Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 12:55
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ
ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު ރައީސް އިއުލާންކުރައްވައިފި
ފްރީ ޒޯނަކާއެކު ސެންޓްރަލް މެރިޓައިމް ބަނދަރެއް ތަރައްގީކުރާނެ
ރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގުވާމީ ޝިޕިންގ ރޫޓެއް ގާއިމުކުރާނެ
ކަނޑު ދަތުރުފަތުރާއި ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމާފައި

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ދުބާއީގައި މިހާރު ކުރިއަށްދިޔަ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ދެއްވި ތަގުރީރުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ހިންގުމުގެ ދާއިރާ ހަރުދަނާކޮށް ގުޅިގެން މަސައްކަތް ކުރުމުގައި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރާއި ވެރިން ދައްކަވާ ނަމޫނާ ފާހަގަ ކުރައްވައި، އެކަމަށް ތައުރީފު ކުރެއްވިއެވެ.

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ދެއްވި ތަގުރީރުގައި ރައީސް ވަނީ ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓްގެ ދަށުން އިގްތިސާދީ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފްރީ ޒޯނަކާއެކު ސެންޓްރަލް މެރިޓައިމް ބަނދަރެއް ތަރައްގީކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގުވާމީ ޝިޕިންގ ރޫޓެއް ގާއިމުކޮށް، ކަނޑު ދަތުރުފަތުރާއި ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތައް ބޭނުންކުރުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އެމަނިކުފާނުގެ މެނިފެސްޓޯގެ މުހިންމު ވައުދުތައް ތަކުރާރުކުރައްވައި، ސަރުކާރު ހިންގުމާއި އާންމު ޚިދުމަތްތައް ދިނުމުގައި ކަރުދާސް ބޭނުންކުރުން ހުއްޓާލައި، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސްގެ ވާހަކަފުޅުގައި، އިގްތިސާދީ ތަރައްގީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރި ކުރުމަށް ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ރަސް-މާލެ އިކޯ-ސިޓީ މަޝްރޫއު ފަށާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއު ފެށުމުގެ އަމާޒަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް 65،000 ހައުސިންގ ޔުނިޓް ފޯރުކޮށްދީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އާ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައަޅައި ކުރިއެރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ތަރައްގީ ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ނާޒުކު ތިމާވެށީގެ މާހައުލާއި، މޫސުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތަ 33 އިންސައްތައަށް އިތުރުކުރުމާއި، ދިވެހިރާއްޖޭގައި ބަޔޮސްފިއަރ ރިޒަރވްތަކާއި ނޭޗަރ ޕާކްތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމާއި، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކައި ވަރޓިކަލް ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ފިޔަވަޅު އެޅުމަށް އިސްކަންދީ، 20 އަހަރަށް އެކުލަވާލާ ތަރައްގީގެ ޕްލޭނެއް ތަންފީޒުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި، އެކި ގައުމުތަކާއެކު އިލްމު ހިއްސާ ކުރުމާއި، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖެއިން އުންމީދުކުރަނީ، އެހެން ސަރުކާރުތަކާ އެކުގައި މަސައްކަތްކުރެވޭނެ ހަރުދަނާ ގުޅުންތައް ގާއިމުކޮށް، ގައުމުތަކުން އިސްކަންދޭ ކަންކަމުގައި ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް