ތަރައްގީވަމުން އަންނަ ކުޑަ ގައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިގުތިސާދެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުޑަ ގައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިގުތިސާދެއްގެ ގޮތުގައި ރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު އިންވެސްޓްމަންޓުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ބައިނަލްއަގުވާމީ ބާޒާރުގައި ހުރި މާލީ ގޮންޖެހުންތައް ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެކަންކަމާ ކުރިމަތިލައި ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މުސްތަގުބަލުގައި އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި އިގުތިސާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި އެކުވެރި އަރަބި އިމާރާތުގެ ގިނަ އިންވެސްޓަރުން އެ ފޯރަމްގައި ތިބިކަން ފާހަގަކުރައްވައި، އެކުވެރި އަރަބި އިމާރާތާއި ރާއްޖެއަކީ ގުޅިގެން މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ގައުމުކަން ފާހަގަކުރެއްވިއެވެ. އަދި އެގައުމުގެ ތަޖުރިބާގެ އަލީގައި ރާއްޖެއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި އެކުވެރި އަރަބި އިމާރާތަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ އެއް ގައުމުކަން ފާހަގަކުރައްވައި ދެގައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ބައި ބިލިއަން ޑޮލަރަށް އަރާކަމާއި އަދި 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓުގެ 12 އިންސައްތަ ހިއްސާކުރަނީވެސް އެގައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި 'ރަސްމާލެ' ފަދަ މި ސަރުކާރުގެ އުންމީދީ އަދި އަގުހުރި އުމްރާނީ ތަރައްގީގެ މައިގަނޑު މަޝްރޫއުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި މި ބޮޑެތި މަޝްރޫއުތަކަކީ ހަމައެކަނި ސަރުކާރުން އެކަނި މަސައްކަތް ކޮށްގެން ފުރިހަމަ ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމާއި އޭގެ ބަދަލުގައި އެކަންކަން ފުރިހަމަ ކުރުމުގައި ގިނަ ގައުމުތައް އެކުވެގެން ކުރެވޭ މަސައްކަތާއި ދޭދޭ ގުޅުންތަކާއި އަމިއްލަ ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އަދުގެ ދުނިޔޭގައި އިގުތިސާދީ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކުގައި މަސައްކަތްކޮށް މި ގޮންޖެހުންތަކުން އަރައިގަނެ ވިލުންތެރިކަން އިތުރުކޮށް ކުރިއަށްވުރެ ވަރުގަދަކޮށް ތެދުވެ ކުރިއަށް ދިއުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.