ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތ. ކިނބިދޫގެ ސްކޫލުގެ ދަރިވަރަކު ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުން ޚާއްސަކޮށް މާލެ ނުގޮސް އަތޮޅުގައި ނުވަތަ ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯދައިދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތުތައް ނިސްބަތުން ވަރަށް މަދު އަތޮޅެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށާއި، ވަޒީފާތައް އިތުރު ކުރުމަށް އެކިއެކި އިންޑަސްޓްރީތައް އެ ސަރަހައްދަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމުގެ ދައިރާގެ އެކިއެކި ފުރުސަތުތައް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ކޮންމެތަނެއްގައި ހުރެގެން ވެސް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އަމަލީގޮތުން ކޮންމެވެސް ކަހަލަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ރަށްރަށުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކުރައްވާނެ ކަމަށެވެ.
އެހެންވީމާ ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަށް ގެނެވިގެން. ޓުއަރިޒަމް ފުޅާކުރެވިގެން. ރިސޯޓްތައް ގެނެވިގެން. ނުވަތަ މަސްވެރިކަމުގެ އެކިކަހަލަ ފުރުޞަތުތައް ލިބިގެން. ނޫނީ ޒުވާންކުދިންނަށް ބޭނުންވާނެ ކްރިއެޓިވް އެކިކަހަލަ ފުރުޞަތުތައް ހޯދައިދީގެން. ދެން އެއްކަމަކީ ކޮންމެތަނެއްގައި ހުރެގެންވެސް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތްކުރަންވީ. އޭރުން އެކުއްޖެއްގެ ޓެލެންޓް ބޭރުގެ މާކެޓްތަކަށް ވެސް އޮންލައިން ވިޔަފާރީގެ ތެރެއިން ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން އެކިކަހަލަ ޓެލެންޓު ހުންނަ ކުދިން މި ތިބެނީ. އެހެންވީމާ އެ ހުންނަ ތަން މެޓަރ އެއް ނުވާނެ އޭރުން. އެހެންވީމާ އެކަހަލަ ފުރުޞަތުތައް ވެސް ހޯދައިދޭން އެބަ މަސައްކަތްކުރަން.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ތ.އަތޮޅަށް ރިސޯޓުތައް ގެންނާނެ ކަމަށާއި އެކިކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށެވެ. އަދި ތ.އަތޮޅަކީ މީގެ ކުރިން ފުރުސަތުތައް ލިބިފައި ނެތް އަތޮޅެއް ނަމަވެސް މިފަހަރު ޒުވާނުން އުންމީދުގައި ތިބުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.