ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 14:32
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ރައްޔިތުންގެ މަޖިލިސް
ބޯހިޔާވަހިކަން
މިސަރުކާރުން ދަނީ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަތުމަށް މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
 
ފްލެޓްތައް ހިފަހައްޓަމުންދަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ތުހުމަތުކުރެއްވި
 
ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބެންޖެހޭ
 
މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރަމުންދާ ކަމެއް

ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ފޭރިގަތުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކާއި، ފްލެޓްތައް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލާގައި ކަންބޮޑުވާ ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަމަލުކުރަމުންދަނީ ރަނގަޅަށް ނޫން ކަމަށެވެ. ފްލެޓްތައް ދޫނުކޮށް އެކިއެކި ސަބަބުތައް ދައްކައި، އެ ފްލެޓްތައް ހިފަހައްޓަމުންދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ގުޅިގެން ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް ކަމަށް މެންބަރު މީކާއީލް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ ފްލެޓުތަކުގެ މައްސަލަތަކުގެ އިތުރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލައެއް ވެސް އޭސީސީން ބަލަމުންދާ ކަމަށެވެ. އަދި މިމައްސަލަތައް ބަލަމުންދާއިރު، ގޯތި ނުވަތަ ފްލެޓު ލިބުނު އާއްމު ރައްޔިތުމީހާއަށް ޖާވާބުދާރީވުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިރު އެފަދަ ފުރުސަތެއް ރައްޔިތުންނަށް ނުލިބޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

އެބޭފުޅުން ވަރަށް ތަފާތު ވާހަކަތައް ދެއްކެވި. ބައެއް ކޭސްތަކުގައި އެބަހުރި ކައުންސިލް އެބަހުއްޓޭ ލިޔުންދީފައި މާލޭގައި ދިރިނޫޅޭ މީހުންނަށް އުޅޭ ކަމަށް ވެސް އެނގޭތޯ. ނަމަވެސް އަޅުގަނޑުމެންގެ ވާހަކައަކީ ފްލެޓު ލިބިފައި ތިބި ރައްޔިތުންގެ ކުށެއް ނޫނޭ އެއީއެއް. ތިބޭފުޅުންގެ ތަހުގީގަށް ތިބޭފުޅުންގެ ޖިނާއީ ތަހުގީގަށް މަގުކޮށްޓަވާނަމަ ވެސް އެކަން ކުރައްވަން ވާނީ އެލިޔުންތައް ދެއްވި ބޭފުޅުން. އެލިޔުންތައް ދެއްވީ ކައުންސިލުން ވެއްޖެއްޔާ ކައުންސިލުން އެތިއްބެވި ބޭފުޅުންނާއި މެދު ފިޔަވަޅު އަޅުއްވަންވީ. ގޯއްޗާއި، ފްލެޓާއި ދީފައި ހުރީ ހައްގުވެރި ނޫން ކަމަށްވަންޏާ އޭރުގެ ހައުސިން މިނިސްޓަރު ކަމަށް ހުންނެވި ބޭފުޅާއާއި، އަދި މިކަމުގައި އެންމެ އިސްކޮށް އުޅުއްވި ސްޓޭޓް މިނިސްޓަރުންނާއި، ސިޔާސީ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅުއްވަންވީ. ނަމަވެސް އަޅުގަނޑުމެންނަށް އެމަންޒަރެއް ނުފެނޭ އެނގޭތޯ. ކުރަން އުޅޭ ކަމަކީ ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ފޭރިގަތުން. އިތުރު އެއްވެސް ކަމެއް ނެތް. މިއީ ވަރަށް ރޭވިގެން ކުރަމުންދާ މަސައްކަތެއް. އަދި އަޅުގަނޑު އެންމެ ކަންބޮޑުވަނީ ހަމައެކަނި ފްލެޓްގެ މައްސަލައެއް ނޫން. އޭސީސީން މިހާރު ފާހަގަކޮށްފައި އެބައޮތް ގޯތިތައް ދީފައިވާ ގޮތުގެ ތަހުގީގެއް ވެސް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށް. މާލޭގެ ރައްޔިތުންނަށް ވަރަށް މުހިންމު އިޝޫއެއް މިއީ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް

މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކާއި، ފްލެޓްތައް ފޭރިގަތުމުގެ މަސައްކަތް ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބުނީ 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށާއި، އެގޯތިތަކާއި، ފްލެޓްތައް ފޭރިގަތުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް 40 އަހަރު ފަހުން ލިބުނު ބޯހިޔާވަހިކަން ފޭރިގަންނަން އަނެއްކާ ސަރުކާރުން ދިމާކުރާނަމަ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެގޮތުން އަޅުގަނޑު ވާނެ ދާދި ފަހުން ބިލެއް ވެސް ހުށަހަޅާފައި. މިހާރު ނުދީ ހުރި ރަޖިސްޓްރީ ތަކާއި ބިންތަކާއި މިބިލް ފާސްވާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްވެގެން ތަސްތީގު ކުރުމާ ހަމައަށްދާނެ. އަޅުގަނޑު އުންމީދަކީ އެބިލުން މިހާރު ރައްޔިތުންނަށް ދެވިފައިވާ ބޯހިޔާވަހިކަން އެނގޭތޯ މާލޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އަޅުގަނޑުގެ ދާއިރާއިން އެކަނި ގަލޮޅު ދެކުނު ދާއިރާއަށް އެކަނި 1700ށް ވުރެ ގިނަ މީހުންނަށް ގޯތި ކަށަވަރުވި. 1700 ށްވުރެ ގިނަ މީހުންނަށް ކަވަށަރުވި ގޯތީގެ ހައްގުގައި މިފަހަރު އަޅުގަނޑުމެން މިނިކުންނަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ރައްޔިތުންނަށް ގޯތިތައް ލިބޭނެކަމަށް ކަށަވަރުކޮށްފަ އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މިދައުރު ނިންމާނީ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް

ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މެންބަރު މީކާއީލް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ އަވަހަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅުއްވާފައެވެ.

މި އިސްލާހުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ، މި ބިލު ތަސްދީގުކުރާތާ ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި އެ ލިބުނު ފަރާތްތަކާ ހަވާލުކުރުން ސަރުކާރަށް ލާޒިމްކުރުމަށެވެ. މި ބިލު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން، އެތައް އަހަރުތަކަށްފަހު މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމުކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، ގޯތި ލިބުނު ފަރާތްތަކާ ހަވާލުކޮށްފައި ނުވާތީއެވެ.

މެންބަރު މީކާއީލް ހުށަހެޅުއްވި މި އިސްލާހަކީ މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރުކުރުމަށާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޕީއެންސީގެ ސިޔާސީ މަސައްކަތްކުރާ ވައްޓަފާޅިއަކީ ޑިމޮކްރަސީ އާއި ޚިލާފު ވައްޓަފާޅިއެއް: މީކާއިލް
ވަކި ދެ ފަރުދަކު ހިމާޔަތްކުރަން ފޮރިން ޕޮލިސީ ފުނޑާލުމުން އެނގެނީ ރައީސްގެ ނާޤާބިލްކަން: މީކާއިލް
މި ސަރުކާރުން ޒުވާނުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް - މީކާއީލް
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދައި، ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އަވަހަށް ލިބޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި
ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާ އަށް ފާޑުކީ މައްސަލަ އާއި މެދު ސުވާލުކުރުމަށް މިނިސްޓަރ ޒަމީރު މަޖިލީހަށް ހާޒިރުކުރަނީ
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އަވަހަށް ލިބޭގޮތަށް ގާނޫނަށް އިސްލާހެއް