ނިރުބަވެރި ޔަހޫދީންގެ ޤަތުލުޢާންމުގައި ބެދިފައި އޮތް ފަލަސްޠީނުގެ ޣައްޒާއަށް އަދިވެސް ހިންދެމިލާނެ ފުރުޞަތެއް ނުލިބެއެވެ. ދުވަހަކަށް ފަހު ދުވަހެއް ޙަޔާތުން ފާއިތުވަމުން ދާ އިރު، ކޮންމެ ވަގުތަކީވެސް އެތައް ކަމެއް ތަޖުރިބާ ކުރަން ޖެހޭ ވަގުތެކެވެ. ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ޚާން ޔޫނިސްގައި ޔޫރަޕިއަން ހޮސްޕިޓަލަކީ މިއަދު ޣައްޒާގައި ޞިއްޙީ ޚިދުމަތް ކިރިޔާވެސް ދެވެން ހުރި މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ.
މުވައްޒަފުންނާއި ވަޞީލަތްތަކާއި ޢާލާތްތަކުގެ ދަތިކަން ކުރިމަތިވެފައި އޮތީ އޭގެ އެންމެ އިންތިހާއަށެވެ. ނަތީޖާއަކަށް ވީ، ހޮސްޕިޓަލަށް ބަލައިގަންނާނެ ޕޭޝަންޓުންނާއި ބަލައިގެންވެން ނެތް ޕޭޝަންޓުން ޚިޔާރު ކުރަން މަޖުބޫރުވުމެވެ. ފުރާނައަށް ނުރައްކާ ވާ ފަދަ ބޮޑެތި އަނިޔާތަކާއެކު ހޮސްޕިޓަލަށް ގެންދެވޭ ބައެއްގެ ތެރެއިން، ފަރުވާ ދޭނެ މީހަކު ޚިޔާރު ކުރުމަކީ އެއްވެސް މީހަކަށް ނިންމާލަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފުރާނައަށް ނުރައްކާ ވާ ޒަޚަމްތަކާއެކު އަންނަ ބައެއް މީހުން ފޮނުވާލަން އޮތީ މަޖުބޫރުވެފައެވެ. އެނޫން ގޮތެއް ނެތުނީއެވެ.
ޔޫރަޕިއަން ހޮސްޕިޓަލަކީ 240 މީހުންގެ ޖާގައިގެ ހޮސްޕިޓަލެކެވެ. ނަމަވެސް، މިއަދު އެ ހޮސްޕިޓަލުން ޚިދުމަތް ދޭ މީހުންގެ ޢަދަދު 1000 އަށް އަރައެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ގެދޮރު ގެއްލިފައި ވާ ބައެއް މީހުން ވެސް ދަނީ، ޔޫރަޕިއަން ހޮސްޕިޓަލުގެ އެކި ސަރަޙައްދުތަކުގައި ހިޔާވަހިކަން ހޯދަމުންނެވެ.
ޖުމުލަކޮށް ބުނަންޏާ ބުނަން ޖެހޭނީ، އިޒްރޭލުގެ އިސްތިޢުމާރީ ފައުޖުތަކުން، ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑާލާ، މަސައްކަތް ނުކުރެވޭ ވަރު ކުރަން، ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފިޔޭ. ޞިއްޙީ ޚިދުމަތްދޭ ތަންތަން ސުންނާފަތިކޮށްފި. ގިނަ ހޮސްޕިޓަލުތަކުގަ މިހާރު ޚިދުމަތެއް ނުދެވޭ. ހޮސްޕިޓަލުތަކުގަ އެބަތިބި ޒަޚަމްވެގެން އައިސް ތިބި މީހުން، ހާހުން ގުނޭ ވަރަށް. އެމީހުން ދާނެ އެހެން ތަނެއް ނެތް. ސީދާ އެކަމަށް ބޭނުންވާ ފަރުވާ، އެކަށީގެންވާ ގޮތުގަ ދެވޭކަށް ނެތް. ސީދާ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ޢަމާޒުކޮށްގެން ޙަމަލާ ދިނީ، އެއީ ފަލަސްޠީނުގެ އަމިއްލަވަންތަކަމަށް ކުރާ ދަޢުވާގެ ރަމްޒަކަށް ވަތީ. މި ދަތި ޙާލުގަވެސް، އަމިއްލަ ފަސްގަނޑުން ފައިބައިގެން ނުގޮސް، ފަލަސްޠީނުގެ ރައްޔިތުން މިތަނުގަ ތިބޭތީ.