ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 17:46
ޖަރުމަނުވިލާތުގެ މިޔުނިކުގައި ކުރިއަށްދާ ސެކިޔުރިޓީ ކޮންފަރެންސުގެ ތެރެއިން
ޖަރުމަނުވިލާތުގެ މިޔުނިކުގައި ކުރިއަށްދާ ސެކިޔުރިޓީ ކޮންފަރެންސުގެ ތެރެއިން
ފޮރިން މިނިސްޓްރީ
މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސް
ކްލައިމެޓް ފަންޑިންގ ލިބޭނެ ގޮތް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި
 
ޖަޒީރާ ގައުމެއްގައި ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކުން ފައިދާ ނެރެވޭނެކަން، ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރަށް ވިސްނައިދިނުމަކީ ވަރަށް އުނދަގޫ ކަމެއް
 
މޫސުމަށް އަންނަ ބަދަލުތަކާހެދި ދިވެހިން ރާއްޖެ ދޫކޮށްފައި ނުދާނެކަމަށް މިނިސްޓަރ ވިދާޅުވި

ކްލައިމެޓް ފަންޑިންގ ލިބެން އޮތް މަގު ކުރުކޮށް، އެކަން ފަސޭހަކޮށްދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

ޖަރުމަނުވިލާތުގެ މިޔުނިކުގައި ކުރިއަށްދާ ސެކިޔުރިޓީ ކޮންފަރެންސުގެ ތެރެއިން ކްލައިމެޓް ފައިނޭންސިންގއާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ، މޫސުމަށް އަންނަ ބަަދަލުތަކުގެ ގެއްލުން ކުޑަވާގޮތަށް ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، ކުދި ގައުމުތަކުގެ އެފަދަ މަޝްރޫއުތަކަށް ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ބައިނަލްއަގުވާމީ މުޖުތަމައުން ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާހެދި ދިވެހިން ރާއްޖެ ދޫކޮށްފައި ނުދާނެކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއިން އެކަމުގައި ކުރަންޖެހޭ މަސައްކަތްތަައް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޒަމީރު އިތުރަށް ވިދާޅުވީ، ބައިލައްކަ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކުން ފައިދާ ނެރެވޭނެ ކަމަށް ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރަށް ވިސްނައިދިނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖެފަދަ ގައުމުތަކުގައި މިފަދަ މަޝްރޫއުތަކުން ފައިދާވާ މިންގަނޑު ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅިގެން ބޯކޮށް ވާރޭވެހުމާއެކު އުދައެރުން އަވަސްވުމުގެ ސަބަބުން ތައުލީމާއި ސިއްހީ ކަންކަމަށް ޚަރަދުކުރަންޖެހޭ ފައިސާ، މިފަދަ މޫސުމީ ކާރިސާއިން އަރައިގަތުމަށް ބޭނުންކުރަން ޖެހިފައިވާކަމަށެވެ.

ނަމަވެސް މި ކާރިސާތަކުގެ ސަބަބުން ދިވެހިންގެ އަޒުމެއް ނުގުޑާނެ ކަމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރާ މިންވަރު 33 ޕަސަންޓަށް ހެދުމާއި، ތިން މީޓަރަށް އުސްކޮށް "ސޭފް އައިލެންޑް" ކޮންސެޕްޓަށް ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ސަރުކާރުން ޕްލޭންތައް ހަދާފައިވާއިރު، އެ ކަމަށް ފައިސާ ބޭނުންވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ކުދި ގައުމުތަކަށް މާލީގޮތުން ބައިނަލްއަގުވާމީ އެހީތެރިކަން ދިނުމުގެ ޝަރުތުތައް އަލުން ކަނޑައަަޅަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޝަރުތުތަކަކީ އދ.ގެ މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ފަދަ އުސޫލަކަށް ހެދިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް