ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2024 އަންނަ މަހު 17 ގައި ބޭއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ.
ބާ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމުތައް ކަމުގައިވާ ބާ ކައުންސިލުގެ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 17 މާޗް 2024 ވާ އާދިއްތަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ. މި ތަކެތި ބަލައިގަންނާނީ 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 ޖަހާއިރަށެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ ގާނޫނީ ވަކީލެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން، ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛ އަދި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، އަދި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
ބާ ކައުންސިލުން ބުނީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 17 މާޗް 2024 ވާ އާދީއްތަ ދުވަހު ކަމަށެވެ.