ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ޖަރުމަނު ބަސް ދަސް ކުރަން ފަށައިފި އެވެ.
އޭނާ ޖަރުމަނު ބަސް ދަސްކުރާކަން ޔަގީންކޮށްދިނީ ޖަރުމަނުގެ އެންމެ ވަރުގަދަ ކުލަބު ބަޔާން މިއުނިކާ ހަވާލުވާން އުޅޭ ކަމަށް ވާހަކަ ދެކެވެމުންދަނިކޮށެވެ.
ބަޔާންގެ މިހާރުގެ ކޯޗު ތޯމަސް ޓުކެލްގެ އިރުޝާދުގެ ދަށުން ނަތީޖާތައް ދަށްވެފައިވާތީވެ އެކުލަބުން އަންނަ ސީޒަނަށް އައު ކޯޗަކު ހޯދުން ވަރަށް ގާތް ކަމަށް ޖަރުމަނުގެ މީޑިއާތަކުން ވެސް ދަނީ ބުނަމުންނެވެ. މޮރީނިއޯ އަކީ މިވަގުތު ހުސްކޮށްތިބި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާކާރު ކޯޗެވެ.
އޭނާ ވަނީ އިޓަލީގެ އިންޓަމިލާނުގައި ޗެމްޕިއަންސް ލީގު އަދި ރޯމާގައި ޔޫއޭފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ޕޯޓޯގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި މެންޗެސްޓާ ޔުނައިޓެޑްގައި ޔޫރޮޕާ ލީގް އަދި ސްޕޭނުގެ ރެއާލް މެޑްރިޑްގައި ވެސް ކާމިޔާބު ހޯދައިފަ އެވެ.
މޮރީނިއޯ މިހާރު ކޯޗުކޮށްނުދޭ އެންމެ ބޮޑު ލީގަކީ ވެސް ޖަރުމަނުގެ ބުންޑަސްލީގާ އެވެ.
އޭނާ ވަނީ ޖަރުމަނު ބަސް ދަސްކުރަން ފެށިކަން ޔަގީންކޮށްދިނުމުގެ ގޮތުން އިއްޔެ ބަޔާން މިއުނިކަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށް ޓެކްސްޓް މެސެޖެއް ފޮނުވިކަމަށް ބުނެފަ އެވެ. ކޭން އަކީ ޓޮޓެންހަމުގައި މޮރީނިއޯ ކޯޗުކޮށްދިން ކުޅުންތެރިއެކެވެ.
މޮރީނިއޯ ބަޔާން މިއުނިކާ ހަވާލުވި ނަމަވެސް އެކަން ކުރާނީ މި ސީޒަން ނިމުމުން ކަމަށް ވެސް ޖަރުމަނުގެ މީޑިއާތަކުން ތުހުމަތުކުރެ އެވެ.