ޗޮޕް އާޓުން މެނޭޖްކުރާ މިސްޓަ މޯލްޑިވްސް މުޅިން ތަފާތުކޮށް ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.
ކުރީ އަހަރު ތަކާ ޚިލާފަށް ހަމައެކަނި ބޮޑީ ބިލްޑިން އަށް ފޯކަސް ކުރުމުގެ ބަދަލުގައި ފިރިހެނުންގެ ލައިފް ސްޓައިލަށް ވެސް ފޯކަސް ކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓް ގެލެރީގައެވެ.
މުބާރާތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބޮބީބިލްޑިން ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރު އަލީ ރިފާއު ވިދާޅުވީ، މި އަހަރު މި މުބާރާތް ވީހާވެސް ތަފާތުކޮށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ލައިޓިން ކަންތައްތައް އަދި އެހެނިހެން ކަންތައްތައް ވެސް ވީހާވެސް ބޮޑަށް މީހުން ބަލާހިތްވާ ފަދަ ގޮތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރިފާއު ވިދާޅުވީ، ބޭރުން ބޮޑީބިލްޑިން ފެންވަރު ރަނގަޅު ޖަޖެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި، އެ ޖަޖް ވެގެންދާނީ މިސްޓަ މޯލްޑިވްސް ޖަޖިން ޕެނަލްގެ ޗީފް ޖަޖަށް ކަމަށެވެ. އެގޮތުން އެ ޖަޖް ރާއްޖެ އައުމަށްފަހު ޖަޖިން ޕެނަލްގައި ހިމެނޭ އިތުރު ޖަޖުންނަށް ތަމްރީންތަކެއް ދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރިފާއު ވިދާޅުވީ، ބިދޭސީ ޖަޖެއް ހުރުމަކީ މުބާރާތުގައި ވާދަކުރާ އެތްލީޓުން ދެކޭ ގޮތް އިތުރަށް ބަދަލުވެގެންދާނެކަމެއް ކަމަށާއި، އަދި އެކަމުން އެތްލީޓުންނަށް އިތުރު ހިތްވަރެއް ވެސް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ހުރިހާ ކެޓަގަރީ އަކުން ޖުމްލަ 18 އެތްލީޓުން މި މުބާރާތުގައި ބައިވެރިވި ނަމަވެސް މިއަހަރު މިއަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޗޮޕް އާޓުން ބުންޏެވެ.
ބީބީއެފްއެމް އިން ބުނީ މިއަހަރު ތެރޭ ބޮޑީ ބިލްޑިންގް ފެޑްރޭޝަންގެ އިތުރު މުބާރާތްތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި އިންޓަނޭޝަނަލް ދެ މުބާރާތެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 22 އިން 28 އަށް ކޮރެއާގައި ބާއްވާ 51 ވަނަ އޭޝިއަން ބޮޑީ ބިލްޑިންގް ފިޒިކް ޗެމްޕިއަންޝިޕާއި އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.
މިސްޓަރ މޯލްޑިވްސް އަށް ހޮވޭ ފަރާތަކަށް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ލިބިގެންދާއިރު ކުރިއަށް އޮތް ބައިނަލްއަގްވާމީ މުބާރާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީބީއެފްއެމް އިން މައުލޫމާތު ދެއެވެ.
މިސްޓަ މޯލްޑިވްސްގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖެ ޓީގެ އިތުރުން އައިސް ޓީވީ އަދި އަވަސް އެމްވީ އެވެ.