ޑރ އަޙްމަދު އަލް-މުޚައްލަތީ؛ ޕްލާސްޓިކް ސަރޖަން
ޔޫރަޕިއަން ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަންއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ އަހުމަދު އަލް މުޚައްލަތީ ބުނި ގޮތުގައި، ޕޭޝަންޓުންގެ ތެރެއިން ފަރުވާ ދޭނެ ބަޔަކު ޚިޔާރު ކުރަން މަޖުބޫރުވީ މަދު ދުވަހަކު ނޫނެވެ. އެގޮތުން ދިރިހުރުމުގެ ފުރުޞަތު ބޮޑު ކަމަށް ފެންނަ ޕޭޝަންޓުންގެ ފަރުވާ ކުރިއަށް ގެންގޮސް، އިންތިހާއަށް ހާލު ދެރަ ޕޭޝަންޓުން ދޫކޮށްލަން މަޖުބޫރުވާކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ގިނަ ދުވަސްދުވަހު އަހަރެމެންނަށް ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާ ދޭނީ ކޮން ޕޭޝަންޓުންނަކަށް ކަން ޚިޔާރު ކުރުން. އެންމެ ޙާލު ދެރަކޮށް އޮންނަ މީހާއަށް ވުރެ، ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުޞަތު ބޮޑު މީހާއަށް އިސްކަން ދެވޭ ފަރުވާ ދޭން ވިސްނާ އިރު. ފަރުވާ ނުދެވިގެން، ގިނަ ޢަދަދެއްގެ ޕޭޝަންޓުން ވަނީ އަހަރެމެންނާ ތާ އަބަދަށް ވަކިވެ ގޮސްފަ. އެއްދުވަސްކޮޅެއް ދިޔަ، ހަށިގަނޑުގެ ބޮޑު ބައެއް ފިހިގެން އަންނަ ޕޭޝަންޓުންނަށް އެއްވެސް ފަރުވާ ނުދެވުނު ދުވަސްކޮޅެއް. އެއީ އައިސީޔޫގަ ބެޑް ކެޕޭސިޓީ ނެތީމަ، އަހަރެމެންނަށް އެބަ އެނގޭ އެހާ ގިނަ ޕޭޝަންޓުންނަށް ފަރުވާ ކޮށްދެވެން ނެތްކަން.ޑރ އަޙްމަދު އަލް-މުޚައްލަތީ؛ ޕްލާސްޓިކް ސަރޖަން
ފަރުވާ ދޭނެ ޕޭޝަންޓުން ޚިޔާރު ކުރުމުގައި ކުރިމަތިވާ ޕްރެޝަރުގެ އިތުރަށް، އޮޕަރޭޝަންތައް ކުރިއަށް ދާ ވަގުތަކީވެސް ހިތަށް ފަސޭހަ ވަގުތުތަކެއް ނޫންކަން ޑރ މުޚައްލަތީ ފާހަގަ ކުރިއެވެ. އެގޮތުން، އެ މީހެއްގެ މުޅި ޢާއިލާ މި ދުނިޔެއާ ވަކިވެ ގޮސްފައި ވާ މީހެއްގެ ގުނަވަންތައް ބުރިކުރުމަށް އޮޕަރޭޝަން ކުރަމުންދާ ވަގުތު ކަރުނަ ހިފަހައްޓާލަން ދަތިވެ، ރޮވޭ ކަމަށް ޑރ މުޚައްލަތީ ބުންޏެވެ.
