ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 14:06
އިޓާލިއަން ލީގުގައި ވާދަކުރާ ބައެއް ބޮޑެތި ކުލަބުތައް
އިޓާލިއަން ލީގުގައި ވާދަކުރާ ބައެއް ބޮޑެތި ކުލަބުތައް
ގޫގުލް
އިޓާލިއަން ލީގް
އިޓާލިއަން ލީގުން ޓީމު މަދުކުރަން ފާހެއްނުވި
 
20 ކުލަބުގެ ތެރެއިން 16 ކުލަބުން މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވޭ

އިޓާލިއަން ލީގުން ޓީމުތައް މަދުކުރަން އޭސީ މިލާނުން ހުށަހެޅުމުން އެކަން ފާސްނުވެ ހިނގައްޖެ އެވެ.

އިޓާލިއަން ސެރިއާގައި މިވަގުތު ކުޅެނީ 20 ޓީމެވެ. މިއީ 2004 ވަނަ އަހަރުން ފެށިގެން ގެނެސްފައިވާ ބަދަލެކެވެ. ނަމަވެސް މިލާން ފަދަ ބޮޑެތި ކުލަބުތަކުން ބޭނުންވީ މި އަދަދު 18 ކުލަބަށް ތިރިކުރާށެވެ.

ނަމަވެސް މިގޮތަށް ފާސްކުރީ ލީގުގައި ވާދަކުރާ 20 ކުލަބުގެ ތެރެއިން 16 ކުލަބުން މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމުންނެވެ. ފާސްވާން އޮތީ 14 ކުލަބުގެ ވޯޓު ލިބިގެންނެވެ. ހުށަހެޅުން ފާސްކުރަން ވޯޓުދިނީ އޭސީ މިލާނާއި އިންޓަމިލާނާއި ޔުވެންޓަސް އާއި ރޯމާ އެވެ. މިއީ އިޓަލީގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ގަދަ ހަތަރު ކުލަބުވެސްމެ އެވެ.

މި ހުށަހެޅުމާމެދު ހިތްހަމަނުޖެހުނު ޓީމުތަކުން ބުނީ މިލާނާއި ބޮޑެތި ކުލަބުތަކުން ބޭނުންވަނީ އެމީހުން އެކަނި ކުޅޭ ސުޕަލީގެއް އުފައްދަން ކަމަށާއި މާ އަމިއްލަ އެދުން ބޮޑީ ކަމަށެވެ.

ނަމަވެސް މިލާނުގެ ރައީސް ޕައުލޯ ސްކަރޯނީ ވިދާޅުވީ މިއީ ކުޅުންތެރިން ކުޅެންޖެހޭ މެޗުތަކުގެ އަދަދު މަދުކޮށް ފެންވަރު ރަނގަޅު ފުޓްބޯޅައެއް ފެންނާނެ ގޮތް ހެދުމަށް ގެނައުމަށް ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.

"އަހަރުމެން ކަހަލަ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރާ ކުލަބުތަކާއި ބޮޑު ސްކޮޑެއް ގެންގުޅޭ ޓީމުތަކުގެ ކުޅުންތެރިން ވަރަށް ގިނަ މެޗުތައް ކުޅެންޖެހޭ. ޔޫރަޕުގެ މުބާރާތްތަކާއި އިޓާލިއަން ލީގާއި ކަޕް އަދި ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރުމުން ކުޅުންތެރިން ވަރަށް ގިނަ އަދަދެއްގެ މެޗު ކުޅެންޖެހޭ. މިހެންވީމަ ކުޅުންތެރިންނަށް އޭގެ ގެއްލުން ފޯރާ. އަދި ލީގަށް ވެސް ނޭދެވޭ އަސަރުކުރޭ. މިއީ މިކަމަށް ހައްލު ގެންނަން ހުށަހެޅި ގޮތެއް،" ސްކަރޯނީ ބުންޏެވެ.

އޭނާ އަދި ބުނީ ޔޫރަޕުގެ މުބާރާތްތަކުގައި ވާދަނުކުރާ ޓީމުތަކަށް މިފަދަ ގެއްލުން ކުޑަވާނެ ކަމަށާއި ނަމަވެސް އިގްތިސާދީ ވިސްނުމަކުން ވިސްނާއިރު ވެސް ޓީމުތަކުގެ އަދަދު މަދުކޮށްފިނަމަ އިޓަލީގެ ފުޓްބޯޅައަށް ފައިދާވާނެ ކަމަށެވެ. އަދި ލީގުގައި މީގެ ކުރިން 16 ޓީމު ވެސް ކުޅުވާފައި އެބަހުރި ކަމަށާއި އިނގިރޭސި ލީގު ފަދައިން ވަރުގަދަ، އަދި މާލީ ފުދުންތެރިކަން ވަރުގަދަ ލީގަކަށް އިޓަލީގެ ލީގު ހެދޭނީ ޒަމާނީ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް