ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އާދިއްތަ ދުވަހު ހެނދުނު އައްޑޫ ސިޓީއަށް ވަނީ ވަޑައިގެންފައެވެ.
ރައީސް އައްޑޫ ސިޓީއަށް ފައިބައިވަޑައިގަތުމާއެކު އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.