔަށް މިސައިލް އެރީ.
މަލިކާ އަލް-ޒައިތޫނާ؛ ޔަޠީމު ވެފައިވާ ޣައްޒާ ކުއްޖެއް

މި ކުދިންގެ ނަފްސާނީ ޞިއްޙަތަށް ނޭދެވޭ އަސަރު ފޯރާފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ. އެ ކުދިންގެ ކިބައިން ޝޮކްގެ ޢަލާމާތްތައް ފެނެއެވެ. ތާ އަބަދުމެ ތިބެނީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ. ކާހިތް ކެނޑިފައެވެ. ނިދިން މަހްރޫމުވެފައެވެ. ބޭ އިޚްތިޔާރުގައި ކުޑަކަމުދެވެއެވެ. ގޮވުމެއްގެ އަޑު އިވޭ ކޮންމެ ފަހަރަކު، ޕެނިކް އެޓޭކްސް އާދެއެވެ.

އިންތިހާ ހިތާމަވެރި ޙާދިޘާތަކާ ވިދިގެން ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ނުވަތަ ޕީޓީއެސްޑީގެ ޢަލާމާތްތައް ހުރި ކުދިންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި އިސް ނެގި އެކަކީ ސައިކޮލޮޖިސްޓް، ޑރ. ޝަރީފް އަލް-ޝަރީފް އެވެ. ޕީޓީއެސްޑީގެ ޢަލާމާތްތައް ހުންނަ ކުދިންނަށް އޭނާގެ ކުލިނިކުގައި ފަރުވާ ކުރުމުގެ ޚިދުމަތް ދެނީ ދަރުމައަށެވެ.

ޤަތުލުޢާންމުގަ މަންމަ ނުވަތަ ބައްޕަ، ނޫނީ މަންމައާއި ބައްޕަ މަރުވި ކުދިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ. ޔުނިސެފްގެ އަންދާޒާތައް ދައްކާ ގޮތުން 17000 އެއްހާ ކުދިން އުޅޭނެ. މި ކުދިން ދިރިއުޅެމުން ދަނީ ނަފްސާނީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގަ. ލޯބިވާ މައިންބަފައިން ވަކިވެ ދިއުމާއި، ގެދޮރު ގެއްލުމާ އެކަހަލަ ކަންކަމުގެ ނަތީޖާ. ހިޔާތަކުގަ އަހަރެމެން މި ދަނީ އެ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީގެ އެންމެ އަސާސީ ފަރުވާ ދެމުން.
ޑރ. ޝަރީފް އަލް-ޝަރީފް؛ ސައިކޮލޮޖިސްޓެއް

ސަމާ އިސްމާޢީލުގެ ބައްޕަ މި ދުނިޔެ ދޫކުރީ އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައެވެ. ޑރ. ޝަރީފު ގާތުން ފަރުވާ ހޯދާ ކުދިންގެ ތެރޭގައި ސަމާވެސް ހިމެނެއެވެ.

ހަމަ ކުއްލިއަކަށް އެމީހުން އަހަރެމެންނަށް ޢަމާޒުކޮށްގެން ބޮން އެޅީ. ތޫނުތޫނު ބައިވަރު އެތިކޮޅުތައް ހުރި. ބައްޕަ މަރުވީ. ދެން އަހަރެމެން ބަދަލުވީ އެހެން ވަގުތީ ހިޔާއަކަށް. އެތަނަށްވެސް އަނެއްކާ ބޮން އަޅައިފި. އެތަން ހުސްކުރަންވެސް އިޒްރޭލު އަސްކަރިއްޔާއިން އަހަރެމެންނަށް އެންގި. ދެން އަހަރެމެން އައީ ރަފަޙަށް. މިތާ ތިބޭތާ 115 ދުވަހަށް ވުރެ ގިނަ ވެދާނެ. އުންމީދަކީ، މަންމައާއި، އެއްބަނޑުއެއްބަފާ ކުދިންނާ އެކީގަ އަހަންނަށްވެސް އަނބުރާ ގެއަށް ދެވުން.
ސަމާ އިސްމާޢީލު؛ ޔަޠީމު ވެފައިވާ ޣައްޒާ ކުއްޖެއް

ޢުދުވާންތަކުގައި ޔަތީމު ވާ ކުދިންގެ ކަންކަމާ ޢާންމުކޮށް ޙަވާލު ވަނީ ގާތް ތިމާގެ މީހުން ނުވަތަ އަވަށްޓެރިންނެވެ. ނަމަވެސް ގިނަ ފަހަރަށް އެމީހުންވެސް ވަނީ މަރެވެ. ކުދިންގެ ކަންކަން ބަލަހައްޓާ، އެ ކުދިންނާ ޙަވާލު ވާނެ އެއްވެސް މީހަކު ދިރި ދުނިޔޭގައި ނެތް އެތައް ކުދިންނެއް ޣައްޒާގައި މިއަދު އެބަ ތިއްބެވެ. އެ ކުދިންގެ މުސްތަޤުބަލާ މެދު އުފެދިފައި އޮތީ، ހިތްދަތިކަމާއި މާޔޫސްކަމުގެ ސުވާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް