ޑޯޕިން ގަވައިދާ ހިލާފުވި މެންޗެސްޓާ ޔުނައިޓެޑުގެ ފިލް ޖޯންސް އަދި ޑެއިލީ ބްލިންޑަށް ޔުއެފާ އިން ފިޔަވަޅު އަޅައިފި އެވެ.
މިދިޔަ މެއި މަހު ކުޅެވުނު ޔޫރޮޕާ ލީގް ފައިނަލް މެޗަށްފަހު ޑޯޕިން ޓެސްޓް ހެދުމަށް އެދުމުން ޖޯންސް ވަނީ ޑޯޕިން ކޮންޓްރޯލް އޮފިސަރަކާ ހުތުރު ބަހުން ވާހަކަ ދައްކާ ޓެސްޓު ހެދުމަށް ދެކޮޅު ހަދާފައެވެ.
އެގޮތުން ޔުއެފާ އިން މައްސަލަ ބެލުމަށް ފަހު އެ މައްސަލަ ނިންމީ ޖޯންސް ދެ މެޗަށް ސަސްޕެންޑު ކުރުމަށް ފަހު 5،000 ޔޫރޯ އިން ޖޫރިމައިނާ ކުރުމަށެވެ. މި އަދަބާއެކު އޭނާ އަށް ޔުއެފާ ސުޕާކަޕްގައި ރެއާލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންނަ ސެޕްޓެމްބަރު މަހު ޔުނައިޓެޑު ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.
ޖޯންސްގެ އިތުރުން ދެން ޔުއެފާ އިން ފިޔަވަޅު އަޅާފައިވަނީ ޔުނައިޓެޑުގެ ޑިފެންޑަރު ޑެއިލީ ބްލިންޑަށެވެ. ޔުއެފާ އިން އޭނާ އަށް ފިޔަވަޅު އަޅާފައިވަނީ ޑޯޕިން ޓެސްޓް ނަހަދާ ޔުނައިޓެޑުގެ އިތުރު ކުޅުންތެރިންނާއެކު އުފާފާޅުކުރުމުގައި ބައިވެރިވުމުންނެވެ. އެގޮތުން އޭނާވެސް ވަނީ 5،000 ޔޫރޯ އިން ޖޫރިމައިނާ ކޮށްފައެވެ. އެހެންނަމަވެސް އޭނާ އަށް އެއްވެސް ސަސްޕެންޝަނެއް ނާދެއެވެ.
ފައިނަލް މެޗުގައި ބްލިންޑް 90 މިނެޓު ހަމަކޮށްފައިވާއިރު، ޖޯންސް މެޗަށް ނިކުތީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް މެޗު އަޔަކްސްއާ ވާދަކޮށް 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ޔުނައިޓެޑުން އުފުލާލާފައިވާއިރު، އެޓީމު ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.
ޔުއެފާ އިން ވަނީ މި ދެ ކުޅުންތެރިން ޖޫރިމަނާކުރުމުގެ އިތުރުން ޔުނައިޓެޑު ވެސް ޖޫރިމައިނާ ކޮށްފައެވެ. އެގޮތުން ޔުނައިޓެޑް ޖޫރިމައިނާ ކުރީ 10،000 ޔޫރޯ އިންނެވެ.
މި މައްސަލަ އެޕީލް ކުރުމަށް ޔުއެފާ އިން ވަނީ ޖޯންސް އާއި ބްލިންޑް އަދި ޔުނައިޓެޑަށް ތިން ދުވަހުގެ މުހުލަތެއް ދީފައެވެ.