ދިވެހިރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ، މިކަމާ ގުޅިގެން ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް މަސްވެރިންގެ ޔޫނިއަންއިން ބުނެފައިވަނިކޮށްށެވެ.
މަސްވެރިންގެ ޔޫނިއަންއިން ބުނީ 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ ހއ.އިހަވަންދޫ މާހޯރަ 3 ދަތުރު ކުރަމުން ދަނިކޮށް ރާއްޖޭގެ ސަރަހައްދުގައި މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ސިފައިން ދޯންޏައް އަރާ ޗެކްކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް އެޔޫނިއަންއިން ބުނެއެވެ. މި މައްސަލަ ދޯނީގެ ފަރާތުން ކޯސްޓްގާޑާއި ހިއްސާކޮށްފައިވާ ކަމަށް ވެސް އެޔޫނިއަން އިން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މަސްވެރިންގެ ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި ޗެކްކޮށްފައިވާއިރު، 31 ޖެނުއަރީ ގައި ހއ.ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިގްތިޞާދު ސަރަހައްދުގެ ތެރޭގައި މަސްވެރިކަންކުރަމުންދިޔަ އދ މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަކަށް ވެސް އިންޑިއާގެ ސިފައިން ވަނީ އަރާފައެވެ.
މިމައްސަލައާ ގުޅިގެން އެމްއެންޑީއެފުން ބުނީ 31 ޖަނަވަރީ 2024 އަދި 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ، މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.