ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 22:20
"ޕްރެކްޓިސް ޕާލަމަންޓް ފޯރ ވިމެން"ގެ ތެރެއިން
"ޕްރެކްޓިސް ޕާލަމަންޓް ފޯރ ވިމެން"ގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަގޭ ރިޕޯޓް
ސިޔާސީ ދާއިރާގައި އަންހެނުންނަށް އޮތީ ކޮން ޖާގައެއް؟
 
މަޖިލީހުގައި މިހާރު ތިއްބެވީ 4 އަންހެން މެމްބަރުން
 
ކުރިޔަށް އޮތް އިންތިޚާބުގައި 42 އަންހެން ކެންޑިޑޭޓުން ވާދަކުރާނެ

ސިޔާސީ މައިދާނުގައި އަބަދުވެސް ދެކެވޭ އެއް ވާހަކަ އެއް އޮވެއެވެ. އަންހެނުންނަށް ސިޔާސީ މައިދާނުން ޖާގަ ދޭންޖެހޭ ވާހަކަ އެވެ. ބަސް ބުނާ ހިސާބުގައި އަންހެނުންނަށް ފުރުޞަތުދޭން ޖެހޭ ވާހަކަ އެވެ. މިއީ އިވޭ ވާހަކަ ތަކެވެ. އެހެންނަމަވެސް ފެންނަ މަންޒަރު ތަފާތެވެ. ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އަތުން ގުނާލެވޭހާ މަދޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ވަކިން ޚާއްޞަކޮށް އިންތިޚާބުކޮށްގެން އަންނަ މަޤާމެއް ވިއްޔާ އެކަން ކުރުމަށް އަންހެނުންނަށް ވަކިން އުނދަގުލެވެ. ސަބަބުތައް ބައިވަރެވެ.

ސަބަބުތައް ބާއްވާލުމަށްފަހު ތަފާސް ހިސާބުން އަންހެނުން ސިޔާސީ މައިދާނުގައި އިންތިޚާބުވާ މަޤާމުތަކުގައި ޙަރަކާތްތެރިވާ މިންވަރަށް ބަލާލަމާތޯ އެވެ. ގިނަ ސިޔާސީ ޕާޓީތައް އެކުލެވިގެން އިންތިޚާބު ކުރެވިގެން މިހާތަނަށް އައި 3 މަޖިލީހުގައި އަންހެން މެމްބަރުން ހިމެނޭ ނިޞްބަތަށް ބަލާލާނަމެވެ. 17 ވަނަ މަޖިލީހުގައި ތިއްބެވީ އެންމެ 5 އަންހެން މެމްބަރުންނެވެ. އެއީ 77 މެމްބަރުންގެ ތެރެއިންނެވެ. ޖެހިގެން އިންތިޚާބުވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ 4 އަންހެން މެމްބަރުންނެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުންގެ ތެރޭގައި ތިއްބެވީވެސް އެންމެ 4 އަންހެން މެމްބަރުންނެވެ. މިހިސާބުތަކަށް ބަލާލުމުންވެސް ސިޔާސީ މައިދާނުގައި ބަސްބުނާ ހިސާބަށް އަންހެނުންނަށް އާދެވޭ މިންވަރު ވަޒަން ކޮށްލެވޭނެއެވެ.

ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހަދާ މަޖިލީހެވެ. ސިޔާސީ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ތަނެވެ. ނަމަވެސް އެތަނުން އަންހެނުންނަށް ޖާގަ ލިބޭ މިންވަރު ކުޑައެވެ. ބޯމަތިވަމުން އަންނަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާއިރު މިއިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. އެއީ އަންހެން 42 ކެންޑިޑޭޓުންނާއި ފިރިހެން 326 ކެންޑިޑޭޓުންނެވެ.

މީގެތެރެއިން ބައެއް އަންހެން ކެންޑިޑޭޓުންނަކީ ޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނެވެ. ޕާޓީތަކުން ބޭއްވި ޕްރައިމަރީއަށް ބަލާއިރުވެސް އަންހެން ކެންޑިޑޭޓުންނަށް ޕްރައިމަރީ ކާމިޔާބުކުރެވުނުލެއް މަދެވެ. ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުން ބޭއްވި ޕްރައިމަރީގައި ބައިވެރިވި 32 އަންހެން ކެންޑިޑޭޓުންގެ ތެރެއިން ޓިކެޓު ކާމިޔާބު ކުރީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ މާފަންނު މެދު ދާއިރާއަށް ވާދަ ކުރާ އަސްމާ ރަޝީދެވެ. ދެން ޕީއެންސީން ވާދަ ކުރާ އަންހެން ކެންޑިޑޭޓަކަށް ހުންނެވީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ލިބުނު ފ. ނިލަންދޫ ދާއިރާއަށް ވާދަ ކުރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާ ރަޝީދެވެ. ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގެ މާކުރިން ރައީސް ވަނީ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަންހެން މެމްބަރުން ހޮވައިދިނުމަށް ވިޔަފާރިވެރިންނަށް އިލްތިމާސްވެސް ކުރައްވާފައެވެ. ނަމަވެސް ކުރިޔަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނީ އަންހެން ދެ ކެންޑިޑޭޓުންނެވެ.

ދެން އޮތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއެވެ. އެޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ހަ އަންހެން ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ޕްރައިމަރީގައި ވާދަކޮށް ހޮވިފައިވާ ތިން ކެންޑިޑޭޓުންނަކީ ހުޅުމާލެ މެދު ދާއިރާއަށް ސަފާތު އަހްމަދު ޒާހިރު، ފުވައްމުލަކު ދެކުނު ދާއިރާއަށް ނަޒްރާ ނަސީމް އަދި ތިނަދޫ ދެކުނު ދާއިރާއަށް ޒިފްލީނާ ހަސަނެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓު ކާމިޔާބު ކުރި އެމްޑީޕީގެ ތިން އަންހެން ކެންޑިޑޭޓުންނަކީ ހިންނަވަރު ދާއިރާއަށް މިހާރުވެސް އެދާއިރާގެ މެމްބަރު ޖީހާން މުހައްމަދު، މާފަންނު އުތުރު ދާއިރާއަށް އިފްހާމް ހުސެއިން އަދި ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދެވެ.

އިދިކޮޅުގައި ދެން އޮތް ޕާޓީ، ޑިމޮކްރެޓްސް އިން 12 އަންހެން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ. ޖޭޕީން ދެ އަންހެން ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މިހާރުގެ ކެބިނެޓަށް ބަލާއިރު 22 ވަޒީރުން ތިއްބެވިއިރު އަންހެން ތިއްބެވީ ތިން ވަޒީރުންނެވެ.

މުޖުތަމަޢެއް ބިނާކުރުމަށް އަންހެނުންނާއި ފިރިހެނުންގެ ބަސް ބޭނުންވެއެވެ. ކަންކަން ނިންމާ ހިސާބުގައި ،ބަސްބުނާ ހިސާބުގައި ދެ ޖިންސުގެ މީހުން ތިބެންޖެއެވެ. މުޅި މުޖުތަމަޢާ ގުޅުންހުރި ކަންކަން ނިންމާއިރު އެއީ މުހިންމު ކަމެކެވެ. އެހެންނަމަވެސް އަދަދުތަކަށް ބަލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިދިޔަ ސަރުކާރުން ވަނީ ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުން ތިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައެވެ. އެއާއެކު މިހާރު ހިނގަމުންދާ ކައުންސިލުތަކުގައި ކޮންމެ ކައުންސިލެއްގައި 33 އިންސައްތަ އަންހެނުން ހިއްސާކުރެއެވެ. އޭގެކުރިން އިންތިޚާބުވެފައިވާ ކައުންސިލުތަކުގައި 634 ކައުންސިލަރުންގެ ތެރޭގައި ތިއްބެވީ އެންމެ 38 އަންހެން ކައުންސިލަރުންނެވެ.

މިއަދަދުތަކަށް ބަލާލުމުން ސިޔާސީ ދާއިރާގައި އަންހެނުންނަށް އޮތީ ކޮން ޖާގައެއް ކަމާމެދު ސުވާލު އުފެދެއެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގައި އަންހެނުންނަށް ޚާއްސަކޮށް ގޮތްޕެއް އޮވެއެވެ. މަގުމަތީ ހިންގާ ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ފެންނަލެއް ވަކި މަދެއް ނޫނެވެ. އެހެންކަމަށްވާއިރު ބަސް ބުނާ ހިސާބުގައި ގޮތް ނިންމާ ހިސާބަށް އަންހެނުންނަށް އަދިވެސް ނާދެވެނީ ކީއްވެހެއްޔެވެ؟ އެފުރުސަތު ގާނޫނަކުން މަތިކޮށްގެން ނޫނީ ލިބެން ނެތީ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް