ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 16:05
މިޞްރާއި ޣައްޒާ ހިއްސާކުރާ ބޯޑަރުގައި އޮންނަ ރަފަޙް ފިޔަވައި އެމީހުންނަށް އިތުރު ހިޔާވަހި ކަމެއް ނެތްއިރުވެސް، އިޒްރޭލުން ދަނީ ރަފަޙަށް ދޭ ޙަމަލާތައް ވަރުގަދަ ކުރަމުން
ފަލަސްޠީން - އިސްރާއީލް ހަނގުރާމަ
ރެފިއުޖީއެއްގެ ގޮތުގައި ރަފަޙަށް ގެންގޮސް، ކުޑަކުޑަ މާއީ ޒަޚަމްކޮށް ޔަތީމުކޮށްލީ ޔަހޫދީންނަށް ކީއްކޮށްގެން ހެއްޔެވެ؟
 
2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިހާރު "ދިރިއުޅެމުން"ދަނީ ދެކުނުގެ ރަފަޙްގައި

އުމުރުން ކިތަންމެ ދުވަހެއް ވީނަމަވެސް، މައިންބަފައިން މި ދުނިޔެއާ ވަކިވެ ދިއުމަކީ ބަރުދާސްތުކުރަން ދަތި ވޭނެކެވެ. މަރަކީ ކޮންމެ މީހަކާ އެންމެ ގާތުގައިވާ ކަންތައްކަން އެންމެންވެސް ގަބޫލުކުރެއެވެ. ނަމަވެސް، ތިބާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ، އަދި ތިބާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ މީހަކު މި ދުނިޔެއާ ވަކިވެ ދިއުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ. އެ މީހަކު އެ ވަކިވެދާ ގޮތެއްގެ ސަބަބުން ހިތަށް ކުރުވާ އަސަރު ވަކިން ބޮޑުވާ ގޮތްވެސް ވެއެވެ.

ނިރުބަވެރި އިޒްރޭލުން ހަފުސްކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާއިން މިފަދަ އެތައް މިސާލެއް ފެނެއެވެ. ކޮންމެ ހާދިސާއަކީވެސް ހިތްދަތިކުރުވަނިވި ހާދިސާއެކެވެ. ހިތެއް އޮތް މީހަކު ވިއްޔާ ލޮލުން ކަރުނަ ހިލުވާލާނެ ހާދިސާއެކެވެ. 4 މަހަށްވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައިވާ ގަތުލުއާންމުގައި، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިހާރު "ދިރިއުޅެމުން"ދަނީ ދެކުނުގެ ރަފަޙްގައެވެ. މިޞްރާއި ޣައްޒާ ހިއްސާކުރާ ބޯޑަރުގައި އޮންނަ ރަފަޙް ފިޔަވައި މިއަދު އެމީހުންނަށް އިތުރު ހިޔާވަހިކަމެއް ނެތްއިރުވެސް އިޒްރޭލުން މިހާރު ދަނީ ރަފަޙަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި ދިރިއުޅުމުގެ އަސާސީ ޙައްޤުތަކުން މަޙްރޫމުވެފައިވާ ހާލުގައި ޣައްޒާގެ ރަށްވެހިން ރަފަޙްގައި ދިރިއުޅެމުންދަނީ އިންތިހާ ދަތި ހާލުގައެވެ. އިންސާނަކު ދިރިއުޅެން އެކަށީގެންނުވާހާ ދެރަ ހާލުގައި ދުވަސްތައް ގުނާ މީހުން މަދެއް ނޫނެވެ. ކަރަންޓެއް އަދި ފެނެއް ނެތެވެ. ރޭގަނޑުގެ ވަގުތަކަކީ ބަރުދާސްތުކުރަން އެންމެ ދަތި ވަގުތުތަކަށް ވެއެވެ. އެ ވަގުތަކީވެސް އިޒްރޭލުން ހަމަލާދޭ ވަގުތެކެވެ. އެއް ދުވަހުގެ އިރުއޮއްސި، އަނެއް ދުވަހަށް އިރުއެރުމާ ދެމެދު ރަފަޙުން އެކަނިވެސް 67 މީހުން މަރާލީ ޔަހޫދީ ވައިގެ ހަމަލާތަކުގައެވެ.

އެ ހަމަލާތަކުގައި ޒަޚަމްވި އެކަކީ ކުޑަކުޑަ މާއީ އައްނައްޖާރެވެ. ރޮމުންރޮމުން މާއީ ކިޔައިދެމުން ދިޔައީ އޭނާގެ ލޯބިވާ ބައްޕަ މި ދުނިޔެއާ ވަކިވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

އަހަރެންގެ އާއިލާ ތިބީ ޓެންޓު ތެރޭގަ، ވަޒަންތައް އަހަރެމެންނާ ދިމާލަށް ޢަމާޒުވިއިރު. ބައްޕަ ނުކުތީ ބޭރަށް، ވެގެން އުޅޭ ގޮތެއް ބަލައިލަންވެގެން. ބައްޕަ ނުކުމެފަ ބުނެފި ހަމަލާ ދެނީއޭ. ވާހަކަ ދައްކަދައްކާ ހުއްޓާ އަނެއްކާވެސް ހަމަލާދިނީ. އަހަރެމެން އެންމެން އެ ސަރަހައްދުން ދިޔައީ. އަހަރެންގެ ބައްޕަ ވަނީ ޝަހީދުކޮށްލާފަ. ކާރުގަ ދިޔައިރުވެސް ބައްޕަ ދިޔައީ ޝަހާދަތުގެ ދެކަލިމަ ކިޔަމުން. އޭގެ ފަހުން ބައްޕަ މަރުވީ.
މާއީ އައްނައްޖާރު؛ އިޒްރޭލުން ޒަޚަމްކޮށް، ޔަތީމުކުރި ފަލަސްޠީނު ކުއްޖެއް

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޓޭންކުތަކާއި ކަނޑުބޯޓުފަހަރު ވެސް ބޭނުންކޮށްގެން ރަފަޙަށް ދެމުންދިޔަ ހަމަލާތައް ގަޑިއިރަކަށްވުރެ ގިނަ ވަގުތަކަށް ދެމިގެންދިޔަކަމަށް ރަފަޙުގައި ތިބި މީހުން ބުނެއެވެ. 2 މިސްކިތާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ހަމަލާތައް ޢަމާޒުކުރިއެވެ. ވެފައިވާ ވަރުބަލިން ނިދިޖެހިލި ވަގުތު، އެ ނިދިކޮޅުވެސް ގެއްލިގެން ދިޔައީ ނިރުބަވެރި ޔަހޫދީންގެ ހަމަލާތަކުގެ އަޑުފަށްގަނޑަށެވެ.

މެންދަމުން އަލިވެ 2 ޖަހަން 15 ވަރަކަށް މިނެޓަށް ވެފަ ހުއްޓާ އަޑެއް އިވުނު. ދެން ހަމަ ކުއްލިއަކަށް ޓެންޓު ރަތްކުލައިން ދިއްލިގެން ދިޔަ. ހުރިހާ ކޮޅަކުން ހަމަލާތައް އައީ. ޓެންޓުން ބޭރަށް އަހަރެމެން ނުކުތްއިރު ހުރިހާ ތާކު ތިބީ ޒަޚަމްވި މީހުން. ދާނީ ކޮން ތާކަށް ކަންވެސް އަހަރެމެންނަކަށް ނޭނގުނު. ރަތްކުލައިގެ އަލިފާންގަނޑެއްވެސް ދުށިން. 10 ވަރަކަށް މިނެޓް ފަހުން އެމްބިއުލާންސް އައިސް، ޒަޚަމްވި މީހުން ގެންދިޔައީ. އޭރުވެސް ހާލަތު ހަމައަކަށް ނޭޅޭ. ވަރަށް ދަތި. ދަރިންކޮޅު ގެންދާނީ ކޮންތާކަށް ކަމެއް ނޭނގެ. ނޫނީ ދުއްވައިގަންނަންވީ ކޮން ދިމާއަކަށްކަން ވެސް ނޭނގެ. ޓެންޓުން ނުކުތްއިރު، އަހަރެމެންނާ ދިމާއަށް މީހުންތައް ދުވެފަ މިއޮއް އަންނަނީ.
އައިމަން ޢަބްދުލް ޖަވާދު؛ މަންޒަރު ދުށް މީހެއް

ޞިއްޙީ ނިޒާމު އިނދަޖައްސާލާފައި އޮތް ޣައްޒާގައި، ކިރިޔާވެސް ދިރިއުޅެލެވޭ ވަރަށް އޮތް ހަމަ އެކަނި ސަރަހައްދު ހަފުސް ކުރުމުގެ މަސައްކަތް އިޒްރޭލުން ފެށުމުން ދެން ވާނެ ގޮތް ވިސްނާލާށެވެ.

ހޮސްޕިޓަލުގަ އަހަރެމެން ތިއްބާ، މެންދަމުން އަލިވެ 2 ޖަހާކަން އެހާއިރު މި އިވެނީ ވަރުގަދަ ގޮވުންތަކެއްގެ އަޑުފަށްގަނޑު. ހަމަ ފުލުފުލުގަ. އެ ގޮވުންތަކުގެ މިނެޓުކޮޅެއް ފަހުން، ޒަޚަމްވި މީހުންތައް ގެންނަން ފަށައިފި ކުވައިތީ ހޮސްޕިޓަލަށް. ވަރަށް ސީރިއަސް ޒަޚަމްތަކެއް. ވަރަށް ކްރިޓިކަލް. ބައެއް މީހުންގެ ފައި ބުރިވެފަ، އަނެއް ބައެއްގެ އަތް ބުރިވެފަ. ކުޑަކުދިން، އަންހެނުން، ދޮށީ އުމުރުގެ މީހުން، ފިރިހެނުން. ޕޭޝަންޓް ލޯޑު ވަރަށް ބޮޑަށް އިތުރުވި. ވަރަށް ކްރިޓިކަލް ހާލަތު. ޒަޚަމްތަކަށް ފަރުވާ ދޭންވެސް ދަތިވި، އެހާ މީހުންގެ ގިނަ ވީމަ. އެކަމަކު، ﷲށް ޙަމްދު ހުރި، ﷲގެ ރަޙްމަތްފުޅުން، ޞިއްޙީ ޚިދުމަތްތެރިން ހޮސްޕިޓަލުގަ ތިބި. އަހަރެމެންގެ ޒިންމާތައް އަދާކުރެވުނު. އަހަރެމެންނާ ހިސާބަށް އައި ބައެއް ކޭސްތަކަށް ބަލާއިރު، 9 އަހަރުވެސް ނުވާނެ އެ އަންހެން ކުއްޖާއަށް، އެ ކުއްޖާގެ ބައްޕަ ޝަހީދުވި. އާއިލާ އެންމެން ވަނީ ޝަހީދުވެފަ. ޓެންޓުގަ އެ ކުއްޖާ އިނީ ސަލާމަތުން... ޒަޚަމްވީ ކަރަށާ އަތަށް، ތޫނު އެތިކޮޅުތަކެއް ހެރިގެން. ކޮނޑަށްވެސް ހެރިފަ. މާތް ﷲ އަހަރެމެންނަށް ހެޔޮ ގޮތް މިންވަރު ކުރައްވާށި! އަހަންނަށް ﷲ ފުދޭ. އެ ކަލާނގެއީ ނާއިންސާފު މީހުންގެ ކިބައިން އެންމެ ފުރިހަމައަށް އަހަރެން ސަލާމަތްކޮށްދެއްވާ ރަސްކަލާނގެ.
ވާއިލް ޝަކްފާ؛ ޑޮކްޓަރެއް

ޣައްޒާގެ އެންމެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި ވަރުގަދަ ކުރަން ފެށި ޢުދުވާންތައް ފަތުރަމުން ގޮސް، އެންމެ ފަހުން އޮތް ހަމައެކަނި ހިޔާވައްސަށްވެސް އިޒްރޭލުން ހަމަލާ ދޭން ފަށައި، ގަތުލުއާންމުގެ ވޭންވަރު ވަރުގަދަކުރީ ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައެވެ. ޙަމާސް ޖަމާޢަތް ނައްތާލާނެ ކަމަށް ބުނެ، ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ އަދަދު 28000ށް އަރައެވެ. އިމާރާތްތަކުގެ ދަށުގައިވާ ހަށިތައް ގުނައިފިނަމަ އެ އަދަދަށް އިތުރު އެތައް ހާހެއް އިތުރުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް