ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވައިފިއެވެ.
މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހިބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މި ހުޅުވުނު މަރުކަޒަކީވެސް މި ޤައުމީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ މަރުކަޒުތައްވެސް މީގެ ކުރިން ހުރީ އަޅާނުލެވި ކަމަށާއި، މި ސަރުކާރުން އެކަންކަން ބަދަލުކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި މިސަރުކާރު ކުރިއަށްދާނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް ހަވާސާ ވެފައިވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަންދެއްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގާނީވެސް އެފަދަ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުޞަތު ދެއްވައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުފާގެ ނަމުގައި ބާއްވާ ފޮޓޯ މުބާރާތް ހުޅުވައިދެއްވާފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރަށްވެހިންގެ ނާދީ ބައްލަވާލައްވާފައެވެ.