ގއ.ވިލިނގިލިން މިހާތަނަށް ހޯއްގޮވާ ކެއްސުން (ޕަރޓޫސިސް) އަށް 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ 31 ޖަނަވަރީ 2024 ވަނަ ދުވަހު ވިލިނގިލިން އިތުރު ޕަރޓޫސިސް ކޭސްއެއް ފެނިފައިވާ ކަމަށެވެ.
ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ވިލިނގިލިން މިއަހަރުގެ މިހާތަނަށް ފެނުނު 5 ވަނަ ކޭސް އެވެ.
އެޗްޕީއޭއިން ބުނީ ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ އަދަދު 117ށް އަރާއިރު، އަލާމަތްތައް ހުރި ކޮންޓެކްޓުންގެ އަދަދަކީ 25 އެވެ. އަލާމަތްތައް ހުރެގެން 46 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށާއި، ހައި ރިސްކްގެ ކޮންޓެކްޓުންގެ ގޮތުގައި 2 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 27 މީހަކަށް ޕްރޮފައިލެކްސިސް ދެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ޕަރޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމާއި، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުމާއި، 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުމާއި އަދި އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ޕަރޓޫސިސްއާއި އެހެނިހެން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ވިލިނގިލީ ޓާސްކްފޯސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، އެ އެޖެންސީގެ އިތުރުން ސިއްހީ ވުޒާރާ އަދި އައިޖީއެމްއެޗް ގެ ފަންނީ ޓީމެއް ޖަނަވަރީ 31 ން ފެބުރުވަރީ 1 އަށް ގއ. ހޮސްޕިޓަލުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން، ޓާސްކްފޯސްއާއި ބައްދަލުކޮށް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ ކަންކަން މަޝްވަރާކޮށް ދިމާވާ ދަތިތަކާއި ގޮން ޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ލަފާ ދެވުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެއިތުރުން ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ކްލިނިކަލް މެނޭޖްމަންޓް ސެޝަންއެއް ކުރިއަށް ގެންގޮސް ކޮންޓެކްޓް ޓްރޭސިންނާއި ކޭސް އިންވެސްޓިގޭޝަން އާއި ބެހޭ ގޮތުން މައުލޫމާތުދީ ލަފާ ދެވުނު ކަމަށާއި، ޕަރޓޫސިސްގެ އިތުރުން އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ބަލިތަކުންރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް، ސްކޫލްގެ ބެލެނިވެރިންނަށާއި އާއްމުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށެވެ.