ޅ.މާފިލާފުށީ އަދި ލ.ކައްދޫގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޚާއްސަ އަސްކަރީ ތަމްރީންތަކެއް ކުރިއަށްދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިމަހުގެ 18 އިން 22 އަށް ލ.ކައްދޫގައި ކުރިއަށްދާނެ ކަމަށެވެ. އެއީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00ން 11:59 ށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ.ކައްދޫ ފަޔަރިންގ ރޭންޖް އިން އިރު ދެކުނަށް 4700 މީޓަރު ދުރުމިނަށެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓްރީން ބުނީ، އެމްއެންޑީއެފުން އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިމަހުގެ 18 އިން 19 އަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00ން 11:59ށް ޅ.މާފިލާފުށީގައި ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ މާފިލާފުށީގެ އިރު ދެކުނުން 4600 މީޓަރު ދުރުމިނަށެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ. އަދި މިމަހުގެ 19-20ށް ވެސް މާފިލާފުށީގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ތަމްރީންތައް ކުރިއަށްދާ ވަގުތު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.