ޞިއްޙީ ޚިދުމަތްތެރިން މަދުވުމާ، އައިސީޔޫ އެނދުތައް ފުރިހަމަ އޮތުމާ، އޮޕަރޭޝަންތަކަށް ހިނގާ ވަގުތު ގިނަވުމާ، އޮޕަރޭޝަން ކުރަންޖެހިފަ ތިބި ޕޭޝަންޓުންގެ ޢަދަދު ގިނަ ކަމުން، ގިނަ ފަހަރަށް، އެންމެ ސީރިއަސް ޙާލަތުގަ ފަރުވާ ދޭން ޖެހޭ ޕޭޝަންޓުންނަކަށް އަހަރެމެންނަށް އަޅައެއް ނުލެވޭ. މިކޮޅަށް އައުމުގެ ކުރިން އަހަރެން މަސައްކަތް ކުރީ އިނގިރޭސިވިލާތުގަ. ހުރިހާ ޕޭޝަންޓުންނަށްވެސް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދިނުން އެންމެ ރަނގަޅު ގޮތަކީ. އެކަމަކު މިހާރު، އެކަން ކުރާނެ ވަގުތެއް، ޢާލާތެއް ނެތް. އެކަހަލަ އެހީއެއް ލިބޭނެ ގޮތެއްވެސް ނެތް. އަނެއް ކަމަކީ އައިސީޔޫ ސަޕޯރޓް ނުލިބުން. ގިނަ ފަހަރަށް މިކަހަލަ ޕޭޝަންޓުންނަށް އައިސީޔޫގަ ފަރުވާ ދޭންޖެހޭ. އެކަމަކު އެ ފެންވަރެއް ނެތް. އެހެންވެ، ވަރަށް ގިނަ ޕޭޝަންޓުން މި ދުނިޔެ ދޫކުރޭ. ހޮސްޕިޓަލު މި އޮންނަނީ ފުރި ބާރުވެފަ. ޚާއްޞަ ފަރުވާ ބޭނުންވާ ޕޭޝަންޓުންނަށް އެ ޚިދުމަތް ދެވޭކަށް ނޯވޭ އަހަރެމެންނަކަށް.ޑރ އަޙްމަދު އަލް-މުޚައްލަތީ؛ ޕްލާސްޓިކް ސަރޖަން
އޮކްޓޯބަރ 7، 2023 ވަނަ ދުވަހު ޙަމާސް އިން އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 27000 އަށް ވުރެ މައްޗަށް އަރައެވެ. ލައްކައަކާ ގާތް ކުރާ ޢަދަދެއްގެ ބަޔަކު ޒަޚަމްވި އިރު، ގުނަވަންތައް ބުރިބުރިވެ، ޢުމުރުގެ ބާކީ އޮތް ދުވަސްތައް، ނުކުޅެދޭ ޙާލުގައި ގުނަން ޖެހިފައި ތިބި މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ، ގޮންޖެހުމަކީ، ޢަދަދުތަކުގެ ބޮޑުކަން. ހޮސްޕިޓަލުތަކުގަ ޒަޚަމްތަކާއެކު ތިބި މީހުންގެ ޢަދަދުތައް ހާހުން ގުނާލެވޭ. އެމީހުން ބަދަލު ކުރާނެ އެހެން ތަނެއް ވަކި ނެތް. ޢާންމު ގޮތެއްގަ، ޤައުމަކަށް ޤުދުރަތީ ކާރިޘާއެއް ނޫނީ އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ، ޕޭޝަންޓުން އެބަ ބަދަލު ކުރޭ އެހެން ޤައުމުތަކަށް. އަލަށް އަންނަ ޕޭޝަންޓުންނަށް ފަރުވާ ދިނުމާ، ޞިއްޙީ ޚިދުމަތްތެރިންނަށްވެސް އެހީއަކަށް ވޭ އެކަން އެހެން އޮތީމަ. އެކަމަކު، މިތާ އެކަމެއްވެސް ނެތް ކަން ދިމާ ކުރި ގޮތުން. ޣައްޒާއިން ބޭރަށް ފަރުވާއަށް މި ފޮނުވާލެވެނީ ޕޭޝަންޓުންގެ އެންމެ 5 ޕަސެންޓް މީހުން. އެވަރުންވެސް މިތާ ހޮސްޕިޓަލުތައް މި އޮންނަނީ ހަމަ ފުރިފަ.ޑރ އަޙްމަދު އަލް-މުޚައްލަތީ؛ ޕްލާސްޓިކް ސަރޖަން
ޤަތުލުޢާންމުގެ ކުރިންވެސް ޣައްޒާއަކީ ހުރިހާ ގޮތަކުން ފިއްތާލާފައި އޮތް ސިޓީއެކެވެ. މިއަދު ޣައްޒާގައި ޞިއްޙީ ޚިދުމަތް ދެވޭ ޙާލަތުގައި ހުރީ މަދު ތަނެކެވެ. ބާކީ ހުރި ތަންތަނަށް އިޒްރޭލުން ޙަމަލާ ދީފައި ވާ އިރު، އަނެއް ބައި ތަންތަން ވަނީ ރެއިޑް ކޮށްފައެވެ. ޚިދުމަތް ދެވޭ ޙާލަތުގައި ހުރި މަދު ތަންތަނަށް އޮތް ޕްރެޝަރު ކުޑައެއް ނޫނެވެ. އިޒްރޭލުގެ ފައުޖުތައް ދަނީ ހޮސްޕިޓަލުތަކާ ކައިރިއަށް ޖެހެމުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި ހޮސްޕިޓަލު ފަދަ ތަންތަނަކީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ހަނގުރާމައިގެ ކިއްލާއެއްގެ ގޮތުގައި ބޭނުން ކުރާ ތަންތަނެވެ.