ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާދީއްތަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ގައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަމަށާއި، ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަން އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިގުތިސާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ގައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތައް ވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަން ފާހަގަކުރައްވައި، އައްޑޫސިޓީގެ ހުޅުދޫމީދޫ އާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތް ކުރިއަށްގެންދާނީ އެގޮތަށްކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބައެއް ސާމާނާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް ފަދަ ކަންކަމުން އައްޑޫސިޓީގެ ރައްޔިތުންނަށް މަންފާކުރާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.
އައްޑޫސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެހުރިހާ ކަމެއްވެސް މިސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށް ބަލައި އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.