ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޯޓަށް ހާޒިރުވެއްޖެ އެވެ.
މި މައްސަލާގައި ރޮނާލްޑޯ ކޯޓަށް ހާޒިރުވެފައިވާއިރު، މި ދައުވާގެ ފުރަތަމަ އަޑުއެހުމުގައި މި މައްސަލައާ ގުޅިގެން ރޮނާލްޑޯގެ ފަރާތުން ކޯޓަށް ބަޔާނެއް ވަނީ ހުށަހަޅާފައެވެ.
ސްޕެއިންގެ ޓެކްސް އޭޖެންސީ (އޭއީއޭޓީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސްޕެއިނުގެ ޕްރޮސެކިއުޓާއިން ވަނީ ދާދި ފަހުން، 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ފެންމަތިކޮށްފައެވެ. އެގޮތުން އެގައުމުގެ ޕްރޮސެކިއުޓާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ސިއްރުކުރުމުގެ ގޮތުން، 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ ކުންފުނި ޓްރޮލިންއަކީ، މަކަރުހަދާ އޮޅުވާލުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުންޏަކީ މާ ކުރިން ވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެންމެ ފަހުން ސްޕެއިން ދޫކޮށް ދިއުމަށް ރޮނާލްޑޯ ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯ ވަނީ ދާދި ފަހުން ދީފައެވެ.
ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ކަމަށްވާ ލިއޮނެލް މެސީގެ މައްޗަށް ވެސް ވަނީ ދާދި ފަހުން 4.1 މިލިއަން ޔޫރޯގެ ޓެކްސްއަށް މަކަރުހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ސާބިތުވެފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް 21 މަސްދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް މި މައްސަލާގައި މެސީ އަދި އެންމެ ދުވަހެއް ވެސް ޖަލުގައި ހޭދަކޮށްފައެއް ނުވެއެވެ.
ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ޖޫރިމަނާ ފައިސާ ދައްކައި، އަދި މިނޫން ވެސް ކަންތައްތަކެއް ފުރިހަމަ ކުރުމުން ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅާނެއެވެ. އަދި މި މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވޭނެ އެވެ.