ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 23:59
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ގޫގުލް
އެމްބާޕޭ
އެމްބާޕޭ ދެން ޕީއެސްޖީއަށް ނުކުޅޭނެކަން އަންގައިފި
 
އެމްބާޕޭ ފެނުން ގާތީ ސްޕޭނުގެ ރެއާލް މެޑްރިޑުން

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ސީޒަނަށް ފަހު ޕީއެސްޖީ އަށް ނުކުޅޭނެކަން އެ ކުލަބަށް އަންގައިފި އެވެ.

މިކަމާމެދު ޕީއެސްޖީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭނާ މިފަދައިން އެންގީ ހުސްވި ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އޭނާ ދެން ކުޅޭނެ ޓީމެއް އަދި ނުބުނެ އެވެ. އެކަމަކު ޔަގީނާގާތަށް ލަފާ ކުރެވޭ ގޮތުގައި އޭނާ ބަދަލުވާނީ ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. ސްޕޭނާއި ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި އެމްބާޕޭ ދެން ޕީއެސްޖީއަށް ނުކުޅޭނެކަން އެކުލަބަށް އެންގީ ރެއާލް މެޑްރިޑާއެކު ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ތައްޔާރުވުމުންނެވެ.

ޕީއެސްޖީ އާއި އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވި ނަމަވެސް ދެ ފަރާތުން އެއްބަސްވާނަމަ މި ކޮންޓްރެކްޓް 2025ގެ ނިޔަލަށް ދަންމާލެވިދާނެ އެވެ. އެކަމަކު އެކަން ނުކޮށް ކުލަބު ދޫކޮށްލަން އެމްބާޕޭ ނިންމުމުން އޭނާ އަށް ޕީއެސްޖީން ދޭންޖެހޭ ކުލަބަށް ވަފާތެރިވުމުގެ ބޯނަސް ނުލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ އެވެ.

އެމްބާޕޭ ދޫކޮށްލަން ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ހަލައިފީ ބޭނުމެއްނުވެ އެވެ. ނަމަވެސް އޭނާ އަށް އެމްބާޕޭ ހިފެހެއްޓޭނެ މާބޮޑު ބާރެއްނެތެވެ. ސަބަބަކީ ފައިސާ އަށްވުރެ ބޮޑަށް ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް ރެއާލް މެޑްރިޑަށް ދާން އެމްބާޕޭ ބޭނުންވާތީ އެވެ.

އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ފަސް ފަހަރު ފްރާންސްގެ ލީގު ކާމިޔާބުކޮށްދީ އެ ކުލަބަށް 290 މެޗުން 243 ގޯލު ޖަހައިދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް